ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާއި އަޅާބަލާއިރު މި ސަރުކާރު ހިނގަމުންދާ ސްޕީޑް މާ ބާރު ކަމަށް
ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލަތް) ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ގައި ވާހަކަ ދައްކަވަމުން އަހުމަދު ހަލީމް ވިދާޅުވީ ބައެއް ފަރާތްތަކުން މި ސަރުކާރު ހިނގަމުން ދާ ސްޕީޑް ސްލޯ ކަމަށް ބުނި ނަމަވެސް ވޭތިވެދިޔަ ރައީސް ޔާމީންގެ ސަރުކާރާ އަޅާބަލާއިރު މިސަރުކާރުގެ ޕްރޮޖްކްޓްތައް ހިނގަމުންދާ ސްޕީޑް މާ ބާރު ކަމަށެވެ.
އަދި މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ދެމެހެއްޓެނިވި ގޮތެއްގައި ރޭވުންތެރި ކަމާއި، ވިސްނުންތެރި ކަމާއި އެކު، ރައްޔިތުންނަށް ފައިދާވާނެ ގޮތަކަށް ކަމަށް ވިދާޅުވިއެވެ.
"ވޯޓެއް ހޯދުމަށްޓަކައި ބައެއްގެ ލޮލުގައި އަނދުން އަޅުވާލުމަށްޓަކައި ކަޑައެއް ޖެހުން ނުވަތަ އެކްސަވޭޓަރެއް ގެންގޮސް ބާޢްވާފައި އަނެއް ދުވަހު ގެނައުމެއް ނޫން" އަހުމަދު ވިދާޅުވިއެވެ.
އަހުމަދު ވިދާޅުވީ މި ސަރުކާރުން މަސއްކަތް ކުރަމުންދަނީ ރައްޔިތުންނަށް އޭގޭ ފައިދާ ދިގުމުއްދަތެއްގައި ކުރާ ގޮތަށް ކަމަށާއި އަދި އެކުރާ ކަމެއްގައި އެންމެ މަދުން ފައިސާ ޚަރަދުވާނެ ގޮތަކަށް ބަލައި މަސައްކަތްތައް ރާވައިގެން ކަމަށެވެ.
މީގެ އިތުރުން މި ޕރޮގްރާމްގައި އަހުމަދު ވަނީ ގެސްޓްހައުސް ހިންގުމަށް ހުރި ގޮންޖެހުންތަކާއި ގުޅޭ ގޮތުން ވެސް ވާހަކަ ދައްކަވާފައެވެ.
ހަލީމް ފާހަގަ ކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައި ނަރުދަމާއާއި، ސާފު ބޯފެނާއި، ކަރަންޓްގެ ޚިދުމަތް ބައެއް ރަށްރަށުގައި ފުރިހަމައަށް ލިބެން ނެތުމުގެ އިތުރުން ދަރުތު ފަތުރުނިޒާމްގައި ހުރި ދަތިކަން ވެސް ވަނީ ފާހަގަ ކުރައްވާފައެވެ.
މާލެ އަތޮޅާއި މާލެ ކައިރީ އަތޮޅުތަކުގައި ގެސްޓްހައުސް ވިޔަފާރި ކުރިއަރަމުންދާ އެއް ސަބަބަކީ ފަސޭހައިން ހެޔޮ އަގެއްގައި އެރަށްތަކަށް ދެވުންކަން އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.
އަހުމަދު ހަލީމް ވިދާޅުވީ އެތެރޭގެ އުދުހުންތަކުގެ އަގު ދިވެހިންނާއި އެއްހަމައެއްގައި ފަތުރުވެރިންނަށް ވެސް ދެވޭނަމަ ގެސްޓްހައުސް ވިޔަފާރި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް ކުރިއަރާނެ ކަމަށެވެ.
20 މިނެޓުން ދެވޭ ހިސާބުގައި އެއަރޕޯޓްތައް އެޅި، ހެޔޮ އަގެއްގައި ފަސޭހައިން ދަތުރު ފަތުރު ކުރެވޭނެ ނިޒާމެއް ޤާއިމް ވެއްޖެ ނަމަ ގެސްޓްހައުސްތައް ދެ ގުނައަށް އިތުރުވެގެން ދާނެ ކަމަށް އަހުމަދު ވިދާޅުވިއެވެ.
އަހުމަދު ވިދާޅުވީ 2008 އަހަރު މޯލިޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ދަތުރުފަތުރުގެ ނިޒާމުން މުޅި ރާއްޖެ ގުޅުވާލުމުގެ މަސައްކަތް ފެށި ކަމަށާއި ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން އެއްވެސް ވަރެއްގެ ޝައުގުވެރިކަން އެކަމަށް ނެތް ކަމަށެވެ. ނަމަވެސް މިސަރުކާރުން ވަނީ ދަތުރުފަތުރުގެ ނިޒާމަކުން މުޅި ރާއްޖެ ގުޅުވާލުމުގެ މަޝަރޫއެއް ފަށާފައި ކަމަށާއި ކުރިއަށް އޮތް ދުވަސް ތަކުގައި ދަތުރުފަތުގެ ވަރަށް ރަނގަޅު ނިޒާމެއް މުޅި ރާއްޖޭގައި ފެށިގެން ދާނެ ކަމަށެވެ.