ކ. މާލެ
|
22 ޖުލައި 2019 | ހޯމަ 09:25
ރިޒްނާ ޒަރީރު
ސާހޯ
ގަދަ ހިފުމަކަށް ނުދާންވެގެން ސާހޯ ރިލީޒް ކުރާ ތާރިހު ފަސްކޮށްފި
މިހާރު ރިލީޒް ކުރަން ހަމަޖެހިފައިވަނީ 30 ގައި
ޖޯންއާ އަކްޝޭގެ ފިލްމު ރިލީޒް ކުރަނީ އޮގަސްޓު 15 ގައި

ޕްރަބާސްގެ އިތުރުން ޝްރައްދާގެ ފޭނުން މިހާރު އެންމެ ދިގު އިންތިޒާރެއް ކޮށްގެން ތިބީ ސާހޯ ރިލީޒް ކުރާނެ ދުވަހަަކަށެވެ. ފިލްމަށްޓަކައި ކުރެވޭ އުއްމީދުތައްވެސް ބޮޑެވެ. މީގެ ކުރިން ފިލްމު އުފެއްދި ފަރާތުން ސާހޯ ރިލީޒް ކުރާނެ ކަމަށް ބުނެފައިވަނީ އޮގަސްޓު މަހުގެ 15 ވަނަ ދުވަސް ކަމަށްވާ އިންޑިއާގެ މިނިވަން ދުވަހުގައެވެ.

އެކަމަކު ބައެއް ރިޕޯޓްތައް ބުނާ ގޮތުން އެ ދުވަހު ރިލީޒް ކުރަން ހަމަޖެހިފައިވާ ''މިޝަން މަންގަލް'' އާއި ޖޯން އަބްރަހަމް ފުލުހެއްގެ ރޯލުން ފެނިގެންދާ '' ބަޓްލާ ހައުސް'' އާ ވާދަކުރާކަށް ސާހޯ ފިލްމުގެ ޕްރޮޑަކްޝަން އިން ބޭނުންނުވާތީވެ ފިލްމު އަޅުވާ ތާރީހު ވަނީ އޮގަސްޓު މަހުގެ 30 ވަނަ ދުވަހަށް ބަދަލު ކޮށްފައެވެ.

އެކަން ހާމަކޮށްފައިވަނީ ފިލްމު އުފެއްދި ޔޫވީ ކްރިއޭޝަންސް އިން ކުރި ޓްވީޓެއްގައެވެ. އެކަމަކު ސީދާ ސަބަބަބެއް ނުބުނެއެވެ.

ހައިދަރްއާބާދުގައި ހުންނަ ޔޫވީ ކްރިއޭޝަންސް ޕްރޮޑަކްޝަން އާއި މަޝްހޫރު ޓީ-ސީރީސްއާ ގުޅިގެން ހަދާ މި ފިލްމުގައި ގިނަ އަދަދެއްގެ ކާސްޓުން ހިމެނެއެވެ. ސަޕޯޓިން ރޯލުން ނީލް ނިތިން މުކޭޝްއާއި ތަމަޅަ ފިލްމުތަކުން ފެނިގެންދާ އަރުޖުން ވިޖޭގެ އިތުރުން ޖެކީ ޝްރޯފް ވެސް ހިމެނެއެވެ. އިތުރު ކާސްޓުންގެ ތެރޭގައި، އެވެލިން ޝަރްމާ، ފެޝަން ޑިޒައިނަރު މަންދީރާ ބޭދީ، ޗަންކީ ޕާންޑޭގެ އިތުރުން ތެލަގޫ ކޮމޭޑިއަން ވެނެއްލާ ކިޝޯރް ވެސް ހިމެނެއެވެ.

"ސާހޯ" ހަދާފައި ވަނީ 300 ކްރޯޑް ރުޕީސްގެ ބަޖެޓަކުންނެވެ. މިއީ ޕްރަބާސް އެންމެ ފަހުން ކުޅެފައިވާ ''ބާހުބަލީ 2" އަށް ވުރެ ބޮޑު ހޭދައެއް ކޮށްގެން ހަދާފައިވާ ފިލްމެކެވެ. ފިލްމުގެ ބޮޑު ބައި ޝޫޓް ކޮށްފައިވަނީ ދުބާއި، އަބޫދާބީ އަދި ރޮމޭނިއާގެ އިތުރުން ޔޫރަޕްގެ އެހެނިހެން ގައުމުތަކުގައެވެ. ބޮޑު ބަޖެޓެއްގައި އުފައްދާ މި ފިލްމުގައި ދުބާއީގެ ބުރްޖް ޚަލީފާ ކައިރީގައި ނަގާފައިވާ އެކްޝަން ސީންއަކަށް 25 ކްރޯޑް ރުޕީސް ހޭދަ ކޮށްފައިވާ ކަމަށް ފިލްމު ހެދި ފަރާތާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

މި ފިލްމަކީ އެކްޝަން ފިލްމަކަށް ވާއިރު ފިލްމުގައި ކަނޑު އަޑީގެ ބައެއް މަންޒަރުތައް ވެސް ހިމެނެއެވެ. އެ ގޮތުން އެކަމަށް ތައްޔާރުވުމަށްޓަކައި ޕްރަބާސް ސްކޫބާ ޑައިވިން ދަސްކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ފިލްމު ހިންދީ، ތަމަޅަ އަދި ތެލަގޫ ބަހުން ނެރުމަށް ވަނީ ހަމަޖެހިފައެވެ. ފިލްމު ލިޔެ ޑައިރެކްޓްކޮށްފައި ވަނީ ތެލަގޫ ޑައިރެކްޓަރު ސުޖީތް ރެޑީއެވެ.

- ކޮމެންޓް