Advertisement
ކ. މާލެ
|
7 ޖުލައި 2019 | އާދީއްތަ 19:54
ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ
ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ
ފުލުހުން އަނިޔާކުރި މައްސަލަ
ގަދަ ބާރު ބޭނުން ކޮށްގެން ފުލުހުން އަނިޔާކުރި މައްސަލައިގައި ޖަވާބުދާރީ ވުމަށް 48 ގަޑިއިރުގެ މުހުލަތެއް ދީފި
ތަހުގީގު ލަސްވެ ފިޔަވަޅު އެޅުން ލަސްވާނަމަ ޒިންމާނަގަންޖެހޭ ފަރާތްތައް ކޮމިޓީއަށް ހާޒިރުކުރަން ފެނޭ
އަނިޔާގެ އަމަލު ހިންގި ފުލުހުން ޝަރިއްޔަތަށް ހާޒިރުކޮށް ދެވޭ އަދަބު ބޮޑުވާން ޖެހޭނެ
އަނިޔާކުރި އޮފިސަރުންތައް ވަނީ ވަގުތީގޮތުން ސަސްޕެންޑް ކޮށްފަ

ގަދަ ބާރު ބޭނުންކޮށް ބަޔަކަށް ފުލުހުން އަނިޔާކުރި މައްސަލައިގައި ތަހުގީގު ކުރާ މުއައްސަސާތަކުން އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުން ޖަވާބުދާރީ ވުމަށް 48 ގަޑިއިރުގެ މުހުލަތެއް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއިން ދީފިއެވެ.

އާދައިގެ ހެދުމުގައި ތިބި ފުލުހުންގެ އޮފިސަރުންތަކެއް ގެއަކަށް ވަދެ ގަދަ ބާރު ބޭނުންކޮށް ބަޔަކަށް އަނިޔާކުރި މައްސަލައިގައި ހިއުމަން ރައިޓްސް ކޮމިޝަން، ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން އަދި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑް ޔުނިޓުން ކުރާ ތަހުގީގުތައް ގާތުން ބެލުމަށް ހިއުމަން ރައިޓްސް ކޮމިޓީ އިން ނިންމާފައިވާ އިރު އާދިއްތަ ދުވަހު އެ ކޮމިޓީއިން ބޭއްވި ބައްދަލުވުމުގައި މި މުއައްސަސާތަކަށް ޖަވާބުދާރީވުމަށް 48 ގަޑިއިރުގެ މުހުލަތެއް ދިނުމަށް ކޮމިޓީއިން އިއްތިފާގުވިއެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ މިވަގުތު މުއައްސަސާތައް ކޮމިޓީއަށް ހާޒިރުކޮށްގެން ކުރެވޭނެ ކަމެއް ނެތް ކަމަށެވެ. އަދި ތަހުގީގު ލަސްވެ ފިޔަވަޅު އެޅުން ލަސްވާނަމަ މުއްސަސާތައް ކޮމިޓީއަށް ހާޒިރުކުރަން ފެންނަ ކަމުގައެވެ.

މެންބަރު ރޮޒައިނާގެ ވާހަކަތަކަށް ތާއީދުކޮށް ވާހަކަ ދައްކަމުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވަނީ މި އަމަލު ހިންގި ފުލުހުން ޝަރިއްޔަތަށް ގެންގޮސް ދެވޭ އަދަބު ބޮޑުވާން ޖެހޭނެ ކަމަށް ފާހަގަ ކުރައްވާފައެވެ. އިމްތިޔާޒް ވަނީ ހިއުމަން ރައިޓްސް ކޮމިޝަނުން ވީޑިއޯ ހާމަ ނުކުރުމަށް ބުނެފައި ވާތީ އެކަލަ ޖިނާއީ ކުށްތައް ކުރާ މީހުންގެ އަމަލުތައް ބައެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ގެއްލުމެއް ނުލިބޭނަމަ ހާމަ ކުރަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

Advertisement

ކޮމިޓީގައި އިތުރަށް ވާހަކަ ދައްކަމުން ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވަނީ ފުލުހުންގެ ފަރާތުން މިފަދަ އަމަލުތައް ފެނުމަށް މަގުފަހިވާ ސަބަބަކީ ކޮބައިތޯ ބަލަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި ފުލުހުންގެ މުއައްސަސާއިން ދެމުން އަންނަ ތަމްރީނުތަކާއި ފުލުހުންގެ މަސައްކަތުގެ މާހައުލުގެ ސަބަބުން ފުލުހުންގެ އަހުލާގަށް ނޭދެވޭ އަސަރު ކުރޭތޯ ބަލަން ޖެހޭކަމަށް ވެސް ވިދާޅުވެފައެވެ. މި ސަބަބުތައް ދެނެގަނެ މިފަދަ ލާއިންސާނީ އަމަލުތައް ފުލުހުންގެ ފަރާތުން ތަކުރާރު ނުވާނޭ ގޮތް ހަދަން ޖެހޭ ކަމަށް މެންބަރުން ވަނީ ފާހަގަ ކުރައްވާފައެވެ.

އަދި "ޕޮލިސްބްރޫޓަލިޓީ" އަށް ނޫނެކޭ ބުނެ އަނިޔާ ކުރުމުގެ ސަގާފަތް ބަދަލު ކުރަން ޖެހޭ ކަމަށް ކޮމިޓީގެ މެންބަރުންވަނީ އިއްތިފާގު ވެފައެވެ. ކޮމިޓީގެ މުގައްރިރު ވަނީ މިފަދަ އަނިޔާގެ އަމަލުތައް ގިނައިން ހިނގަނީ ސިއްރިއްޔާތުގައި ކަމަށް ފާހަގަ ކޮށްފައެވެ. އަދި ފުލުހުންގެ މި އަމަލު ވީޑިއޯކޮށް އާންމުންނަށް ހާމަވެފައި އޮތް ވަގުތެއްގައި ރައްޔިތުންގެ މަޖިލީހުން ވެސް، ބާރުގެ ބޭނުން ކޮށްގެން ފުލުހުންކުރާ އަނިޔާގެ މައްސަލަތައް ހަރުދަނާ ގޮތެއްގައި ބަލަން މަސައްކަތް ކުރަންޖެހޭ ކަމުގެ ސިގްނަލަކަށް އެކަންވާ ކަމުގައި ވިދާޅުވިއެވެ.

ޖުލައި މަހުގެ ފަސް ވަނަ ދުވަހު އާންމުވެގެން ދިޔަ ވީޑިއޯއިން އާދައިގެ ހެދުމުގައި ތިބި ފުލުހުންގެ އޮފިސަރުންތަކެއް މ. އުޖާލާގެއަށް ކޯޓު އަމުރެއްގެ ދަށުން ވަދެ ގަދަބާރު ބޭނުން ކޮށްގެން މީހަކަށް އަނިޔާކުރާ މަންޒަރު ފެނިގެންދެއެވެ. މި މައްސަލައާ ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް ކުރި ޓުވީޓެއްގައި މި އަމަލަކީ އެއްވެސް ގޮތަކަށް ބަލައި ގަނެވޭނެ އަމަލެއް ނޫންކަމަށާއި އެ މައްސަލަ އިތުރަށް ތަހުގީގު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. މި އަމަލު ހިންގި އޮފިސަރުންތައް ވަނީ ވަގުތީގޮތުން ސަސްޕެންޑް ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް