އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި މަލައިކާ އަރޯރާ މިއަހަރުގެ ދެވަނަ ފަހަރު ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސްފިއެވެ.
މަލައިކާ ވަނީ އޭނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ފޮޓޯތައް އިންސްޓަގްރާމް ކޮށްފައެވެ. މަލައިކާ ޗުއްޓީ ހޭދަކުރަމުން ދަނީ ބ. އަތޮޅުގައި އޮންނަ ދަ ވެސްޓިން މޯލްޑިވްސް މިރިއަންދޫ ރިސޯޓުގައެވެ. އޭނާގެ މި ދަތުރަކީ ފޮޓޯ ޝޫޓީން އަކަށް ރާއްޖެކުރި ދަތުރެއް ކަމަށް ޝޯޝަލް މީޑިއާގެ ޕޯސްޓެއްގައި ބުނެފައިވެއެވެ.
މަލައިކާ ވަނީ މީގެ ކުރިން މި އަހަރުގެ މާޗް މަހުވެސް ރާއްޖެއަށް ދަތުރެއް ކޮށްފައެވެ. އެދަތުރުގައި އޭނާ ޗުއްޓީ ހޭދަކޮށްފައިވަނީ ނިޔާމަ ޕްރައިވެޓް އައިލެންޑް ރިސޯޓްގައެވެ. އެ ދަތުރުގައި މަލައިކާގެ ލޯބިވެރިޔާ އަރްޖޫން ކަޕޫރްވެސް ރާއްޖެ އައިސްފައިވާ ކަމަށް އިންޑިއާގެ މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.
ސަލްމާން ޙާންގެ ކޮއްކޮ އަރްބާޒް ހާންއާ އެކު 19 އަހަރުވަންދެން ކައިވެނި ކޮށްގެން އުޅުމަށް ފަހު މަލައިކާ އާއި އަރްބާޒްގެ ކައިވެންޏަކަށް ނިންމުމެއް އައިސްފައިވަނީ 2017 ވަނަ އަހަރުއެވެ.
މަލައިކާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާއިރު ޝާހްރުކް ހާން ވެސް ދަނީ އާއިލާއެކު ޖުމެއިރާ ވިޓަވެލީގައި އާއިލާއާ އެކު ޗުއްޓީ ހޭދަކުރަމުންނެވެ.