ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ދެކޮޅަށް ދައުލަތުން ކުރާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް ބުރާސްފަތި ދުވަހަށް ތާވަލް ކުރި ނަމަވެސް ޝަރީއަތުގެ އަޑުއެހުން ނުބޭއްވުނީ ދައުލަތުން ހުށައެޅި ލިޔުންތަކާއި ގުޅިގެން ފަސް ދުވަސް ކުރިން އަންގާފައި ނުވާތީ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުން ތާވަލު ކުރި އެވެ. އެކަމަކު ކޯޓުން ބުނީ ޝަރީއަތް ނުބޭއްވުނީ އިދާރީ މައްސަލައަކާ ހެދި ކަމަށެވެ.
އެ މައްސަލާގައި މިހާރު ކުރިއަށް ދަނީ އިބްތިދާއީ އަޑުއެހުންތަކެވެ. ރައީސް ޔާމީންގެ ޝަރީއަތް ފެށުމުގެ ގޮތުން ޝަރީއަތުގެ ކުރިން ހުށައަޅަންޖެހޭ ހުށައެޅުންތައް އެންމެ ފަހުން ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުން ހުށައެޅިއެވެ.
އެޕްރީލް މަހުގެ 25 ވަނަ ދުވަހު ބޭއްވި އެ ޝަރީއަތުގައި ރައީސް ޔާމީންގެ ފަރާތުން ހުށައަޅަންޖެހޭ ހުށައެޅުންތަކަށް 10 ދުވަސް ދިނުމަށް އެމަނިކުފާނުގެ ވަކީލުން އެދުމުން އެ 10 ދުވަސް ދީފައި ވެއެވެ. އެހުށައެޅުންތައް ޔާމީންގެ ފަރާތުން ހުށައެޅުމުން އޭގެ ރައްދެއްގެ ގޮތުގައި ދައުލަތުން ވެސް ވަނީ ލިޔުންތަކެއް ހުށައަޅާފައެވެ.
ބިޝާމް ރާއްޖެއެމްވީޢަށް ވިދާޅުވީ, ދައުލަތުން އެންމެ ފަހުން ހުށައެޅި ލިޔުންތަކުގެ ފަހުން ފަސް ދުވަހުގެ މުއްދަތެއް މަދުވެގެން ދޭން ޖެހޭ ކަމަށާއި ޔާމީންގެ ޝަރީއަތް ނުބޭއްވުނީ އެ ފަސް ދުވަސް ކުރިން އެކަން އަންގާފައި ނުވާތީ ކަމަށެވެ.
އަޑުއެހުން ތާވަލްކޮށްފައި އޮތީ އިޖުރާއަތުގެ ގާނޫނުގެ 118 ވަނަ މާއްދާގެ (ކ) ގައި ބުނާ ގޮތަށް ފަސް ދުވަހުގެ ކުރިން އެކަން އަންގާފައެއް ނޫން.އެމާއްދާގައި ބުނާ ޝަރީއަތް ފެށުމުގެ ކުރިން ހުށައަޅާ ހުށައެޅުމަކާ ގުޅިގެން ބާއްވާ އަޑުއެހުން ބޭއްވުމުގެ ފަސް ދުވަސް ކުރިން އެކަން މައްސަލައިގައި ހިމެނޭ ދެފަރާތަށް ފަނޑިޔާރުން އަންގަން ވާނޭ. އަޅުގަނޑުމެންނަށް ލިބިފައިވަނީ އެއަށްވުރެ ކުރު ނޯޓިސްއެއްޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް
ޖިނާއީ އިޖުރާއަތުގެ ގާނޫނު ބުނާގޮތުން ޝަރީޢަތް ފެށުމުގެ ކުރިން ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން ބާއްވާ އަޑުއެހުން ބޭއްވުމުގެ ފަސް ދުވަސް ކުރިން އެކަން، މައްސަލައިގައި ހިމެނޭ ދެފަރާތަށް ފަނޑިޔާރު އަންގަންވާނެ ކަމަށެވެ.
ދައުލަތުން ރައްދެއްގެ ގޮތުން ލިޔުންތައް ހުށައެޅީ ކޮން ދުވަހަކު ކަމެއް ބިޝާމް ވިދާޅެއް ނުވެއެވެ.
އެންމެ ފަހުން ބޭއްވި އިބްތިދާއީ އަޑުއެހުމުގައި މަޖިލީހުގައި ދައުލަތުން ވަނީ ރައީސް ޔާމީނާއި ދެކޮޅަށް ހުށައަޅާ ދައުވާތައް ސާބިތުކުރުމަށް އަށް މީހެއްގެ ހެކި ހުށައަޅާފައެވެ.
ދައުލަތުން ހުށައެޅި ހެކިތަކުގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އޭސީސީގެ ރައީސް ހުސަން ލުތުފީއާއި، އޭސީސީގެ ނައިބު ރައީސް މުއައްވިޒު ރަޝީދާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔާތާއި، މުހައްމަދު ވަސީމާއި، ކުރީގެ ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރާއި، ބީއެމްއެލްގެ ބޯޑް މެމްބަރުން ކަމަށްވާ މުހައްމަދު ލުވެއިޒް އާއި މުހައްމަދު ޝަރީފެވެ.
ދައުލަތުން ބުނެފައިވަނީ ރައީސް ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކްސްކްރޯ އެކައުންޓުން 36 މަސް ދުވަހުގެ މުއްދަތަށް އިންވެސްޓް ކޮށްފައިވާ ކަން ހާމަވާ ކަމަށެވެ. އަދި އިސްލާމިކް ބޭންކްގެ ޑޮލަރު އެކައުންޓުން ބީއެމްއެލްގެ ޑޮލަރު އެކައުންޓަށް އޭގެ އަސްލު އޮޅުވާލުމަށް ޓްރާންސްފާ ކޮށްފައިވާ ކަން ހާމަވާ ކަމަށް ބުނެ ހެކީގެ ގޮތުގައި އޭސީސީއިން ހެދި އެސްކޮރޯ އެކައުންޓް އެއްބަސްވުމާއި، އޭސީސީގެ ތަހުގީގު ރިޕޯޓާއި، އެމްއެމްޕީއާރްސީގެ އޮޑިޓް ރިޕޯޓާއި، ރައީސް ޔާމީން އޭސީސީއަށް ދިން ބަޔާނާއި، މައްސަލާގައި ހިމެނޭ ޓްރާންސްސެކްޝަންތަކުގެ ޗެކްތަކާއި، ސްލިޕްތަކާއި، ބޭންކް ސްޓޭޓްމެންޓްތަކާއި، ޔާމީންގެ މާލީ ބަޔާން ހުށައަޅާފައެވެ.