Advertisement
ކ. މާލެ
|
9 ޖުލައި 2019 | އަންގާރަ 16:48
މަޖިލިސް ޗެމްބަރުގައި މެމްބަރުން
މަޖިލިސް ޗެމްބަރުގައި މެމްބަރުން
މަޖިލިސް
މަޖިލިސް 2019
ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ އިނާޔަތް ބޮޑު ކުރަން ހުށަހެޅީ ހެޔޮ ނިޔަތެއް އޮވެގެން ނޫން: މެމްބަރުން
ރާއްޖޭގެ ތަފާސް ހިސާބު ދައްކާ ގޮތުން އުފަންވާ 50 ކުދިންގެ ތެރެއިން 1 ކުއްޖަކީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއް
މެމްބަރުންގެ ރޫހު ހުރީ ބިލް ބޭރުކޮށްލުމަށް
ސަރުކާރާއި މަޝްވަރާނުކޮށް ބިލް ހުށަހަޅާފައިވާތީ، މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކީ ހެޔޮ ނިޔަތެއް އޮވެގެން ހުށަހެޅި ބިލެއް ނޫން ކަމަށް މެމްބަރުން، އެ ބިލް ސިފަކުރައްވައިފިއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅުއްވީ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްއެވެ.

Advertisement

ނާޒިމް ވަނީ ބިލަށް މައިގަނޑު ހަތަރު އިސްލާހެއް ގެންނަން ހުށަހަޅުއްވާފައެވެ.

ނާޒިމް ހުށަހެއްޅުވި ހަތަރު އިސްލާހުގެ ތެރެއިން ފުރަތަމަ އިސްލާހުގައި ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުން ގިންތި ކުރުމަށެވެ. އެގޮތުން ތަފާތު ގިންތިތަކުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން ތިބި އިރު،އެކަން އަދިވެސް ގިންތި ކުރެވިފައިނުވާ ކަމަށް ބިލް އިސްލާހު ހުށަހަޅުއްވަމުން ނާޒިމް ވަނީ ވިދާޅުވެފައެވެ.

ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް

ބިލަށް މެމްބަރު ހުށަހެޅުއްވި ދެވަނަ އިސްލާހަކީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދަފްތަރެއް އެކުލަވާލުމަށެވެ. މެމްބަރު ނާޒިމް ވިދާޅުވެފައިވަނީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ރަނގަޅު ދަފްތަރެއް އެކުލެވިފައި ނުވާ ކަމަށާއި، އެ ފަދަ މީހުންގެ ތަފާސް ހިސާބު ރަނގަޅަށް ބެލެހެއްޓިފައި ނެތް ކަމަށެވެ.

ތިންވަނަ އިސްލާހެއްގެ ގޮތުގައި މެމްބަރު ނާޒިމް ބިލަށް ގެންނަން ހުށަހަޅުއްވާފައިވާ އިސްލާހަކީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މިހާރު ދެމުން އަންނަ މާލީ އިނާޔަތް ބޮޑު ކުރުމަށެވެ. އެ މީހުންނަށް މިހާރު ދެމުން އަންނަ 2000 ރުފިޔާގެ އިނާޔަތުގެ ބަދަލުގައި 5000 ރުފިޔާ އާއި 7000 ރުފިޔާ އާއި ދެމެދުގެ އަދަދަކަށް އިނާޔަތް ބޮޑުކުރުމަށް ވަނީ ހުށަހަޅުއްވާފައެވެ.

މެމްބަރު ނާޒިމް ބިލަށް ހުށަހެޅުއްވި ހަތަރުވަނަ އިސްލާހަކީ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ތެރެއިން، އެނދުމަތި ކުރެވިގެން ބަލަމުން އަންނަ މީހުންނަށް ދޭ އިނާޔަތް 9000 ރުފިޔާއަށް ބޮޑު ކުރުމަށެވެ.

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދެމުން އަންނަ އިނާޔަތް 5000 ރުފިޔާއަށް ބޮޑު ކުރުމަށް 2014 ވަނަ އަހަރުގެ،18 ވަނަ މަޖިލީހަށް އޭރުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ހުށަހެޅުއްވިއެވެ. އެ ބިލް މަޖިލީހަށް ބަލައިގަތުމަށް ފަހު ،ކޮމިޓީގައި ދެ އަހަރު ދުވަސް ވަންދެން ބޭއްވުމަށް ފަހު، މެމްބަރުން ވަނީ އެބިލް ފާސްނުކޮށް މަޖިލީހުން ބޭރު ކޮށްލާފައެވެ.

