ޖިނާއީ ތަހުގީގުތަކުގައި އިންޑިއާ އާއި ދިވެހިރާއްޖެ އެއްގައުމު އަނެއް ގައުމަށް އެއްބާރުލުން ދިނުމުގެ ގޮތުން ސޮއިކޮށްފައިވާ "މިއުޗުއަލް ލީގަލް އެސިސްޓަންސް ޓްރީޓީ" އަށް މަޖިލީހުން ރުހުންދީފި އެވެ.
ޓްރިޓީގައި ބައިވެރިވާން ފެންނަ ކަމަށް 65 މެމްބަރުުން ވަނީ ވޯޓް ދެއްވާފައެވެ. ނުފެންނަކަމަށް 11 މެމްބަރަކު ވަނީ ވޯޓުދީފަ އެވެ.
ޓްރޓީގައި ބައިވެރިވުމާއި މެދު މަޖިލީހުން ގޮތެއް ކަނޑައަޅައިދިނުމަށް ސަރުކާރުން ފޮނުވި މައްސަލަ ދިރާސާކޮށްފައިވަނީ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީންނެވެ. ކޮމިޓީގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅަމުން ކޮމިޓީގެ މުގައްރިރު ޝަރީފް ވިދާޅުވީ މި މައްސަލަ ކޮމިޓީގައި ދިރާސާ ކުރަމުން ދިޔައިރު، ޓްރިޓީގައި ބައިވެރިވުމާއިމެދު ކޮމިޓީގެ ބައެއް މެމްބަރުންގެ ޙިޔާލު ތަފާތުވި ކަމަށެވެ.
ޝަރީފް ވިދާޅުވީ މެމްބަރުންގެ މެދުގައި ޚިޔާލު ތަފާތުވުން އުފެދުނީ ބޭންކް ސްޓޭޓްމަންޓް މައްސަލަ އާއި ކުށްވެރިން ބަދަލު ކުރުމުގެ މައްސަލައިގައި ކަމަށެވެ. އުފެދުނު ސުވާލުތަކަށް އެޓަރނީ ޖެނެރަލް ކޮމިޓީއަށް ހާޒިރުކުރެވުނު ކަމަށާއި، ކޮމިޓީގެ މެމްބަރުން ކުރެއްވި ސުވާލުތަކަށް އޭޖީ ޖަވާބު ދެއްވި ކަމަށް ޝަރީފް ވިދާޅުވި އެވެ. އެގޮތުން ކުށްވެރިންގެ އިޒްނަނެތި ހެކި ބަސް ދިނުމަށް ރާއްޖޭގެ އެއްވެސް ރައްޔިތަކު އިންޑިޔާއަށް ނުފޮނުވޭނެ ކަމަށާއި، އަދި ރާއްޖޭގެ ހެދިފައިވާ އެއްވެސް ގާނޫނަކާއި ދެކޮޅަށް، މި ޓްރިޓީގެ ސަބަބުން އަމަލުކުރަން ނުޖެހޭނެ ކަމުގެ ޔަގީންކަން އޭޖީ ކޮމިޓީއަށް ދެއްވި ކަމަށް ޝަރީފް ވިދާޅުވިއެވެ.
މުގައްރިރު ވިދާޅުވީ މި ޓްރިޓީއަކީ މަނީ ލޯންޑަރިންގ، ޑްރަގް ޓްރެފިކިންގ، އަދި ޓެރަރިޒަމްގެ މައްސަލަތަކާއި ދެކޮޅަށް، ދެ ގައުމު ގުޅިގެން އެކުގައި މަސައްކަތް ކުރުމަށްވެވޭ އެއްބަސްވުމެއްކަމަށެވެ.
ކޮމެޓީގެ ރިޕޯޓަށް ބަހުސްކުރެވެމުންދިޔައިރު ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވީ އެއްބަސްވުން ގާއިމުކުރަން ހެޔޮ ނުވާނެ ކަމަށެވެ. އަދި ކޮމެޓީގެ މަސައްކަތްތައް ކުރިއަށްދިޔަގޮތަށް ޤާސިމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ދިޔައީ، އެކަށީގެންވާ ވަގުތު ނުދީ "ހުދުމުހުތާރު" ގޮތަކަށް ކަމަށް ޤާސިމް ވިދާޅުވި އެވެ.
"މިއުޗުއަލް ލީގަލް އެސިސްޓަންސް ޓްރީޓީ"ގެ މައިގަނޑު މަގުސަދަކީ ޖިނާއީ ތަހުގީގުތަކަށް ބޭނުންވާ ގާނޫނީ އެހީތެރިކަން އެއް ގައުމުން އަނެއް ގައުމަށް ފޯރުކޮށްދިނުމާއި، ޓެރަރިޒަމާ ދެކޮޅަށް ދެ ގައުމު ގުޅިގެން ފަށާފައިވާ މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރުމެވެ.
މި މުއާހަދާގެ ދަށުން އެކުލަވާލުމަށް ނިންމާފައިވާ އޮނިގަނޑުގެ ތެރެއިން ޓެރަރިޒަމާ ގުޅުންހުރި މައުލޫމާތު ބަދަލުކުރުމާއި، ޖިނާއީ ކުށްތަކަށް ފައިސާ ހޯދާ ގޮތްތައް ދެނެގަނެ މައުލޫމާތު ބަދަލުކުރުމާއި، ޖިނާއީ ބޮޑެތި ކުށްތަކުގައި ހައްޔަރުކުރެވޭ މީހުންނަށް ދައުވާކުރުމުގައި އަމަލުކުރާނެ ގޮތްތަކެއް ވެސް އެކުލަވާލާފައިވެއެވެ.