Advertisement
ކ. މާލެ
|
10 ޖުލައި 2019 | ބުދަ 16:11
ޖުޑީޝަރީ ކޮމިޓީގެ މެމްބަރުން
ޖުޑީޝަރީ ކޮމިޓީގެ މެމްބަރުން
ޝުއައިބް މުހައްމަދު އިގްބާލް
ޖުޑީޝަރީ ކޮމިޓީ
ތިން ބާރު ވަކިވެފައި އޮންނަ ނިޒާމެއް އޮންނަންޖެހޭ ގޮތް އުއްތަމަ ފަނޑިޔާރަށް އެނގިވަޑައިނުގަންނަވާ: މެމްބަރުން
ޖުލައި މަހުގެ 17 ވަނަ ދުވަހަކީ މުޅި ބިލުގެ މަސައްކަތް ނިންމާނެ ސުންގަޑި
ޤާނޫނެއް ބައްޓަންވެގެން އަންނަ މަރުހަލާގައި ސުޕްރީމް ކޯޓުގެ ދައުރު ހަނިވާނެ
މި ސިޓީގެ މަޤްސަދާމެދު ސުވާލު އުފެދޭ ކަމަށް މެމްބަރުން ވިދާޅުވި

ދައުލަތުގެ ތިން ބާރު ވަކިވެފައިވާ ނިޒާމެއްގައި ކަންކަން އޮންނަން ޖެހޭ ގޮތް އުއްތަމަފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީއަށް އެނގިވަޑައިނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ މެމްބަރުން ވިދާޅުވެއްޖެއެވެ.

ފަނޑިޔާރުންގެ ޤާނޫނަށް އިސްލާހު ގެނައުމަށް ހުށައަޅާފައިވާ ބިލާ ގުޅޭގޮތުން ހިޔާލުފާޅުކޮށް އުއްތަމަ ފަނޑިޔާރުގެ ފަރާތުން މަޖިލީހުގެ ރައީސަށް ފޮނުވާފައިވާ ސިޓީ ބުދަ ދުވަހު އޮތް ޖުޑީޝަރީ ކޮމިޓީގައި ދިރާސާކޮށްފައިވާއިރު، ކޮމިޓީގައި ވާހަކަދެއްކެވި މެމްބަރުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެގޮތުން މި ސިޓީ ދިރާސާ ކުރުމުގެ މަރުހަލާގައި ވާހަކަ ދައްކަވަމުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވިދާޅުވީ، ޤާނޫނެއް އިސްލާހުކޮށް އެ ޤާނޫނެއް ބައްޓަންވެގެން އަންނަ މަރުހަލާގައި ސުޕްރީމް ކޯޓުގެ ދައުރު ވަރަށް ހަނިވާނެ ކަމަށާއި، ޤާނޫނު ހަދާ މަރުހަލާގައި ސުޕްރީމް ކޯޓުން އެކަމާ ބަސް ބުނުމަކީ ކަންބޮޑުވެލައްވާ ކަމެއް ކަމަށެވެ.

ހިސާންގެ މި ވާހަކައަށް މެމްބަރު މޫސާ ސިރާޖު ވެސް ތާއީދު ކުރައްވާފައިވާއިރު، ސިރާޖު ވިދާޅުވީ، ޤާނޫނު އަސާސީގައި ސުޕްރީމް ކޯޓާއި އުއްތަމަ ފަނޑިޔާރުގެ ބާރުތައް ސާފުކޮށް ބަޔާންކޮށްފަައިވާ ކަމަށާއި، ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އިންތަކާ ޚިލާފުވުމަކީ ކަންބޮޑުވެލައްވާ ކަމެއް ކަމަށެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ޤާނޫނުއަސާސީގެ އިންތައް އެނގެންޖެހޭ ކަމަށް ވެސް ސިރާޖު ވިދާޅުވިއެވެ.

Advertisement

ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޖުޑީޝަލް ސާރވިސް ކޮމިޝަނުގެ ދަށަށް ގެންދިއުމާ ދެކޮޅަށް މި ސިޓީގައި ހިޔާލު ފާޅުކޮށްފައިވާއިރު، ސިޓީގައި އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް ގެ ނިންމުންތަކާއި، ރިޕޯރޓްތަކަށް ރިފަރެންސް ދީފައިވާކަން ފާހަގަ ކުރައްވައި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ވިދާޅުވީ، ރިފަރެންސް ދެއްވާފައިވާ ކަންކަމަކީ މީގެ ކުރިން ހުދު އެ ފަރާތްތަކުން ބަލައި ނުގަނެ ދޫކޮށްލާފައިވާ އުސޫލުތަކެއް ކަމަށާއި، ވުމާއެކު މި ސިޓީގެ މަޤްސަދާމެދު ސުވާލު އުފެދޭ ކަމަށެވެ.

އުއްތަމަ ފަނޑިޔާރު ފޮނުވާފައިވާ 25 ސޮފުހާގެ މި ސިޓީއާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވައި ގިނަ މެމްބަރުންތަކެއް ވާހަކަ ދައްކާފައިވާއިރު، މެމްބަރު ހަސަން ލަތީފު ވިދާޅުވީ، ޤާނޫނުއަސާސީން ދީފައިވާ ބާރުގެ ދަށުން މަޖިލީހުގައި ބަހުސް ކުރަމުންދާ ބިލަކާ ގުޅޭގޮތުން އުއްތަމަ ފަނޑިޔާރުގެ ހައިސިއްޔަތުން އެއްޗެއް ވިދާޅުވުމަކީ އުސޫލެއްގެ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަަމަށާއި، މި ސިޓީ އިތުރަށް ދިރާސާ ކުރުމަށް ވަގުތު ވެސް ބޭނުންވާ ކަމަށެވެ.

މިއަދުގެ ކޮމިޓީގައި އުއްތަމަ ފަނޑިޔާރުގެ ސިޓީ ދިރާސާ ކުރުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށް ނިންމާފައިވާއިރު، ފަނޑިޔާރުންގެ ޤާނޫނަށް އިސްލާހު ގެނައިސް ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލުތައް ގެންނައިރު މާލީ ގޮތުން ކުރިމަތިވެދާނެ ކަންކަން ފިނޭންސް މިނިސްޓްރީން ސާފު ކުރުމަށް ވެސް ވަނީ ނިންމާފައެވެ. އެގޮތުން ޖުލައި މަހުގެ 17 ވަނަ ދުވަހަކީ މުޅި ބިލުގެ މަސައްކަތް ނިންމާނެ ސުންގަޑިއެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް