ވޯލްޑް ބޭންކް ޕްރޮޖެކްޓްގެ ތެރެއިން އުޅަނދު ފަހަރު ޓްރެކް ކުރާ ޑިވައިސް ވަރަށް އަވަހަށް ލިބިގެންދާނެ ކަމަށް މިނިސްޓަރު އޮފް ފިޝަރީޒް މެރިން ރިސޯސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.
ޖަޒީރާ ހޮޅުއަށި ސިލްސިލާގެ ދަށުން ބޭއްވި ތިން ވަނަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޒަހާ ވިދާޅުވީ ވޯލްޑް ބޭންކް ޕްރޮޖެކްޓްގެ ތެރެއިން އުޅަނދު ފަހަރު ޓްރެކް ކުރާ ޑިވައިސް ވަރަށް އަވަހަށް ލިބިގެންދާނެ ކަމަށާއި އެ ޕެކޭޖް ތެރޭގައި އިންޓަރނެޓް ނުލިބޭ ސަރަހައްދުތަކުގައި އުޅޭއިރު ސޯޝަލް މީޑިއާ އެޕްލިކޭޝަން ބޭނުންކުރެވޭނެ މަގުފަހި ކުރުމުގެ އިންތިޒާމްތައް ހަމަޖައްސައިދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
މިފަހަރު އުޅަނދު ފަހަރު ޓްރެކް ކުރާ ޑިވައިސް ސަރުކާރުން ދޭނީ ހިލޭ ކަމަށާއި އޭގެ ކުޑަ ފީއެއް ނެގިގެންދާނެ ކަމަށް ވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
އަޅުގަނޑުމެން މިހާރު ހިންގަމުންދާ ވޯލްޑް ބޭންކް ޕްރޮޖެކްޓްގެ ތެރެއިން ވެސްލް ލޮކޭޓިންގ ޑިވައިސް ވަރަށް އަވަހަށް އަންނާނެ. ޓެންޑަރ ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ. އެ ޑިވައިސްއާ އެކީގައި ބައެއް ކަހަލަ މައުލޫމާތު ދެވޭ ކަހަލަ ނިޒާމެއް ޤާއިމުކުރަން މި މަސައްކަތް ކުރަނީ. މަސްވެރިކަމުގެ މޫސުމާއި މަސްވެރިކަން ރަނގަޅު ހިސާބުތަކުގެ މައުލޫމާތު ލިބޭނެ ގޮތަކަށް މި މަގުފަހި ކުރަނީ. ވީއެލްޑީއެސް ހަރުކުރުމަށް ތިބޭފުޅުންނަށް ވަރަށް ބޮޑު ތަކުލީފަކަށްވީ އެހެން ނަމަވެސް ސަރުކާރުން މިފަހަރު މި ދެނީ ހިލޭ. އެއަށް ކޮންމެވެސް ކަހަލަ ފީއެއް އަންނާނެ އެކަމަކު އެއީކީ ބޮޑު ފީ އަކަށް ވެގެނެއް ނުދާނެޒަހާ ވިދާޅުވިއެވެ.
މީގެ އިތުރުން ކ. މަނިޔަފުށީގައި ޓްރެއިނިންގ ސެންޓަރެއް ޤާއިމުކުރުމުގެ އުމްރާނީ މަސައްކަތް ފެށިފައިވާ ކަމަށް ވެސް ޒަހާ ވިދާޅުވިއެވެ.
އިމްޕޯޓް ޑިއުޓީ އުނިކޮށްފައިވާ ޑީސަލް ޕްރޮގްރާމްގެ ހޭލުންތެރިކަން އިތުރުކޮށް ގިނަ މީހުން ބައިވެރި ކުރުވުމަށް މިނިސްޓްރީގެ ޓީމެއް ގދ. ތިނަދޫއަށް ދާނެ ކަމަށް ޒަހާ ފާހަގަކުރެއްވިއެވެ. މަސްވެރިންގެ ހަރަދުތައް ކުޑަ ކުރުމުގެ ގޮތުން، އިމްޕޯޓް ޑިއުޓީ އުނިކޮށްފައިވާ ޑީސަލް ގަތުމުގެ ޕްރޮގްރާމްގައި ބައިވެރިވުމަށް ސަޕްލަޔަރުންނަށް ހުޅުވާލާފައިވަނީ ޖޫން މަހުގައެވެ.
ޑިއުޓީ އުނިކޮށްފައިވާ ޑީސަލް ވިއްކުމަށް ހަމަޖެހިފައި ވަނީ އެ މިނިސްޓްރީން ދޫކުރާ މަސްވެރިކަމުގެ ލައިސެންސް އޮންނަ އުޅަނދުތަކަށް އެކަންޏެވެ. ފިޝަރީޒް މިނިސްޓްރީން ވަނީ ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ މަސްވެރިކަން ކުރާ އުޅަނދުތަކުން، އެ މިނިސްޓްރީން ލައިސެންސް ނެގުމަށް އެދިފައެވެ.
މަސްވެރިކަން ކުރުމަށް ކުރަންޖެހޭ ހަރަދު ކުޑަކުރުމުގެ ގޮތުން މަސްވެރިންނަށް ޑީސަލްގެ އިމްޕޯޓް ޑިއުޓީ ކަނޑާލުމަކީ މި ސަރުކާރުގެ ވައުދެކެވެ. ސަރުކާރުން ވަނީ އެކަން ކުރެވޭނެ އުސޫލު ގެޒެޓުގައި އާންމު ކޮށްފައެވެ.