ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ދެކުނު އިރުމަތީ އޭޝިޔާ ސަރަހައްދަށް ކަނޑައަޅުއްވާފައިވާ ރީޖަނަލް ޑިރެކްޓަރ ޑރ. ޕޫނަމް ކެތްރަޕާލް ސިންގ ރަސްމީ ދަތުރުފުޅެއްގައި ދިވެހިރާއްޖެއަށް ވަޑައިގެންފިއެވެ.
ޖުލައިމަހުގެ 14 އިން 16 އަށް އެކަމަނާ ކުރައްވާ މި ދަތުރުފުޅުގައި މައިމީހާގެ ފަރާތުން ކުޑަދަރިފުޅަށް އެޗް.އައި.ވީ އަދި ސިފިލިސް ވާސިލްނުވާ ގައުމެއް ކަމުގައި ދިވެހިރާއްޖެ ކަނޑައަޅުއްވާ ދުނިޔޭގެ ސައްހަތު ޖަމިއްޔާއިން ދެއްވާ 'އެލިމިނޭޝަން އޮފް މަދަރ ޓު ޗައިލްޑް ޓްރާންސްމިޝަން އޮފް އެޗް.އައި.ވީ އެންޑް ސިފިލިސް' ގެ ރަސްމީ ލިޔުން ދިވެހިރާއްޖެއާއި ހަވާލުކުރައްވާނެއެވެ. މި ދަތުރުފުޅުގައި 2030 ވަނަ އަހަރަށް ދިވެހިރާއްޖެއިން ލެޕްރަސީ އެއްކޮށް ނައްތާލުމަށް މަސައްކަތް ކުރާނެގޮތުގެ ފްރޭމެވޯކާއި ދުނިޔޭގެ ވައިނުސާފުވުމާއި ގުޅިގެން ފަށާފައިވާ ބައިނަލްއަގްވާމީ 'ބްރީދްލައިފް' ކެމްޕެއިން ދިވެހިރާއްޖޭގައި އިފްތިތާހު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ސިއްހީ ދާއިރާ ކުރިއެރުވުމަށް ކުރެވޭ ޓެކްނޮލޮޖީގެ ބޭނުން ފުޅާކުރުމަށް ސިއްހީީ ހިދުމަތްތެރިންގެ މައުލޫމާތު ބެލެހެއްޓުމަށް އެކުލަވާލެވިފައިވާ 'ހިއުމަން ރިސޯސް ފޯރ ހެލްތު' ޕްލެޓްފޯރމާއި ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމަށް މާލެ އާއި އަތޮޅުތެރޭގައި ކުރެވޭ މަސައްކަތް މޮނިޓަރކޮށް ވަކި މިންގަނޑަކަށް ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭނެ މޯބައިލް އެޕްލިކޭޝަނެއްވެސް އެކަމަނާގެ މިދަތުރުފުޅުގައި ލޯންޗުކުރެވިގެންދާނެއެވެ. އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހަދިޔާ ކުރައްވަމުންގެންދަވާ އައުޓްޑޯރ ޖިމް އާލާތްތަކުގެ އިތުރު ސެޓްތަކެއް މި ދަތުރުފުޅުގައި ރީޖަނަލް ޑިރެކްޓަރ ހެލްތް މިނިސްޓްރީއާއި ހަވާލުކޮށްދެއްވާނެއެވެ.
ޑރ. ޕޫނަމް ގެ ތިން ދުވަހުގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމްއާއި މިނިސްޓްރީ އޮފް ހެލްތުގެ އިސް ފަރާތްތަކާ ބައްދަލުކޮށް ދިވެހިރާއްޖޭގެ ސިއްހީ ހާލަތު އިތުރަށް ހަރުދަނާކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެހީތެރިކަން ފޯރުކޮށްދެވިދާނެގޮތްތަކާ ގުޅޭގޮތުންނާއި ކުރިޔަށް އޮތް އަހަރަށް ރޭވިފައިވާ މަސައްކަތްތަކާމެދު މަޝްވަރާކުރެވިގެންދާނެއެވެ. ދެކުނު އިރުމަތީ އޭޝިޔާ ސަރަހައްދަށް ކަނޑައެޅިފައިވާ ޓާގެޓްތައް ހާސިލްކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ދިވެހިރާއްޖޭއަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކާއި ގުޅޭ މަޝްވަރާތައްވެސް މި ބައްދަލުވުންތަކުގައި ކުރިއަންގެންދާނެއެވެ.