މި ސަބަބާއި ހެދި މި ބިލަކީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހެޔޮ ނިޔަތެއް އޮވެގެން ހުށަހެޅި ބިލެއް ނޫން ކަމަށް 19 ވަނަ މަޖިލީހުގެ މެމްބަރުން ވަނީ ސިފަ ކޮށްފައިވެއެވެ. މެމްބަރުން މި ބިލް ސިފަކޮށްފައިވަނީ އަމިއްލަ މަންފާއެއް ހާސިލް ކުރުމަށް ހުށަހެޅި ބިލެއްގެ ގޮތުގައެވެ. އަދި މި ބިލް ފާސްނުކޮށް ބޭރުކޮށްލުމަށް މެމްބަރުން ވަނީ ގޮވާލައްވާފައެވެ.

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް މި ބިލް ސިފަކޮށްފައިވަނީ ހީލަތްތެރި ނިޔަތެއްގައި ބޭރު ރިހިން ގިރިޓީކޮށް، ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އިހްތިރާމް ކުރުމެއްނެތި އެ މީހުން ސިޔާސީ ކުރުމުގެ މަގްސަދުގައި ހުށަހަޅާފައިވާ ބިލެއްގެ ގޮތުގައެވެ.

" ވަރަށް ހިތާމަ ކުރަން އަޅުގަނޑު އެކަމަށްޓަކާ. 2014 ވަނަ އަހަރު މި އިއްޒަތްތެރި މަޖިލީހަށް ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ އެލަވެންސް ބޮޑުކުރަން މި އިއްޒަތްތެރި މަޖިލީހަށް ހާއްސަ އެހީއަށް ބޭނުންވާ އިލެވެންސް ބޮޑުކުރަން ހުށަހެޅި ބިލެއްގެ މަތިން. 5000 ރުފިޔާ، އަދި މިހާރު މާ ބޮޑު އަދަދެއް މި ކިޔަނީ. އޭރު ހުށަހެޅީ 5000 ރުފިޔާގެ އިނާޔަތް ބޮޑުކުރަން. މި ތަނުގައި ތިއްބެވި ބޭފުޅުން ކަންތައް ކުރެއްވި ގޮތަކީ، އެ ހުރިހާ ބޭފުޅުން 81 މެމްބަރުންނޭ އަޅުގަނޑު ހަދާންވަނީ. އެ ބިލަށް ވޯޓް ދެއްވާ ބަލައިގަތުމަށް އެއްބަސްވެ ވަޑައިގަންނަވާ ކޮމިޓީއަށް ފޮނުއްވާ، ދެ އަހަރު ކޮމިޓީގައި ބިލް ބާއްވަވާ. އެންމެ ފަހުން އޭތި ބޭރުކޮށްލެއްވީ. ކޮބައިތޯ ތި ވިދާޅުވީ އޯގާތެރިކަން"
އަހްމަދު ސަލީމް ވިދާޅުވިއެވެ.
ހޯރަފުށީ ދާޢިރާގެ މެމްބަރު އަހްމަދު ސަލީމް

ދުނިޔެ އާއި ރާއްޖޭގެ އެހެންތަންތަނުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިހްތިރާމް ކުރައްވާ ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދޭންޖެހޭ އިނާޔަތް ބޮޑުކުރަން ޖެހޭ ކަމަށް ހެޔޮ ހިތުން ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް މި ބިލްގެ ރޫހަށް ބަލާއިރު، ބިލަށް ގެންނަން ހުށަހެޅުއްވި އިސްލާހުތަކާއި ދޭތެރޭ ސުވާލު އުފެދޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

މެމްބަރު އަލީ ހުސެއިން ވިދާޅުވީ ފައިސާ އާއި ގުޅޭ ކަންކަމުގެ ބިލުތައް ހުށަހެޅޭނީ ހަމައެކަނި ސަރުކާރަށް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އަލީ ހުސެއިން އިޝާރާތް ކުރެއްވީ 2015 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނެވުނު ބަދަލަށެވެ. މަޖިލީހުގެ ގަވާއިދަށް އޭރު ގެނެވުނު ބަދަލަކީ ޓެކްސް އާއި ދައުލަތުގެ ބަޖެޓުން ފައިސާ އިތުރުކުރުމާއި ބެހޭ ބިލްތައް ހުށަހަޅަންޖެހޭނީ ސަރުކާރުން ކަމަށެވެ. މެމްބަރު ވިދާޅުވީ ދައުލަތުގެ ބަޖެޓުން ސީދާ ފައިސާ އިތުރުކުރެވޭގޮތަށް އޮންނަ ބިލްތައް ހަމައެކަނި ސަރުކާރަށް ހުށަނޭޅޭނަމަ، ސަރުކާރަށް ޖެއްސުންކުރުމުގެ ފުރުސަތު އިދިކޮޅު މެންބަރުންނަށް ލިބިގެންދާނެ ކަމަށެވެ. އެއީ ދުނިޔޭގެ ތަހްޒީބް ޑިމޮކްރަސީތަކުގައި ފައިސާ އާއި ޓެކުހާއި ބެހޭ ބިލް ހުށަހަޅަމުން އަންނަނީ ސަރުކާރުން ކަމަށް ވާތީއެވެ. އެގޮތަށް ރާއްޖޭގައި އަމަލުކުރުން އެއީ މުހިއްމު ކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް މެމްބަރު އަލީ ހުސެއިން ވިދާޅުވިއެވެ.

" ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން މި ބާވަތު ބިލްތައް ހުށަހެޅުމުގެ ފުރުސަތު އޮންނާނޭ. އެ ފުރުސަތު އޮވެގެން ނުވާނެ. އެ ފުރުސަތު އެއްވެސް މީހަކަށް ދެވިގެން ނުވާނެ"
އަލީ ހުސެއިން ވިދާޅުވިއެވެ.
ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން

ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފޯރުކޮށްދޭން ޖެހޭ ހިދްމަތްތަށް އެއްވެސް ދަތިތަކެއް ނެތި ފޯރުކޮށްދެވުމަކީ މުހިއްމު ކަމެއްގެ ގޮތުގައި މެމްބަރުން ވަނީ ފާހަގަކުރައްވާފައެވެ. މާލީ އެހީތެރިކަމަކަށް ވުރެ، ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދައުލަތުން ފޯރުކޮށްދޭން ޖެހޭ އެހެނިހެން ހިދްމަތްތައް އެބަހުރި ކަމަށާއި، އެކަންތައް މަޖިލީހުން ބެލުން މުހިއްމު ކަމަށް ވިދާޅުވިއެވެ. އަދި އެ ކަންތައްތަކަކީ ކޮންމެހެން ބިލަކަށް އިސްލާހު ގެނެސްގެން ދައުލަތުން ފޯރުކޮށްދޭންޖެހޭ ކަންތައްތަކެއް ނޫން ކަމަށް ވެސް މެމްބަރުން ވަނީ ވިދާޅުވެފައެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރ ނާޒިމް ސަރުކާރާއި މަޝްވަރާނުކޮށް މި ބިލް ހުށަހަޅުއްވާފައިވާތީ، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ، އެހެންކަމުން މި ބިލަށް ތާއީދު ކުރައްވަން އުދަގޫވާނެ ކަމަށް މެމްބަރު ހަސަން ލަތީފް ވަނީ ވިދާޅުވެފައެވެ. ސަރުކާރުން ބަޖެޓެއް އެކުލަވާލާފައިވާއިރު، އިނާޔަތެއް ބޮޑު ކުރަން ހުށަހެޅި އިރު ސަރުކާރާއި ، މެމްބަރު މަޝްވަރާ ކޮށްފައި ނުވާތީ، ކޯލިޝަން ތެރޭގައި ޖޭޕީ އޮތް ނިޔަތާއި ދޭތެރޭގައި ސުވާލު އުފެދޭ ކަމަށް ހަސަން ލަތީފް ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެން ދެކިގެން މި ތިބީ ޖުމްހޫރީ ޕާޓީން ބިލް ހުށަހަޅާއިރު، ސަރުކާރާއި އެކު ކުރަންޖެހޭ މަޝްވަރާ ކުރަންޖެހޭނެ ކަމަށް ، އެމްޑީޕީ އިން ބިލް ހުށަހަޅާއިރު ސަރުކާރާއި މަޝްވަރާ ކުރަންޖެހޭ މިންވަރާއި އެއްވަރަށް. އެހެން ނޫންނަމަ ސަރުކާރު ކޯލިޝަންގައި ޖުމްހޫރީ ޕާޓީ އޮތް ނިޔަތާއި ދޭތެރޭގައި ރައްޔިތުން ސުވާލުކުރާނެ. މިއަދު ފެނިގެންދިޔައީ މި ކަމާއި ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރާއި އެއްވެސް މަޝްވަރާއެއް ކޮށްފައި ނެތް ކަން"
ހަސަން ލަތީފް ވިދާޅުވިއެވެ.
ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވަނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދަފްތަރުގައި 15360 މީހުން އެބަތިބި ކަމަށެވެ. އޭގެ ތެރެއިން 7301 މީހުން އެންސްޕާއިން އެހީ ތެރިކަން ހޯދާ ކަމަށެވެ. ރާއްޖޭ ތަފާސް ހިސާބު ދައްކާ ގޮތުން އުފަންވާ 50 ކުދިންގެ ތެރެއިން 1 ކުއްޖަކީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް