ބ. ކަމަދޫގެ ކަރަންޓުގެ މައްސަލައަށް ހައްލެއް ބޭނުންވާ ކަމަށް އެ ރަށު ކައުންސިލުގެ ރައީސް އަހުމަދު ސާޖިދު ވިދާޅުވެއްޖެއެވެ.
ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވަމުން ސާޖިދު ވިދާޅުވީ ކަމަދޫގެ ކަރަންޓުގެ މައްސަލައަށް ހައްލެއް ނުލިބި ތިން މަހަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށެވެ.
އެ ރަށުގައި މިހާރު ބޭނުން ކުރާ އިންޖީނުތަކުގެ ތެރެއިން 180 ވޯލްޓްގެ ދެ އިންޖީނަކީ މިދިޔަ ސަރުކާރުން ދީފައިވާ އިންޖީނުތަކެކެވެ. އޭގެ އިތުރުން އެ އަތޮޅުގެ ދަރަވަންދޫގައި ބޭނުންކުރި 250 ވޯލްޓުގެ އިންޖީނެއް ދާދި ފަހުން ވަނީ އެރަށަށް ގެނެސްފައެވެ.
ސާޖިދު ވިދާޅުވީ ދަރަވަންދޫއިން ގެނައި އިންޖީނުގެ ބެޓެރި ޗާޖު ކުރާ ތަން ނެތް ކަމަށާ ދެން 180 ގެ އިންޖީނުތަކުން އަޑީތެޔޮ ފައިބާ ކަމަށެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު އާއި މި މައްސަލައާ ބެހޭ ގޮތުން މަޝްވަރާ ކުރެވިފައި ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކަމަދޫ ކައުންސިލުން ވަނީ ރަށުގެ ކުރި އެރުންތަކާއި ގުޅިގެން މީގެ ދެ ހަފްތާ ކުރިން، ފިނޭންސް މިނިސްޓްރީ އާއި އެންވާރަމެންޓް މިނިސްޓްރީގެ އިތުރުން ޔޫތް މިނިސްޓްރީ އާއި ފެނަކަ އާއިއެކު ބައްދުލުވުންތަކެއް ކުރިއަށް ގެންގޮސްފައެވެ.