Advertisement
ކ. މާލެ
|
8 ޖުލައި 2019 | ހޯމަ 06:10
ކުރީގެ ބަންޑާރަ ނައިބު އަދި މަޝްހޫރު ގާނޫނީ ވަކީލް ހުސްނުއް ސުއޫދު
ކުރީގެ ބަންޑާރަ ނައިބު އަދި މަޝްހޫރު ގާނޫނީ ވަކީލް ހުސްނުއް ސުއޫދު
ރައީސް އޮފީސް
ހުސްނުއް ސުއޫދު
ބާ ކައުންސިލަކީ ރައްޔިތުންގެ އިތުބާރުކުރާ ތަނަކަށް ހަދާނަން: ސުއޫދު
ސުލޫކީ މައްސަލަތައް ޕްރޮފެޝަނަލްކަމާއެކު ބެލޭނެ އިންތިޒާމުތަކެއް ހަމަޖައްސަން ޖެހޭ
ގާނޫނީ ވަކީލުންނަކީ ރައްޔިތުން އިހުތިރާމު ކުރާ ބަޔަކަށް ހަދާނަން
ގިނަ ވަކީލުންތަކަކަށް ވަޒީފާ ނުލިބި އެބަ ތިބި

ބާ ކައުންސިލަކީ ރައްޔިތުންގެ އިތުބާރުކުރާ މުއައްސަސާއަކަށް ހަދާނެ ކަމަށް އެ ކައުންސިލްގެ ރައީސްކަމަށް ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު އަދި މަޝްހޫރު ގާނޫނީ ވަކީލް ހުސްނުއް ސުއޫދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ސުއޫދު ވިދާޅުވީ ގާނޫނީ ވަކީލުންނަށް ރައްޔިތުންގެ އިތުބާރު ހޯދާނެ ކަމަށާއި އަދި ބާ ކައުންސިލަކީ ވެސް ރައްޔިތުން އިތުބާރު ކުރާ ތަނަކަށް ހައްދަވާނެ ކަމަށެވެ.

Advertisement

ރައްޔިތުންގެ އިތުބާރު ހޯދުމަށްޓަކައި ސުލޫކީ މައްސަލަތައް ޕްރޮފެޝަނަލްކަމާއެކު ބެލޭނެ އިންތިޒާމުތަކެއް ހަމަޖައްސަން ޖެހޭ ކަމަށާއި، ގާނޫނީ ވަކީލުންގެ އަގު ހިފަހައްޓަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މުވައްކިލުން އަތުން ފައިސާ ނެގުމަށްފަހު ފިލާ ވަކީލުން މަދުނޫން ކަމަށް ފާހަގަކުރައްވަމުން ސުއޫދު ވިދާޅުވީ، އެކަމުގެ ސަބަބުން އަދުލު އިންސާފަށް ހުރަސް އެޅޭ ކަމަށެވެ. އަދި ބައެއް ވަކީލުން ފަނޑިޔާރުންނާ ގުޅިގެން ޖަރީމާ ހިންގަމުންދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެންމެ ފުރަތަމަ ކުރާނެ ކަމަކީ މިއީ ރައްޔަތުންގެ އިތުބާރު ލިބިފައިވާ ފަރާތަކަށް ހެދުން. މާނައަކީ ރައްޔިތުންގެ އިތުބާރު ކުރާ ބަޔަކަށް ގާނޫނީ ވަކީލުން ހެދުން. އެކަމަށްޓަކާ ކުރަންޖެހޭ ކަމަކީ ސުލޫކީ މައްސަލަތައް ޕްރޮފެޝަނަލް ކަމާއެކު ބެލޭނެ އިންތިޒާމެއް ހަމަޖެއްސުން. ގާނޫނީ ވަކީލުން މީގެކުރިން ކޮންމެ ކަމެއް ކުރިޔަސް ފިޔަވަޅެއް ނޭޅޭ. ބައެއް ފަނޑިޔާރުންނާއި ބައެއް ވަކީލުން ގުޅިގެން ޖަރީމާތައް ހިންގާ. ފަނޑިޔާރުން ހިންގާ ޖަރީމާތަކުގައި ވަކީލުން ބައިވެރިވޭ. މީގެ ސަބަބުން މުޅި ޕްރޮފެޝަންގެ އަގު ވެއްޓޭ. މިއީ ސަމާލުކަން ދޭން ޖެހޭ އެއް ކަންތައް،"
ކުރީގެ ބަންޑާރަ ނައިބު އަދި މަޝްހޫރު ގާނޫނީ ވަކީލް ހުސްނުއް ސުއޫދު

ވޭތުވެދިޔަ ހަތަރުފަސް އަހަރު ތެރޭގައި މެޝިނަކުން އުފައްދާ ސްޕީޑުގައި ގާނޫނީ ވަކީލުން އިތުރު ވެގެންދިޔަ ކަމަށާއި، ނަމަވެސް އޭގެ ތެރެއިން 300 ނުވަތަ 400 ވަކީލުންނަށް ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބި ވާޒީފާ ނުލިބިފައި އެބަ ތިބި ކަމަށް ސުއޫދު ފާހަގަ ކުރެއްވެވި އެވެ.

