ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ރީ ރަޖިސްޓްރީ ކުރުމުގެ ކަންތައް ފަސޭހާ ކުރުމުގެ ގޮތުން އިލެކްޓްރޯނިކް ރީ ރަޖިސްޓްރޭޝަން ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިލެކްޝަން ކޮމިޝަން ( އީސީ) އިން ބުނެފިއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިލެކްޝަން ކޮމިޝަންގެ ނާއިބް ރައީސް އަމްޖަދު މުސްތަފާ އިންތިހާބު ތެރޭގައި ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ރީ ރަޖިސްޓްރީ ކުރުމުގެ ކަންތައްތައް ކަމަށެވެ.
މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައިވެސް އެންމެ ބޮޑަށް ޝަކުވާ ލިބިފައިވާނީ ރީ ރަޖިސްޓްރީ ކުރުމާއި ގުޅޭ ގޮތުން ފާހަގަކުރައްވަމުން އަމްޖަދު ވިދާޅުވީ، އެކަން މިހާރަށްވުރެ ފަސޭހަ ކުރުމުގެ ގޮތުން ރީ ރަޖިސްޓްރީ ކުރުމަށްޓަކައި އިލެކްޓްރޯނިކް ވަސީލަތެއް ބޭނުން ކުރުމުގެ މަސައްކަތް އީސީން ކުރަމުންދާ ކަމަށެވެ.
ރީ ރަޖިސްޓްރޭޝަން ޕްރޮސެސް އިތުރަށް ފަސޭހަ ކުރުމަށްޓަކައި އަޅުގަނޑުމެންނަށް ކުރެވިދާނެ ކަމެއް ރީ ރަޖިސްޓްރޭޝަން ކުރެވޭނެ ފަސޭހަ ގޮތްތަކެއް މިސާލަކަށް ރީ ރަޖިސްޓްރޭޝަން ކުރުމަށްޓަކައި އަޅުގަނޑުމެންނަށް އިލެކްޓްރޯނިކް ވަސީލަތެއް ބޭނުންކުރުން. އެއީ ކުރެވިދާނެ ކަމެއްކަމަށް އަޅުގަނޑަށް ފެނޭ. އެއީ ކިހާވަރަކަށް ރާއްޖެ އަށް އެޕްލައި ކުރެވިދާނެ ކަމެއްތޯ ބެލުންއަމްޖަދު މުސްތަފާ ~ އިލެކްޝަން ކޮމިޝަންގެ ނާއިބް ރައީސް ~
އަމްޖަދު ވިދާޅުވީ، އެފަދަ ނިޒާމެއް ގާއިމް ކުރެއްވިއްޖެނަމަ އީސީން ކަނޑައަޅާ ތަންތަނުގައި އިލެކްޓޯރިން މެޝިން ތަކެއް ބެހެއްޓުމުން ރީ ރަޖިސްޓްރީ ކުރުމަށް ފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ. ކޮންމެ ވަގުތެއްގައި ވެސް އެތަނަކުން އެމީހަކަށް ރީ ރަޖިސްޓްރީ ކުރެވޭނެ ކަމަށެވެ. އެހެން ނަމަވެސް އެއީ ރާއްޖޭގައި ކުރެވިދާނެ ކަމެއްތޯ މިހާރު ބަލަމުންދާ ކަމަށް ވިދާޅުވިއެވެ.
ކުރީ އިންތިހާބު ތަކުން ލިބުނު ތަޖުރިބާއާ އެކު މި ފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ފޮށިތައް އިތުރު ކުރުމުގެ އިތުރުން ގިނަ ވަގުތު ކިޔޫގައި ގިނަ ވަގުތު މަޑުނުކޮށް ވޯޓު ލެވޭނެ އިންތިޒާމެއް ހޯދުމަކީ އީސިން އިސްކަމެއްދީގެން ކުރަމުންދާ ކަމެއްކަމަށް އީސީގެ ނާއިބް ރައީސް ވިދާޅުވިއެވެ.
ލޯކަލް ކައުންސިލް އިންތިހާބަކީ ގިނަ ކެނޑިޑޭޓުންތަކެއް ކުރިމަތިލާއިރު ވޯޓު ގުނަން ބައެއް ފަހަރު ދެ ދުވަސް ވެސް ނަގާއިރު ކޮންމެ ދާއިރާއަކަށް ތިން ޝީޓު ތައްޔާރު ކުރަން ޖެހެއެވެ.
ކުރިޔަތް ކައުންސިލް އިންތިހާބުގައި އެކަންތައް ރަނގަޅު ކުރުމުގެ ގޮތުން ކާބަން ލެސް ކަރުދާސް ބޭނުންކުުރުމުގެ ވިސްނުން އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.