މާރޗު 2019 ގެ ލޯން ސްކީމުގެ ދަށުން މިހާތަނަށް މީހުން ކަނޑައަޅާފައި ނުވާ 163 ޖާގައަށް ލޯނު ދޫކުރާނެ ފަރާތްތައް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން އިއުލާނު ކޮށްފިއެވެ.
އާދިއްތަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވިދާޅުވީ، ޖޫން މަހުގެ 11 ވަނަ ދުވަހު ލޯނަށް އެދި ހުށައެޅުމުގެ ފުރުސަތު ހުޅުވާލުމުން ލޯނުގެ އުސޫލުތަކާއި ޤަވާއިދުތަކަށް ފެތޭ ވަރަށް ގިނަ އެޕްލިކޭޝަންތައް ހުށައަޅާފައިވާ ކަމަށާއި، އިއުލާނުގެ މުއްދަތު ހަމަވިއިރު 960 ފަރާތަކުން ލޯނަށް އެދި ހުށައަޅާފައިވާ ކަމަށެވެ.
އަދި މިއީ ލޯނަށް އިއުލާނުކުރި ހުރިހާ ސްލޮޓަކަށް ޝަރުތު ހަމަވެ އެ ސްލޮޓުތަކަށް ލޯނު ދޫކުރާ ފުރަތަމަ ފަހަރު ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
ލޯނުގެ 242 ޖާގަ އަށް ފުރަތަމަ ފުރުސަތު ހުޅުވާލީ މިދިޔަ މާޗް މަހުގެ ތެރޭގައެވެ. އެފަހަރު ވެސް 900 އަށްވުރެން ގިނަ ދަރިވަރުން ލޯނަށް އެދި ހުށައަޅާފައިވާއިރު، މި ދަރިވަރުންގެ ތެރެއިން ލޯނު ކަށަވަރުވެފައި ވަނީ 79 ދަރިވަރުންނަށެވެ. އެހެން ދަރިވަރުންގެ ފޯމްތައް ތަފާތު ސަބަބުތަކާއި ހުރެ ޑިސްކޮލިފައި ވެފައި ވެއެވެ.
އެގޮތުން މިނިސްޓަރ ވިދާޅުވީ، ލޯނުގެ ބާކީ ހުރި ޖާގަތަކަށް މިނިސްޓްރީން ފުރުސަތު ހުޅުވާލީ މިހާރު ކިޔަވަމުން އަންނަ ދަރިވަރުންނަށާއި އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް ކަމަށެވެ. އެގޮތުން 163 ޖާގައިގެ ތެރެއިން 84 ޖާގަ ހާއްސަކޮށްފައި ވަނީ ކިޔަވަން ފަށާފައިވާ ދަރިވަރުންނަށް ކަމަށާއި، އަދި ކިޔަވަމުން އަންނަ ދަރިވަރުންނަށް ބާކީ އޮތް 79 ޖާގައިން ލޯނު ދޫކޮށްފައިވާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިފަހަރު އެޕްލިކޭޝަންތައް ފުރުމުގައި އެކި ގޮތްގޮތުން މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، ލޯނު ދިނުމުގެ އުސޫލު މުރާޖައާކޮށް ފަސޭހައިން ލޯނަށް އެދެވޭނެ އިންތިޒާމު ވެސް މިނިސްޓްރީން ހަމަޖައްސާފައިވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މިފަހަރު އެޕްލިކޭޝަންތަކުގައި މައްސަލަތައް މަދުކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ، މި އަހަރު ފަހުކޮޅުގައި ވެސް ލޯނަށް އެދި ހުށައެޅުމުގެ ފުރުސަތު ހުޅުވާލުމަށް މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށާއި، ހުޅުވާލާނެ ޖާގައިގެ އަދަދާއި ތަފްސީލު ފަހުން ހާމަކުރައްވާނެ ކަމަށެވެ.