ސިއްހީ ދާއިރާގެ މައުލޫމާތު ރިޕޯޓުކުރުމުގެ ފަންނުވެރިކަމަކީ މި ދާއިރާގައި މަސައްކަތްކުރާ ބޭފުޅުންގެ ކިބައިގައި ހުންނަނަޖެހޭނެ ހުނަރެއްކަމުގައި ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
އިންޓަރނޭޝަނަލް ސްޓެޓިސްޓިކަލް ކްލެސިފިކޭޝަން އޮފް ޑިސީސަސް (އައިސީޑީ-10) އަދި ޑިސްޓްރިކްޓް ހެލްތް އިންފޮރމޭޝަން ސިސްޓަމް (ޑީއެޗްއައިއެސް-02) ޕްރޮގްރާމްތައް ފެށުމުގެ ގޮތުން ހޮޓެލް ޖެންގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ ރާއްޖޭގެ ކަންކޮޅުތަކުން ލިބޭ ސިއްހީ މައުލޫމާތުތައް ބެލެހެއްޓުމަށްޓަކައި ދުނިޔޭގެ ފެންވަރުގައި ގަބޫލުކުރާ ހަމަތަކާ އުސޫލުތައް ގެންގުޅުމަކީ މައުލޫމާތު ތަކުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ކޮންމެހެން ވެސް ކުރަންޖެހޭނެ ކަމެއްކަމުގައެވެ.
އަމީން ވިދާޅުވީ މި ގޮތަށް އެއްކުރެވޭ މައުލޫމާތު ތަކުގެ ސަބަބުން ސިއްހީ ދާއިރާއަށް ދިމާވާ ގޮންޖެހުންތަކަށް ލުޔެއް ލިބިގެންދާނެ ކަމުގައެވެ. މީގެ އިތުރުން ސިއްހީ ނިޒާމުގައި ހިމެނޭ އިންސާނީ ވަސީލަތްތަކާ، ހިދުމަތްތަކާއި ޕްރޮގްރާމްތަކަށް ބޭނުންވާ ވަސީލަތްތަށް ލިބުމަށް ފަސޭހަވެގެންދާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ ސިއްހީ މައުލޫމާތުގެ ވިއުގަ ފުޅާވުމުން ފަރުވާ ހޯދަން އަންނަފަރާތްތަކަށް ބަލިތަކާ ބެހޭގޮތުން ސުވާލުކޮށް މައުލޫމާތު ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމުގައެވެ.
" އެމީހުންގެ ބައްޔާ ބައްޔަށް ލިބޭ ފަރުވާތަކާ މެދުގައި ސުވާލުކުރުމުގެ ފުރުސަތު ވެސް އިތުރުވެގެންދާނެ ކަމެއް ކަމުގައި އަޅުގަނޑު ގަބޫލުކުރަން، މިހެން ކަމުން ގާނޫނީ ގޮތުންނާއި އަދި މިނޫން ވެސް ގޮތްގޮތުން ފަރުވާ ހޯދުމަށް އަންނަ ފަރާތްތަކަށް ލިބިދޭ ހައްގުތައް ފުރިހަމަ ކުރުމަށްޓަކައި މައުލޫމާތަކީ ވަރަށް މުހިންމު އެއްޗެއް،"ހެލްތް މިނިސްޓަރ އަބްދުﷲ އަމީން
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވޯލްޑް ހެލްތް އޯގަނައިޒޭޝަން އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު އަރްވިންދް މާތޫރް ވިދާޅުވީ ސަރުކާރުން ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް މިކުރާ މަސައްކަތުގައި އެހީތެރިވުމަކީ ޑަބްލިއުއެޗްއޯ އަށް ލިބިގެންދާ ފަހުރެއް ކަމުގައެވެ. ސިއްހީ ދާއިރާގައި މަސައްކަތްކުރާ ބޭފުޅުންނަކީ ރަނގަޅު ތަމްރީން ލިބިފައިވާ މީހުންކަގައި ވުމަކީ މުހިންމު ކަމެއް ކަމުގައެވެ.
ޖުލައި 28 ގެ ނިޔަލަށް ކުރިއަށް ގެންދާ މި ތަމްރީން ޕްރޮގްރާމް ތަކުގައި ރާއްޖޭގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ސަރުކާރުގެ އަދި އަމިއްލަ ހިދުމަތްދޭ ފަރާތްތައް ހިމެނޭ ގޮތަށް މުވައްޒަފުން ބައިވެރިވާނެއެވެ. މި ތަމްރީނުގެ މައިގަނޑު މަގްސަދަކީ ބައިވެރިން ސިއްހީ ދާއިރާގެ ޓަރމިނޮލޮޖީތަކަށް އަހުލުވެރިކުރުމާ، ބަލިތައް އަދި މަރުވި ސަބަބު ބައިނަލްއަގްވާމީ މިންގަނޑަކަށް ކޯޑު ކުރެވި، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ގަބޫލުކުރެވޭ ފެންވަރަށް ސިއްހީ ދާއިރާގެ ތަފާސް ހިސާބު ބެލެހެއްޓުމަށް މަގުފަހިކުރުމެވެ.