އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައިފިއެވެ.
ބުދަ ދުވަހު އެ އޮފީހުން ނެރުނު އިއުލާނުގައި ވަނީ މިހިނގާ ޖުލައި މަހުގެ 22 ގެ ނިޔަލަށް އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގެ މުއްދަތު ހަމަވާތީ އެ މަގާމަށް ބޭފުޅަކު އައްޔަންކުރުމަށްޓަކައި އެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ޖުލައި 10 ވަނަ ދުވަހުން ފެށިގެން ހުޅުވާލައިފާ ވާކަމަށެވެ.
މި މަގާމަށް ކުރިމަތިލާ ފަރާތަކީ އުމުރުން 35 އަހަރު ފުރިފައިވާ ފުރަތަމަ ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު މަދުވެގެން 7 އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންޖެހެއެވެ. މި ފަރާތަކީ އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ވެގެން ނުވާނެއެވެ. ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކުރެވޭ ނުވަތަ އައްޔަން ކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ވެސް ވެގެން ނުވާނެއެވެ. ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ވެސް ވެގެން ނުވާނެއެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމަށް ފޯމު ހުށައެޅުމުގެ ސުންގަޑި އަކީ ޖުލައި މަހުގެ 18 ވަނަ ދުވަހުގެ 14:00 އެވެ. މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިގްރާރާއި، ކުށާއި ދަރަނީގެ ރެކޯޑު ފޯމު ދޫކުރުމާއި، ފޯމުތަކާއި އިގްރާރު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މަގާމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން 14:00 އަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި އެ އޮފީހުގެ ވެބްސައިޓު މެދުބެރިކޮށް ޑައުންލޯޑް ކުރެއްވޭނެއެވެ.
www.presidencymaldives.gov.mv