މޯލްޑިވްސް ޕޭމަންޓް ސިސްޓަމް ޕްރޮޖެކްޓު އަންނަ އަހަރު ނިމި ރައްޔިތުންނަށް ލުއިފަސޭހަ ވެގެން ދާނެކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވެއްޖެއެވެ.
އާދިއްތަ ދުވަހުގެރޭ އެމްއެމްއޭގެ 38 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދަރުބާރުގޭ ރަންނަބަޑޭރި މާލަމުގައި ކުރިއަށް ގެންދިޔަ ހަފްލާގައި ވާހަކަ ދައްކަވަމުން ގަވަރުނަރު ނަސީރު ވިދާޅުވީ، އެމްއެމްއޭގެ އަމާޒަކީ ޓެކްނޮލޮޖީގެ ގޮތުން ކުރިއެރުންތައް ހޯދާ އިންގިލާބީ އަދި އީޖާދީ ބަދަލުތައް މި ދާއިރާއަށް ގެނައުން ކަމުގައެވެ. އަދި ވިސްނުން ހުރީ ޑިޖިޓަލް ކަރަންސީއާ ދިމާއަށް މިސްރާބުޖަހަން ކަމަށެވެ.
ނަސީރު ވިދާޅުވީ، އެމްއެމްއޭ އިން އެންމެ އިސްކަމެއް ދީގެން މިހާރު ކުރިއަށް ގެންދާ މަސައްކަތަކީ މޯލްޑިވްސް ޕޭމަންޓް ސިސްޓަމް ޕްރޮޖެކްޓުގެ މަސައްކަތް ކަމުގައެވެ. މި މަޝްރޫގެ ދަށުން ދިވެހި ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރުމުގައި ނަގުދު ފައިސާއަށް ބަރޯސާވާން ނުޖެހި އެންމެ ޒަމާނީ ފެންވަރުގައި ޑިޖިޓަލްކޮށް ފައިސާ ބޭނުން ކުރުމުގެ މަގު ފަހިވެގެން ދާނެ ކަމުގައި ގަވަރުނަރު ނަސީރު ވިދާޅުވިއެވެ. އަދި އެމްއޭގެ އަމާޒަކީ އަންނަ އަހަރުގެ ތެރޭގައި މި ޕްރޮޖެކްޓް ނިންމާ ދިވެހި ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުން ކަމަށެވެ.
ސަރުކާރުން ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ކުރާ މަސައްކަތުގެ ތެރއިން މާލީ ދާއިރާއާ ގުޅޭ އިސްލާހުތަކަށް ވެސް ހާއްސަ އިސްކަމެއް ދިނުމަކީ އެމްއެމްއޭގެ ވަރަށް ބޮޑު އެދުމެއް ކަމަށް ނަސީރު ވިދާޅުވިއެވެ.
"ސަރުކާރުން ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ކުރާ މަސައްކަތުގެ ތެރއިން މާލީ ދާއިރާއާ ގުޅޭ އިސްލާހުތަކަށް ވެސް ހާއްސަ އިސްކަމެއް ދިނުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް،"މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަހުމަދު ނަސީރު
އެމްއެމްއޭ އިން މާލީ ނިޒާމުގެ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި ވަކި ވަކި މާލީ ކުންފުނިތަކާ އަދި މުޅި މާލީ ނިޒާމަށް ދިމާވެދާނެ ކޮންމެ ގޮންޖެހުމަކަށް ކުރިމަތި ލެވޭނެ މިންވަރަށް ދާއިރާ ތައްޔާރަށް އޮތްކަން ޔަގީންކުރަން އެބަޖެހޭ ކަމަށާއި މިފަދަ ކަމެއް ދިމާ ވެދާނެ ކަމަށްޓަކައި ފާރަވެރިވެ އެކަށީގެންވާ ފިޔަވަޅުތައް އެމްއެމްއޭއިން މިދަނީ އަޅަމުން ކަމަށް ނަސީރު ވިދާޅުވިއެވެ.
