މަސްވެރިކަމަށް ގެންނަ ތަކެތިން ޑިއުޓީ މައާފުކުރުމުގެ މަޝްވަރާތައްކޮށް އެކަމަށް ރަނގަޅު ހައްލެއް ހޯއްދައިވައި ދެއްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ޖަޒީރާ ހޮޅުއަށި ސިލްސިލާގެ ދަށުން ބޭއްވި ތިން ވަނަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ފަތުރުވެރިކަމަށް ފުރަތަމަ ގެންނަ ތަކެތިން ޑިއުޓީ މައާފުކުރި ނަމަވެސް މަސްވެރިކަމަށް ގެންނަ ތަކެތިން ޑިއުޓީ މައާފު ކުރަމުން މިހާރު ނުދާ ކަމަށެވެ. އަދި އެކަމަށް ރަނގަޅު ހައްލެއް ހޯއްދަވައި ދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މަސްވެރިކަމަށް ގެންނަ ތަކެތިން ޑިއުޓީ މާފުކުރުމަކީ ވަރަށް ރަނގަޅު ވާހަކައެއް. ޓޫރިޒަމަށް ފުރަތަމަ ގެންނަ ތަކެތިން ޑިއުޓީ އެބަ މައާފުކުރޭ. އެހެންނަމަވެސް މަސްވެރިކަމަށް ގެންނަ އިންޖީނުވިޔަސް ފައިބަރު ވިޔަސް އަދިއެއް ޑިއުޓީ މައާފެއް ނުކުރޭ. އެއީ ރަނގަޅުކަމެއް އަޅުގަނޑުމެން ވިސްނަން. އިރާދުކުރެއްވިއްޔާ އެކަމަށް މަޝްވަރާކޮށް ރަނގަޅު ގޮތްތަކެއް ހޯދައިދޭނަންރައީސް ވިދާޅުވިއެވެ.
ބައެއް މަސްވެރިން ދޯނި ފަހަރުގައި ބިދޭސީން ގެންގުޅެން ތާއީދު ކުރާއިރު އަނެއްބައި މަސްވެރިން އެކަމަށް ތާއީދު ނުކުރާކަމުގެ ވާހަކަތައް އަޑުއިވިފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެ މައްސަލައަށް އަލިއަޅުއްވާލައްވާ ރައީސް ވިދާޅުވީ ސަރުކާރުން އެކަމަށް ގޮތެއް ނިންމުމުގެ ކުރިން އާންމުންގެ އަދި ހާއްސަކޮށްގެން މަސްވެރިންނާއި މަޝްވަރާ ކުރައްވައިގެން ގޮތެއް ނިންމަވާނެ ކަމަށެވެ.
މީރާ އިން ޖޫރިމަނާތައް ކުރަނީ ޤާނޫނީ އިމުގެ ތެރެއިން ނޫންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ޓެކްސްގެ ނިޒާމު ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރަމުންދާ ކަމަށެވެ.
މަސްވެރިކަމުގައި އުޅޭއިރު ސިއްހީ ގެއްލުންތައްވާ ކަމަށް މަސްވެރިން ބުނަމުންދާތީ ރައީސް ވިދާޅުވީ ތިނަދޫގައި ޓަރޝިއަރީ ހޮސްޕިޓަލެއް އަޅާއިރު މަސްވެރިންނަށް ހާއްސަ ވަކި ޗެމްބަރެއް ޤާއިމު ކުރެވިގެންދާނެ ކަމަށެވެ.
މަސްވެރިން ބާނާ މަސް ގަނެވޭނެ ކެޕޭސިޓީ ރާއްޖޭގައި އަދިވެސް ނެތް ކަމަށާއި އެކަމަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ސްޓޯރޭޖް ކެޕޭސިޓީ އިތުރުކޮށް، މަސް ގަތުމަށް ފަހު ޕްރީޒްކޮށް، އެފަހުން ކޭން ކުރެވޭ ގޮތަށް ހެދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކޫއްޑޫ، ފެލިވަރު އަދި ތިނަދޫގައި ވެސް މަސް ސްޓޯރޭޖެއް ކުރާ ތަނެއް ހެދުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.
މަޝްވެރިންގެ ޝަކުވާތައް އަޑުއަހައި އެކަންތައްތަކަށް މިސަރުކާރުން ހައްލެއް ހޯދައިދޭނެ ކަމަށް ވަނީ ވައުދުވެފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު މަސްވެރިންނަށް ވައުދުވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް ދިވެހި މަސްވެރި އުޅަނދުތަކުން ރާއްޖެއިން ބާނާ މަސް ސީދާ ބޭރުގެ ގައުމުތަކަށް ވިއްކޭ ގޮތަށް މަސްވެރިކަމުގެ ބިލް ދާދިފަހުން، އެޓަރނީ ޖެނެރަލް (އޭޖީ) އޮފީހުން ރައީސް އޮފީހަށް ފޮނުވާފައެވެ.