ޖިބްރޯލްޓާއިން އިނގިރޭސި ސިފައިން އީރާނުގެ ސުޕަރޓޭންކަރު ހިފެހެއްޓި މައްސަލައިގައި ރައްދުގައި އިރާނުން އަޅާ ފިޔަވަޅަކަށް އިނގިރޭސިން ބިރުގަންނަން ޖެހޭނެކަމަށް އީރާނުގެ ދީނީ ލީޑަރަކު އިންޒާރުދެއްވައިފިކަމަށް ފާރސް ނިއުސް އޭޖެންސީން ރިޕޯޓްކޮށްފިއެވެ.
"އަޅުގަނޑު ފާޅުގައި މި ދަންނަވަނީ ގާނޫނާ ޚިލާފަށް އީރާނުގެ ތެޔޮ ޓޭންކަރު ހިފެހެއްޓި މައްސަލައިގައި އީރާނުން ބަދަލުހިފުމުގެ ގޮތުން އަޅާ ފިޔަވަޅަކަށް އިނގިރޭސިން ބިރުގަންނަން ޖެހޭނެ" ދީނީ ގޮތުން ބާރުގަދަ ތަޖުރިބާކާރުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު އަލީ މޫސަވީ ޖަޒާއެރީ ހޮނިހިރު ދުވަހު ވިދާޅުވިއެވެ.
އޭނާވަނީ ބުލީ ކުރުމާއި ދެކޮޅަށް މަޑުން ނުތިބޭނެކަމަށާއި އެމެރިކާގެ ޑްރޯން މައްސަލައިގައި ރައްދުދިން ގޮތަށް ތެޔޮ ޓޭންކަރުގެ މައްސަލައިގައިވެސް ރައްދު ދޭނެކަމަށެވެ.
އީޔޫއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ޚިލާފަށް ސީރިޔާއަށް ތެޔޮ ހިފައިގެން ދާކަމަށް ތުހުމަތުކުރެވިގެން ޖިބްރޯލްޓާގެ ސަރުކާރުގެ އެދުމަކަށް އިނގިރޭސި ރޯޔަލް ނޭވީގެ ސިފައިން ތެޔޮބޯޓެއް ހިފަހައްޓާފައިވަނީ ބުރާސްފަތިދުވަހުއެވެ.
އިދާރާތަކުން ބުނެފައިވަނީ ގްރޭސް 1 ނަމަކަށް ކިޔާ ބޯޓުން ސީރިޔާގެ ބާނިޔާސް ރިފައިނަރީއަށް އުފުލަމުން ދިޔައީ އީރާނުގެ ސާފުނުކުރާ ތެޔޮކަން ގަބޫލުކުރެވޭ ސަބަބުތަކެއް އެބަހުރި ކަމަށެވެ.
ބީބީސީން ބުނެފައިވާގޮތުގައި ކަނޑުގެ ސިފައިންގެ 30 މީހުންނާއި 42 ކޮމާންޑޯއިން ބޯޓް ހިފެހެއްޓުމަށްޓަކައި ޖިބްރޯލްޓާގެ ސަރުކާރުގެ އެދުމަކަށް އިނގިރޭސިވިލާތުން ޖިބްރޯލްޓާއަށް ވައިގެ މަގުން ދަތުރު ކޮށްފައިވެއެވެ.
އިނގިރޭސިންގެ ޓެރިޓަރީއެއްގެ ގޮތުގައި އޮތް ޖިބްރޯލްޓާގެ ތަރުޖަމާނު ވިދާޅުވީ ބޯޓުގައި ތިބި 28 ފަޅުވެރިންގެތެރޭގައި މައިގަނޑު ގޮތެއްގައިތިބީ އިންޑިއާއާއި ޕާކިސްތާނާއި ޔޫކްރެއިންގެ ރައްޔިތުންކަމަށެވެ.
ހުކުރު ދުވަހުގެ ފަހުގެ ވަގުތެއްގައި ޖިބްރޯލްޓާއިން ބުނެފައިވަނީ އިތުރު 14 ދުވަހަށް ބޯޓު ހިފަހައްޓާފައި ބޭއްވުމަށް އަމުރެއް ހޯދާފައިވާކަމަށެވެ.