މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑުންތަކެއް ގުޅިގެން ލަންކާގެ ރައީސް މައިތިރިޕާލަ ސިރިސޭނާ އަވަހާރަކޮށްލަން ރޭވި ރޭވުމެއް، ލަންކާގެ ފުލުހުންގެ އިންޓެލިޖެންސަށް ފަޅާއަރައިފި ކަމަށް އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އެސްއެލްއެފްޕީން ހާމަކޮށްފިއެވެ.
އެސްއެލްއެފްޕީގެ ސެކެޓްރީ ޖެނެރަލް ދަޔަސިރީ ޖަޔަސޭކަރަ މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި ރޭވުމުގެ އަޑީގައި ވަނީ މަރަން ހުކުމްކޮށްފައި ތިބި މަސްތުވާތަކެތީގެ ބޮޑުންތަކެއް ކަމަށެވެ. މި މައްސަލައިގެ ތަހުގީގު މިހާރު ގާނޫނޫ ތަންފީޒުކުރާ އިދާރާތަކުން ފަށާފައިވާ ކަމަށް ވެސް ޖަޔަސޭކަރަ ވިދާޅުވިއެވެ.
ޕާލިމަންޓުގެ މެމްބަރުކަން ވެސް ކުރައްވާ ޖަޔަސިރީ ވަނީ އެޕްރިލް މަހު އެ ގައުމުގައި ދިން ޓެރަރިސްޓު ހަމަލާއާއި, އެ މައްސަލަ ބަލަން އުފައްދާފައިވާ ޕާލިމަންޓުގެ ހާއްސަ ކޮމިޓީއާ މި ފަހުން ސުޕްރީމް ކޯޓަށް ހުށައެޅުނު އިންސާނީ ހައްގުތަކާ ގުޅޭ މައްސަލަތަކަކީ ބޮޑު "ކޮންސްޕިރަސީ" އެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.
އޭނާ ވިދާޅުވީ ސިރިސޭނާ އިސްވެ މިހާރު ދުންފަތާ، ބަނގުރަލާއި މަސްތުވާތަކެއްޗާ ދެކޮޅަށް ފަށާފައިވާ މަސައްކަތާ ދެކޮޅު ނުފޫޒުގަދަ ފަރާތްތަކެއް އެބަތިބި ކަމަށެވެ. އޭނާ ވިދާޅުވީ އީސްޓަރ ސަންޑޭ ހަމަލާއަކީ ވެސް އެ މަސައްކަތް ބަލިކަށިކޮށްލުމުގެ ގޮތުން ހިންގާފައިވާ ޖަރީމާއެއް ކަމަށެވެ.
ޖަޔަސޭކަރަ ވަނީ ރައީސް ސިރިސޭނާގެ ސީދާ އިސްނެންގެވުމުގެ ދަށުން މިހާރު އެ ގައުމުގައި މަސްތުވާތަކެއްޗާއި، ދުންފަތާއި ބަނގުރަލާ ދެކޮޅަށް ކުރާ މަސައްކަތުގައި ބޮޑެތި އަދަދު ތަކުން މި ތަކެތި އަތުލައިގަނެފައިވާ ކަމަށް ވިދާޅުވެ ރައީސް ސިރިސޭނާއަށް ތައުރީފް ކުރައްވާފައެވެ.
އޭގެ އިތުރުން ޕާލިމަންޓުން އުފައްދާފައިވާ ހާއްސަ ކޮމިޓީއަށް ފާޑު ވިދާޅުވެ، ޖަޔަސޭކަރަ ވަނީ އެއީ ސީދާ ސިރިސޭނާއާ ދެކޮޅަށް، އެ މަނިކުފާނު ބަދުނާމުކުރަން ވެގެން އުފައްދާފައިވާ ކޮމިޝަނެއް ކަމަށް ތުހުމަތު ކުރައްވާފައެވެ.
ޕާލިމަންޓުގެ އިތުރުން، ޖަޔަސޭކަރަ ވަނީ އެ ގައުމުގެ ސުޕްރީމް ކޯޓަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ހިތްހަމަނުޖެހުނީ މަރުގެ ހުކުމް އިއްވާފައި ތިބި މީހުންގެ ހުކުމް ތަންފީޒުކުރުން އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހުގައެވެ. އަދި އެއީ އެ ކޯޓުގެ އަމިއްލަ ނިންމުންތަކާ ޙިލާފު ނިންމުމެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ. ސުޕްރީމް ކޯޓުން އެ މައްސަލައިގައި ގޮތެއް ނިންމިހާ އަވަހަކަށް، މަރުގެ ހުކުމް ތަންފީޒުކުރާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވެސް ޖަޔަސޭކަރަ ވިދާޅުވިއެވެ.
މީގެ ކުރިން ވެސް ސިރިސޭނާ އަވަހާރަކޮށްލަން އުޅުނު ކަމުގެ ރޭވުންތަކެއް ރޭވިކަމަށް ބުނެ ބަޔަކު ހައްޔަރުކޮށް އެ ގައުމުގެ ސިޔާސީ މަޝްރަހު ވަރަށް ބޮޑަށް ހަލަބޮލި ވެގެން ދިޔައެވެ. އަދި އެ ކަމުގެ ތެރޭގައި އޭނާ ވެރިކަމަށް އައި ކޯލިޝަން ދެކަފިވެ، ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައާ ބޮޑެތި ހިޔާލުތަފާތު ވުންތަކެއް އުފެދިގެންދިޔައެވެ.