އެ ގާނޫނީ ވަކީލުންނަށް ވަޒީފާގެ ފުރުސަތު ނުލިބެންވީ ސަބަބު ހޯދަން ޖެހޭ ކަމަށާއި އަދި ލޯ ސްކޫލްތަކުގައި ގާނޫނު ކިޔަވައިދެނީ އެންމެ ރަނގަޅަށްތޯވެސް ބަލަންޖެހޭ ކަމަށް ސުއޫދު ވިދާޅުވި އެވެ.

އަޅުގަނޑު އެސްޓިމޭޓް ކުރާ ގޮތުގައި ތަމްރީން ކުރެވި، ގްރެޖުއޭޓް ވެފައި، ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައި ވާޒީފާ ނުލިބި 300 ނުވަތަ 400 އެއްހާ ވަކީލުން އެބަތިބި. އެމީހުން ކުރާނެ މަސައްކަތެއް ނެތިގެން ތިބީ ގޭގައި. ވަޒީފާގެ ފުރުސަތު ނުލިބި ގޭގައި ތިބީ ކީއްވެތޯ ބަލަންޖެހޭ"
ކުރީގެ ބަންޑާރަ ނައިބު އަދި މަޝްހޫރު ގާނޫނީ ވަކީލް ހުސްނުއް ސުއޫދު

ވަޒީފާ ނުލިބި ތިބި ވަކީލުންނަށް ވަޒީފާ ހޯދައިދޭން ކުރަންޖެހޭ އެންމެ ބޮޑު މަސައްކަތަކީ އެ ވަކީލުންނަށް އިތުރު ތަމްރީން ދިނުންކަން ފާހަގަ ކުރައްވާ ސުއޫދު ވިދާޅުވީ ވަކީލުން ރާއްޖެއިން ބޭރަށް ފޮނުވައިގެން ނަމަވެސް، އެކަން ކުރަން ޖެހޭ ކަމަށެވެ.

ވަޒީފާ ނުލިބި ތިބި ވަކީލުންނަށް އިތުރު ތަމްރީންތައް ދޭން ޖެހޭ. ރާއްޖެއިން ބޭރަށް ފޮނުވައިގެން ނަމަވެސް ވަޒީފާ ނުލިބެނީ ކީއްވެތޯ ބަލަންޖެހޭ. ފެންވަރު ނެތީތޯ އެހެން ސަބަބެއް އުޅެނީތޯ ބަލަންޖެހޭ. ހައްލު ހޯދާނީ އެހުރިހާ ކަމެއް ދެނެގަތުމަށްފަހު"
ކުރީގެ ބަންޑާރަ ނައިބު އަދި މަޝްހޫރު ގާނޫނީ ވަކީލް ހުސްނުއް ސުއޫދު

ބާ ކައުންސިލްގެ ރައީސަކަށް ސުއޫދުގެ އިތުރުން ކުރިމަތި ލައްވާފައިވަނީ ގާނޫނީ ވަކީލް މައުމޫނު ހަމީދު އެވެ. ނައިބް ރައީސް ކަމަށް ކުރިމަތި ލައްވާފައިވަނީ ޤާނޫނީ ވަކީލު އަބްދުﷲ މުއިއްޒު އަދި ކުރީގެ ސިވިލް ކޯޓްގެ ފަނޑިޔާރު މުހައްމަދު ހަލީމްއެވެ.

ގާނޫނީ ފަންނުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ގެޒެޓްކުރެއްވުމާއެކު އެ ގާނޫނުގެ އެގާރަ ވަނަ މާއްދާގެ (ށ) ގައި ބުނާ ގޮތުން ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް ރައީސާއި ނައިބް ރައީސްގެ އިތުރުން، ހަ ގާނޫނީ ވަކީލަކު އިންތިހާބު ކުރަންޖެހެއެވެ.

އިންތިހާބު ކުރެވޭ މަގާމުތަކަށް ބޭފުޅުން ހޮއްވަވަނީ ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުގެ މެދުގައި ނެގޭ ވޯޓަކުންނެވެ. ގާނޫނުގައި ބުނެފައިވާ ގޮތުން ބާ ކައުންސިލްގެ އިންތިޚާބު ކުރިއަށް ގެންދަނީ އިލެކްޝަންސް ކޮމިޝަނުންނެވެ.

Advertisement

Advertisement
- ކޮމެންޓް