ފަލަސްތީނުގެ ހަނގުރާމައިގެ ތެރޭގައިވާ އާއިލާތަކަށް 1000 ހައްޖު ކޯޓާ ދިނުމަށް ސައުދީ އަރަބިޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދު އަންގައިފިއެވެ.
ސާދަަސަތޭކަ ސާޅީސްވަނަ އަަހަރުގެ ހައްޖުގެ އަޅުކަން ކުރުމުގެ ފުރުސަތު ފަލަސްތީނުގެ ހަނގުރާމައިގެ ތެރޭގައިވާ އާއިލާތަކަށް ސައުދީގެ "ކަސްޓޮޑީ އޮފް ދަ ޓޫ ހޮލީ މޮސްކްސް ގެސްޓް ޕްރޮގްރާމް ފޮރ ހައްޖު އެންޑް އުމްރާ" ގެ ދަަށުން ދިނުމަށްް ސައުދީ ރަސްގެފާނު އަންގާފައިވާ ކަމަށް އެ ގައުމުގު ނޫސްތަކުން ބުނެފައިވެއެވެ.
ސައުދީގެ އިސްލާމިކް އެފެއާޒް މިނިސްޓަރ ޝެއިހް އަބްދުއްލަތީފް އަލް-އަޝެއިހް ސައުދީ ރަސްގެފާނުގެ މި ހިއްތިރި އަމަލަށް ތައުރީފުކޮށް ވާހަކަފުޅު ދައްކަވާފައިވާ ކަމަށް ސައުދީގެ ނޫސް އެޖެންސީތަކުން ހަބަރު ފަތުރައެވެ. އަދި މިނިސްޓަރ އަލް-އަޝެއިހް ވަނީ ރަސްގެފާނުގެ އަމުރުފުޅާ އެއްގޮތަށް ފަލަސްތީނުގެ ހައްޖާޖީން ހައްޖަށް އައުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް މިސްރު އަދި ޖޯޑަންގެ އެމްބަސީތައް މެދުވެރިކޮށް މިނިސްޓްރީއިން ގާތުން ބަލާނެ ކަމަށާއި ހައްޖާޖީން ސައުދީއަށް ގެނައުމަށް ހަމަޖެހިފައިވަނީ ޕްރައިވެޓް ފްލައިޓް ތަކުގައި ކަމަށް ވިދާޅުވިއެވެ.