ހޮރްމޫޒް ކަނޑުއޮޅިން އިރާނުގެ ޑްރޯންއެއް އެމެރިކާގެ ކަނޑުގެ ސިފައިން ވައްޓާލާފައިވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ޓްރަމްޕް ވިދާޅުވީ އެމެރިކާއިން ބުރާސްފަތި ދުވަހު އިރާންގެ ޑްރޯން ވައްޓާލީ އެމެރިކާގެ މަނަވަރު ޔޫއެސްއެސް ބޮކްސާރ އާއި 1000 ޔާރޑް ކައިރިއަށް ޑްރޯން އައުމުންކަމަށެވެ. ޑްރޯން ވައްޓާލުން އެއީ މަނަވަރުން އެޅި ރައްކާތެރިކަމުގެ ފިޔަވަޅެއް ކަމުގައި ވެސް ޓްރަމްޕް ވަނީ ވިދާޅިވެފައެވެ.
މިކަމާ ވިދިގެން އިރާނުން ބުނެފައިވަނީ އެ ގައުމުގެ ޑްރޯނެއް ގެއްލުނު ކަމުގެ ހަބަރު ލިބިފައިނުވާކަމަށާއި ހުރިހާ ޑްރޯނެއްވެސް ސަލާމަތުން އަނބުރާ ގައުމަށް އައިސްފާކަމަށެވެ. އިރާނުން ވަނީ ނިމިދިޔަ ޖޫން މަހު އިރާނުގެ ވައިގެ ސަރަހައްދަށް ވަން ކަމަށް ބުނެ އެމެރިކާގެ ޑްރޯނެއް ވައްޓާލާފައެވެ.
ދެ ގައުމުގެ ދެމެދުގައި ނުތަވަސްކަން އުފެދިފައިވާ އިރު އިރާނުން ވަނީ ގަލްފުން ވަގަށް ތެޔޮ ބޭރުކުރަން އުޅުނު އުޅަދެއްކަމަށް ބުނެ ތެޔޮ ޓޭންކަރެއްވެސް ހިފާއްޓަފައެވެ. އެމެރިކާއިން ވަނީ މި ތެޔޮ ޓޭންކަރު ވަގުތުން ވަގުތަށް ދޫކޮށްލުމަށް ގޮވާލާފައެވެ.
"ސްޓްރެއިޓް އޮފް ހޯރމޫޒް" އަކީ "ގަލްފް އޮފް ޕާޝިއަން" އާއި "ގަލްފް އޮފް އޮމާން" އާއި ދެމެދު އޮންނަ ކަނޑުއޮޅިއެކެވެ.