ދިވެހިރާއްޖޭގައި ލޭނުގެ މަސްވެރިކަން ފުޅާވެގެން ގޮސްފައި ނުވަނީ ސަރުކާރުން އެކަމަށް ދޭންވާ އަހަންމިއްޔަތުކަން ނުދޭތީ ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ވިދާޅުވެއްޖެ އެވެ.
ބޭރުގެ މަސްބޯޓުފަހަރު ރާއްޖޭގެ މަސްކަނޑުތަކުގައި މަސްވެރިކަން ކުރުން ހުއްޓުވުމާއި ގުޅޭގޮތުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި ޤާރާރަށް ބަހުސް ކުރައްވަމުން ހުސެއިން ވިދާޅުވީ ދިވެހިރާއްޖޭގެ މަސްވެރިންކަން ތަރައްގީ ކުރުމަކީ މީގެ 58 އަހަރު ކުރިން ދިވެހި ކުންފުނިތަކުން ކުރަމުން އައި ކަމެއް ކަމަށެވެ.
ނަމަވެސް މިހާތަނަށް ލޭނުގެ މަސްވެރިކަން ފުޅާވެގެން ގޮސްފައި ނުވަނީ ސަރުކާރުތަކުން އެކަމަށް ދޭންވާ އަހަމިއްޔަތުކަން ނުދެވުމުގެ ސަބަބުން ކަމަށެވެ.
ހުސައިން ވިދާޅުވީ މާލޭ ސަރަހައްދުގައި މިހާރު ވެސް މަސްކިރާނެ ބޯޓެއް ނެތް ކަމަށާއި އައިސް ލިބޭނެ ގޮތެއް ވެސް ނެތް ކަމަށެވެ.
މީގެ އިތުރުން އެއްމެ ގަދައަށް މަސްބާނާ އެއް އަތޮޅު ކަމަށްވާ މ. އަތޮޅުގައި މި ޚިދުމަތްތައް ލިބެން ނެތްކަން ވަނީ ފާހަގަ ކުރައްވާފައެވެ.
ހުސެއިން ވިދާޅުވީ އޭނާ ނިސްބަތްވެ ވަޑައިގަންނަވާ ހެންވޭރަކީ މާލޭގައި އެންމެ ފުރަތަމަ މަސްދޯނިފަހަރު ބަނދެ، މަސްމާރުކޭޓް ހެދުނު އަވަށް ކަމަށާއި އެންމެ ގިނަ މަސްވެރިން ތިބި އަވަށް ކަމަށެވެ.
މަސްވެރިންނަށް ފަސޭހައިން ކަންކަން ކުރެވޭނެ އިންތިޒާމް ހަމަޖއްސަވައިދެއްވުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.
އަދި މި މައްސަލަ ދިމާވަނީ އެންމެ ކުންފުންޏަކަށް ބަރޯސާވެގެން މަސްވެރިން އުޅެންޖެހޭތީ ކަމަށް ހުސެއިން ފާހަގަ ކުރެއްވިއެވެ.
މަގްސަދަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ދިވެހި މަސްވެރިންނަށް ހަމައެކަނި މަސްވެރިކަން ކުރެވޭ ގޮތަށް ބޭއްވުން ކަމަށް ހުސެއިން ވިދާޅުވިއެވެ.