ކ. މާލެ
|
25 ޖުލައި 2019 | ބުރާސްފަތި 09:45
ވޯލްޓް ޑިޒްނީ
ވޯލްޓް ޑިޒްނީ
ޑިޒްނީ
ވޯލްޓް ޑިޒްނީ
ބޮކްސް އޮފީހުގައި ޑިޒްނީގެ ފިލްމްތައް ވަރަށް ކާމިޔާބު!
ބޮކްސް އޮފީހު މިހާތަނަށް ރިލީޒް ކުރި ހުރިހާ ފިލްމަށް ބަލާއިރު، ގަދަ ދިހައެއްގެ ޑިޒްނީގެ ހަ ފިލްމް ހިމެނޭ

ޑިޒްނީގެ ފިލްމްތައް ބޮކްސް އޮފީހުގައި ދަނީ ބޮޑެތި ކާމިޔާބީތައް ހޯދަމުންނެވެ.

އެގޮތުން، އެ ކުންފުނިން އެންމެ ފަހުން ރިލީޒް ކުރި "ލަޔަން ކިންގް" ވެސް ހަމަ އެހާ ކާމިޔާބެވެ. ޖުލައި 19ގައި ރިލީޒް ކުރި މި ފިލްމަށް ރިލީޒް ކުރި ހަފްތާ ބަންދުގައި އެމެރިކާ އިން އެކަނި 185 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާއިރު، މުޅި ދުނިޔެއަށް ބަލާއިރު "ދަ ލަޔަން ކިންގް"އަށް މިހާތަނަށް 500 މިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ވަނީ ލިބިފައެވެ. "ދަ ލަޔަން ކިންގް" ޗައިނާގައި ރިލީޒްކޮށްފައިވަނީ ޖުލައި 12ގައެވެ.

"ދަ ލަޔަން ކިންގް"ގެ ކާސްޓް

ކުރީގެ ކްލެސިކް އެނިމޭޓެޑް ފިލްމްތައް ޑީޒްނީއިން މިހާރު ރީމޭކް ކުރަމުންދާއިރު، މިހާތަނަށް ރިލީޒް ކުރި މިފަދަ ހުރިހާ ފިލްމްތަކުގެ ތެރެއިން ރިލީޒް ކުރި ހަފްތާގައި އެންމެ ކާމިޔާބު ފިލްމަކީ ވެސް "ދަ ލަޔަން ކިންގް" އެވެ.

މިފަދަ އެހެން ކްލެސިކްއެއް ކަމަށްވާ "އަލާދީން"ގެ ލައިވް އެކްޝަން ފިލްމެއް މޭ މަހު ރިލީޒް ކޮށްފައިވާއިރު، އެ ފިލްމަށް މިހާތަނަށް 990 މިލިއަން ޑޮލަރަށް ވުރެ ގިނަ އާމްދަނީއެއް ވަނީ ލިބިފައެވެ. 183 މިލިއަން ޑޮލަރަށް ތައްޔާރު ކުރި މި "އަލާދީން"ވަނީ ހޮލީވުޑްގެ އެންމެ ކާމިޔާބުއެއް ތަރިކަމަށްވާ ވިލް ސްމިތުގެ އެންމެ ކާމިޔާބު ފިލްމަށް ވެސް ވެފައެވެ.

"އަލާދީން"ގެ ޕޯސްޓަރ

ޑިޒްނީގެ މިހާތަނަށް އެންމެ ކާމިޔާބު ފިލްމަކީ މާވެލް ސްޓޫޑިއޯސްއާއެކު މި އަހަރުގެ އޭޕްރިލް މަހު ރިލީޒް ކުރި "އެވެންޖަރޒް: އެންޑްގޭމް"އެވެ. މި ފިލްމް މިހާރު ވަނީ، 2.7 ބިލިއަން ޑޮލއަރާއެކު، މިހާތަނަށް ރިލީޒް ކޮށްފައިވާ ހުރިހާ ފިލްމްތަކުގެ ތެރެއިން އެންމެ ކާމިޔާބު ފިލްމަށް ވެފައެވެ.

"އެވެންޖަރޒް: އެންޑްގޭމް" ޕޯސްޓަރ

2009 ވަނަ އަހަރުން ފަށައިގެން ބޮކްސް އޮފީހުގެ އެއްވަނާފައި އޮތް "އެވެޓަރ" އަށް ލިބިފައިވަނީ 2.79 ބިލިއަން ޑޮލަރެވެ.

ބޮކްސް އޮފީހުގެ ގަދަ ދިހައެއްގައި ޑިޒްނީއާއި މާވެލް ސްޓޫޑިއޯސްގެ ހަ ފިލްމް ހިމެނެއެވެ. އެއީ "އެވެންޖަރޒް: އެންޑްގޭމް"ގެ އިތުރުން، 2015 ވަނަ އަހަރު ރިލީޒް ކުރި "ސްޓާ ވޯޒް: ދަ ފޯސް އަވޭކަންސް" (އާމްދަނީ: 2.066 ބިލިއަން ޑޮލަރު)، 2018 ވަނަ އަހަރު ރިލީޒް ކުރި "އެވެންޖަރޒް: އިންފިނިޓީ ވޯ" (އާމްދަނީ: 2.048 ބިލިއަން ޑޮލަރު)، 2012 ވަނަ އަހަރު ރިލީޒް ކުރި "ދަ އެވެންޖަރޒް" (އާމްދަނީ: 1.519 ބިލިއަން ޑޮލަރު)، 2015 ވަނަ އަހަރު ރިލީޒް ކުރި "އެވެންޖަރޒް: އޭޖް އޮފް އަލްޓްރޯން" (އާމްދަނީ: 10.45 ބިލިއަން ޑޮލަރު) އަދި މިދިޔަ އަހަރު ރިލީޒް ކުރި "ބްލެކް ޕެންތަރ" (1.344 ބިލިއަން ޑޮލަރު) ހިމެނެއެވެ.

"ދަ ލަޔަން ކިންގް" އަކީ މާވެލްއާއި ސްޓާ ވޯޒް ފްރެންޗައިސްގެ އިރތުރުން ޑިޒްނީން ނެރުނު ފިލްމްތަކުގެ ތެރެއިން، ރިލީޒް ކުރި ހަފްތާ ބަންދުގައި އެންމެ ބޮޑު އާމްދަނީ ހޯދި ފިލްމެވެ

- ކޮމެންޓް