މާލީ ދާއިރާ ދެމެހެއްޓެނެވި ގޮތެއްގައި ތަރައްގީކުރުމަށް އިސްކަންދޭ ފަދައިން ފައިނޭންޝަލް އިންކްލޫޝަން ކުރިއެރުވަމީ އެމްއޭގެ އަމާޒެއް ކަމަށާއި މިކަން ހާސިލް ކުރުމައްޓަކައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގެ އިސްނެގުމުގު މަތިން ކްރެޑިޓް ގްރޭންޓް ސްކީމެއް ވެސް އެމްއެމްއޭ އިން ތައާރަފް ކޮށްފައި ވާކަން ގަވަރުނަރު ފާހަގަ ކުރެއްވިއެވެ.
މި ސްކީމްގެ ދަށުން ރާއްޖޭގައި ހިންގާ ބޭންކު ތަކުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ރަހުނަކާ ނުލާ ދޫކުރާ ލޯންތަކަށް އެމްއެމްއޭ އިން 90 ޕަސެންޓް ގެރެންޓީ ލިބިގެންދެއެވެ. އެމްއެމްއޭ އިން ވަނީ ގެދޮރުގެ ދަތިކަން ހުރި ފަރާތްތަކަށް ގެދޮރު ގަތުމަށް ބޭނުންވާ ފައިނޭންސް ހޯދޭނޭ ލުއިފަސޭހަ ގޮތެއް ފަހިކޮށްދިނުމުގެ ގޮތުނެ ބޭންކްތައް މެދުވެރިކޮށް ހައުސިން ލޯނު ސްކީމެއް ވެސް ތައާރަފް ކޮށްފައެވެ.
ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން 53 މީހެއްގެ ޑައުންޕޭމަންޓަށްވާ ފައިސާގެ އަދަދު ކަމަށްވާ 24 މިލިއަން ރުފިޔާ އެމްއެމްއޭ އިން ވަނީ ގެރެންޓީ ކޮށްދީފައެވެ. އަދި 31 ޑިސެމްބަރު 2018 ގެ ނިޔަލަށް ސްކީމްގެ ދެވަނަ ފިޔަވަހީގެ ދަށުން 75 ފަރާތަކަށް ލޯން ވެސް އެމްއެމްއޭ އިން ވަނީ ހަމަޖައްސާދީފައެވެ.
ސްކީމްގެ ތިން ވަނަ ފިޔަވަހީގައި އަތޮޅުތަކަށް ކުޑަ އިންޓެރެސްރޭޓެއްގައި 1 މިލިއަން ރުފިޔާގެ ލޯން ހުޅުވާލުމުގެ މަސައްކަތް އެމްއެމްއޭ އިން މިހާރު ދަނީ ކުރަމުންނެވެ.
އަދި އިސްލާމިކް ފައިނޭންސް ކުރިއެރުވުމަށްޓަކައި އިސްލާމިކް ބޭންކިން އާ ތަކާފުލް ހަރުދަނާ ކުރުމަށް ބޭނުންވާ ގާނޫނީ އޮނިގަޑެއް އެކުލަވާލައި އިސްލާމިކް މަނިޓަރީ ޕޮލިސީ އިންސްޓްރްމެންޓްސް ތަރައްގީ ކުރެމުގެ މަސައްކަތް ވެސް އެމްއެމްއޭ އިން ކުރަމުންދާކަމަށް ނަސީރު ވަނީ ވިދާލުވެފައެވެ.
އެމްއެމްއޭ އަކީ ރައްޔިތުން އިތުބާރުކުރާ ނަޒާހާތްތެރި މަރުކަޒެއްގެ ގޮތުގައި އޮތުމަށް އެމްއެމްއޭގެ އެތެރޭގެ ހިންގުމަށް ގެންނަން ޖެހޭ މުހިންމު ބަދަލުތަށް ވެސް ގެންނަމުން އަންނަ ކަމަށް ނަސީރުވަނީ ފާހަގަ ކުރައްވާފައެވެ.