މުންޑޫ ކައުންސިލްގެ ޕެޓިޝަނާއި ގުޅޭ މައްސަލަ ކުރިއަށް ނުގެންދާނެކަމަށް އިންފޮމޭޝަން ކޮމިޝަން (އައިކޮމް) އިން ނިންމައިފިއެވެ.
ހޯމަ ދުވަހު މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އިލެކްޝަންސް ކޮމިޝަނާއި އިންފޮމޭޝަން ކޮމިޝަނާރ ހާޒިރު ކުރި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، އިންފޮމޭޝަން ކޮމިޝަނަރ އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރު ވިދާޅުވީ މުންޑޫ ކައުންސިލުން އެ ކޮމިޝަނަށް ޕެޓިޝަނާއި ގުޅޭ މައްސަލަ އިތުރަށް ބަލަން ބޭނުންނުވާ ކަމަށް ބުނެ އެ ކޮމިޝަނަށް ސިޓީއެއް ލިބިފައިވާ ކަމަށެވެ.
ޖަމާލް އަބޫބަކުރު ވިދާޅުވީ ޕެޓިޝަނާއި ބެހޭ މައުލޫމާތު ހޯއްދަވަން ބޭނުންފުޅުވަނީ މުންޑޫ ކައުންސިލުން އެ މައުލޫމާތު ބޭނުންވާތީ ކަމަށެވެ. ނަމަވެސް މިހާރު އެ މައުލޫމާތު ހޯދަން ބޭނުންނުވާ ކަމަށް ކައުންސިލުން އެދިފައިވާކަމަށެވެ.
އެދޭ ފަރާތުން އެ ބޭނުންނުވަންޏާ އެ ހޯދުން އުޅުމުގެ މާނައެއްވެސް ނޯންނާނެ. އެހެންވީމަ އެހިސާބުން އެ ނިމުނުކަން މާދަމާ އިރާދަކުރެއްވިއްޔާ އޮފީހަށް... މިހާރު ލިބިފަ އޮތް ކަން އެނގިއްޖެ. އެހެންވީމަ އަޅުގަނޑު މާދަމާ ހެނދުނު ލިއުމާއެކުގަ ޕަބްލިކަލީ ކެންސަލްވި ވާހަކަށް ހުރިހާ ފަރާތްތަކަށް ދަންނަވާލާނަންއިންފޮމޭޝަން ކޮމިޝަނަރ އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރު
މިހެން ކޮމިޝަނާރ ނިންމަވާފައިވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ލަފާ ގެ މަތިންނެވެ.
މި ޕެޓިޝަން އީސީއަށް ހުށަހެޅުނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދާއިރާތަށް ކަނޑައެޅުމުގެ އިއުލާންތައް ކުރެވިގެންދިޔައިރު އިލެކްޝަން ކޮމިޝަނުން ބައެއް ދާއިރާތަކަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އައިސްދާނެ ކަމަށް އިއުލާންކުރެވިގެންދިޔަ ދުވަސްވަރުއެވެ.
މުންޑޫ ކައުންސިލުން އެރަށް އިސްދޫ ދާއިރާއަށް ބަދަލުކުރުމަށް ފެންނަކަމަށް އިލެކްޝަން ކޮމިޝަނަށް ސިޓީއަކުން ހުށަހަޅުމުން މިކަމާއި ހިތްހަމަނުޖެހި މުންޑޫގެ 46 ރައްޔިތަކު ސޮއި ކޮށްފައިވާ ޕެޓިޝަންއެއް އީސީއަށްވަނީ ހުށަހަޅާފައެވެ. މި ޕެޓިޝަނާއި ބެހޭ މައުލޫމާތު މުންޑޫ ކައުންސިލަށް ދިނުމަށް އެދި އައިކޮމްއަށް އެ ކައުންސިލުން ވަނީ އެދިފައެވެ.
އައިކޮމްއަށް އެ މައުލޫމާތު ދިނުމަށް ތަކުރާރުކޮށް އެދުނުނަމަވެސް އެ މައުލޫމާތުގައި ތިންވަނަ ފަރާތެއްގެ މަސްލަހަތު ހިމެނޭ ކަމަށް އީސީ އަށް ފެންނާތީ، އެ މައުލޫމާތު އައިކޮމްއަށް ހިއްސާ ކުރުމަށްވަނީ ދެކޮޅު ހަދާފައެވެ.
މިކަމާއި ގުޅޭގޮތުން ގޮތެއް ކަނޑައެޅުމަށް އީސީން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުށަހަޅާފައިވަނީ 25 ޖޫންގައެވެ.
މި މައްސަލައާ ގުޅިގެން ހައިކޯޓަގައި ހޯމަ ދުވަހު ހުޅުވާލެވިގެން ގެންދެވޭ އަޑުއެހުމެއް ތާވަލު ކުރެވިފައި ވީނަމަވެސް މިހާރު އެ މައްސަލަ އާއިގެން ކުރިއަށް ނުދިއުމަށްވަނީ ނިންމަވާފައެވެ. އަދި ހޯމަ ދުވަހު މި އަޑުއެހުން ނުބޭއްވުމަށް އަންގަންޖެހޭ ފަރާތްތަކަށް އަންގަވާނެ ކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ.