މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހްމަދު ނަސީރާއި ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްގެ ކުރީގެ ވެރިޔާ އަބްދުﷲ އަޝްރަފް މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ހާޒިރު ކުރުމަށް ނިންމަވައިފިއެވެ.
މާލިއްޔަތު ކޮމެޓީއިން މިހެން ނިންމަވާފައި ވަނީ އަބްދުﷲ އަޝްރަފް އަހްމަދު ނަސީރާއި ދެކޮޅަށް ސިޓީއެއް މާލިއްޔަތު ކޮމެޓީއަށް ފޮނުއްވުމާއި ގުޅިގެންނެވެ.
އަބްދުﷲ އަޝްރަފު މާލިއްޔަތު ކޮމެޓީއަށް ހުށަހަޅާފައިވާ ސިޓީގައި ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ އިސްވެރިޔާގެ މައްސޫލިއްޔަތު އަދާކުރުމަށް ދަތިކުރި ކަމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން މަނީ ލޯންޑާރ ކުރި މައްސަލަ ފުލުހުންނަށް ހުށަހެޅުމަށް ހުރަސްއެޅި ކަމަށް ބުނެ ގަވަރުނަރުގެ މައްޗަށް ވަނީ ބޮޑެތި ތުހުމަތު ކުރައްވާފައެވެ.
ނަމަވެސް ގަވަރނަރ އަހްމަދު ނަސީރުވެސް ވަނީ މާލިއްޔަތު ކޮމެޓީއަށް ސިޓީއެއް ފޮނުވައި ނަސީރުގެ މައްޗަށް އަޝްރަފު ކުރައްވާފައިވާ ތުހުމަތުތައް ދޮގޮ ކުރައްވާފައެވެ.
މި މައްސަލައާއި މެދު ދެބޭފުޅުންނާއި ވެސް ސުވާލު ކުރައްވާ ،ދެފަރާތުން މައުލޫމާތު އޮޅުން ފިލުވައި، ދިރާސާ ކުރުމަށް ކޮމެޓީގެ މެމްބަރުން ގެ އިއްތިފާގުން ވަނީ ފާސް ކުރެވިފައެވެ.
އަޝްރަފް މަގާމުން ވަކި ކުރެވުނީ ރައީސް ޔާމީންގެ އެކައުންޓަކަށް 22.5 މިލިއަން ރުފިޔާ ދެފަހަރެއްގެ މަތިން ޖަމާވި މައްސަލަ ފުލުހުންނަށް ރިޕޯޓުކުރުމާއި ގުޅިގެންނެވެ. އަޝްރަފު، އެފްއައިޔޫގެ ހެޑް މަޤާމުގައި ހުއްޓާ ގަވަރުނަރު ނަސީރު ވަނީ ކުއްލި ގޮތަކަށް އޭނާ ޕްރޮޖެކްޓް ސެކްޝަނަށް ބަދަލުކޮށްފަ އެވެ. އޭރު އަޝްރަފް ވަނީ ޔާމީން މަނީ ލޯންޑަރ ކުރިކަމުގެ ތުހުމަތުކުރެވުނު މައްސަލައެއް ފުލުހުންނަށް ހުށަހަޅާފަ އެވެ.
ހޯމަ ދުވަހުގެ ކޮމެޓީ ބައްދަލުވުމުގައި އަބްދުﷲ އަޝްރަފް މަގާމުން ވަކި ކުރެވުނު މައްސަލަ 18 ވަނަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ނިންމެވި ގޮތް ބެއްލެވުމަށް ހުށަހެޅުއްވީ ހަނިމާދޫ ދާއިރާގެ މެމްބަރު ޢަބްދުލްޣަފޫރު މޫސާއެވެ. މި ހުށަހެޅުއްވުމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ތާއީދު ކުރެއްވިއިރު ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވަނި މި މައްސަލަ އާއި ގުޅިގެން އަހްމަދު ނަސީރާއި އަބްދުﷲ އަޝްރަފް ކޮމިޓީއަށް ހާޒިރު ކުރުމަށް ހުށަހަޅުއްވާފައެވެ. މި ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ އެވެ.
ހާޒިރު ކުރުމަށް ކޮމެޓީއިން ނިންމެވީ އަންނަ ހަފްތާއަށް އެޖެންޑާ ކުރުމަށެވެ.