ބާރުތައް ބަހާލުމުގެ އެއްބަސްވުމެއްގައި ސޫދާންގެ މިލިޓަރީ ކައުންސިލާއި އެ ގައުމުގެ އިދިކޮޅުގައި ހަރަކާތްތެރިވާ ފަރާތްތަކާއި އެކު އެއްބަސްވުމަކަށް އާދެވިއްޖެއެވެ.
ޓްރާންސިޝަން މުއްދަތުގެ ތެރޭގައި ދެ ފަރާތުގެ މެދުގައި ބާރުތައް ބަހާލާ އެއްބަސްވުމަކަށް އާދެވުނީ ގިނަ ދުވަސްތަކެއް ވަންދެން އެ ގައުމުގެ މަގުތަކުގައި ކުރި މުޒާހަރާތައް ކޮންޓްރޯލް ކުރަން އެ ގައުމުގެ އަސްކަރިއްޔާއަށް ނުކުޅެދިފައި އޮތް ދަނޑިވަޅެއްގައެވެ. އެ ގައުމުގައި ހުދުމުހުތާރު ވެރިކަމެއް ކުރަމުން އައި އުމަރު އަލް-ބަޝީރުގެ ވެރިކަން ނިމުމަކަށް ގެނައި ފަހުން ވެސް ގިނަ ރައްޔިތުތަކެއް ދިޔައީ، ބާރުތައް ރައްޔިތުންނާ ހަވާލުކުރުމަށް ގޮވާލާ މުޒާހަރާކުރަމުންނެވެ.
ދެ ފަރާތަށް އާދެވުނު އެއްބަސްވުމުގެ ދަށުން އެ ގައުމުގައި އިންތިހާބެއް ބޭއްވެން ދެން ގައުމުގެ ވެރިކަން ކުރާނީ އަސްކަރީ-މަދަނީ މުސްތަގިއްލު ކައުންސިލެއްގެ ދަށުންނެވެ. މި ކައުންސިލް މަދުވެގެން ތިން އަހަރު ދުވަހުގެ މުއްދަތަށް ދެމި އޮންނާނެއެވެ. އެއްބަސްވުމުގެ ދަށުން ކައުންސިލްގެ ފަސް ގޮނޑި އާންމު ރައްޔިތުންގެ ތެރެއިން ހޮވާލެވޭ ބަޔަކަށް ލިބޭއިރު، އަނެއް ފަސް ގޮނޑީގައި ތިއްބަވާނީ އަސްކަރިއްޔާގެ ފަރާތްތަކެވެ.
އޭގެ އިތުރުން ދެ ފަރާތުން ވެސް ވަނީ ޖޫން ތިނެއްގައި ހިނގައިދިޔަ ކުރިމަތިލުންތަކުގައި، އަސްކަރިއްޔާއިން ބާރުގެ ބޭނުންކޮށްގެން މުޒާހަރާކުރަމުން ދިޔަ ބަޔަކު މަރާލި މައްސަލަ ބެލުމަށް މިނިވަން ދެފުށްފެންނަ ތަހުގީގެއް ހިންގަން ވެސް އެއްބަސްވެވަޑައިގެންފައެވެ. އެ ދުވަހު ހިނގި ކުރިމަތިލުންތަކުގައި ސަތޭކައަށް ވުރެ ގިނަ މީހުން މަރާލާފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެއެވެ.
އިދިކޮޅުގައި އިސްކޮށް ހަރަކާތްތެރިވާ ފޯރސަސް ފޯރ ފްރީޑަމް އެންޑް ޗޭންޖް ގެ ލީޑަރު އޮމަރް އަލް-ޑެގައިރް ވިދާޅުވީ އެއްބަސްވުމުގެ ސަބަބުން ކައުންސިލްގެ ދަށުން އުފައްދާ މުއައްސަސާތައް އުފެއްދުމުމަށް މަގު ފަހި ވެގެން ދާނެ ކަމަށެވެ. އަދި މިއީ އާ ދައުރެއްގެ ފެށުމަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިލިޓަރީ ކައުންސިލްގެ ޑެޕިއުޓީ ހެޑް ޖެނެރަލް މުހައްމަދު ހަމްދާން ޑަގަލޯ ވެސް ވަނީ މި އެއްބަސްވުމުގެ ސަބަބުން މިހާރު ހުރި ހިޔާލު ތަފާތުވުންތައް ނައްތާލެވޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އެއްބަސްވުމުގެ ތެރެއިން އެއްވެސް ބަޔަކު ބާކީ ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ދެ ފަރާތުގެ މެދުގައި ކުރެވުނު މަޝްވަރާތަކުގެ މެދުވެރިއެއްގެ ރޯލު އަދާކޮށްފައިވަނީ އެފްރިކަން ޔޫނިއަން އާއި އިތިއޯޕިއާއެވެ. އެ ފަރާތްތަކުން މަޝްވަރާތަކުން ހައްލެއް ހޯދުމަށް އަވަސް ވެގަތީ މިދިޔަ ހަފުތާގައި ކުރިޔަށް ގެންދިޔަ ބިޔަބޮޑު އެއްވުންތަކާއި ގުޅިގެންނެވެ.