ގަވާއިދާއި ޚިލާފަށް ދުންފަތުގެ ބާވަތްތައް ވިއްކަމުންދާ 28 ފަރާތަކާއި މެދު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފިޔަވަޅު އަޅައިފިއެވެ.
އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރ ހަސަން މުހައްމަދު ވިދާޅުވީ ބުރާސްފަތި ދުވަހު ކުރިއަށް ގެންދިޔަ އިންސްޕެކްޝަންގައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ދުންފަތުގެ ބާވަތައްތައް ވިއްކާ ނުވަ ސަރަހައްދަކުން ކޮންމެ ސަރަހައްދެއްގެ ފަސް ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
ދުންފަތުގެ ބާވަތް ވިއްކަމުންދާ އެ 45 ސަރަހައްދު ބަލައި ފާސްކޮށް ގަވާއިދާއި ޚިލާފަށް ދުންފަތުގެ ބާވަތްތައް ވިއްކަމުންދާ 11 ފިހާރަ އަކާއި 17 ކެފޭ، ރެސްޓޯރެންޓަކަށް ފިޔަވަޅު އަޅާފައިވާ ކަމަށް ހަސަން ވިދާޅުވިއެވެ.
ވަކިން ސިނގިރޭޓާއި ބިޑި ނުވިއްކޭ ގޮތަށް އެކުލަވާލެވުނު ގަވާއިދަށް އަމަލުކުރަން ފަށާފައިވަނީ މިދިޔަ މެއި މަހުގެ 31 ވަނަ ދުވަހު އެވެ.
ދުންފަތުން ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާ ބެހޭ ގަވާއިދުގެ މައިގަނޑު މަގުސަދަކީ، ކުޑަކުދިން އަދި ޒުވާނުން ދުންފަތުގެ އިސްތިއުމާލުކުރަން ފެށުމުން ދުރުހެލިވުމާއި ހުރިހާ އުމުރެއްގެ މީހުންނަށް ދުންފަތުގެ ނުރައްކަލާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުމެވެ. އަދި ދުންފަތުގެ ބާވަތްތައް އިޝްތިހާރުކުރުން ކުޑަ ކުރުމަކީ ވެސް މި ގަވާއިދުގެ މަގުސަދެކެވެ.
އެ ގަވާއިދުގެ ދަށުން ވަކިން ސިނގިރޭޓް ވިއްކުމާއި ސިނގިރޭޓް ފޮށީގެ ބޭރުގައި ފޮޓޯ ޖެހި އިންޒާރާ ނުލައި ސިނގިރޭޓް ވިއްކުމަކީ މަނާކަމެކެވެ.
ގަވާއިދުގައި ބުނެފައިވާގޮތުން ވިއްކޭނީ މަދުވެގެން 20 ސިނގިރޭޓް ހިމެނޭ ފޮށްޓެވެ. ބިޑި ވިއްކާ ނަމަ ވިއްކޭނީ މަދުވެގެން 50 ބިޑި ހިމެނޭ ފޮށްޓެއް ނުވަތަ ބޮނޑިއެކެވެ. އަދި ދުންފަތާ ދުންފަތުގެ އެހެން ބާވަތްތައް ވިއްކޭނީ އޭގައި މަދުވެގެން 30 ގުރާމް ހުންނަ ނަމައެވެ
ދުންފަތުގެ ބާވަތްތައް ގަވާއިދާ ޚިލާފަށް ވިއްކައިތޯ ބެލުމަށް އިންސްޕެކްޝަން އެއް ކުރިއަށް ގެންދިއުމުގެ ބޭނުމަކީ ޤާވައިދަށް އަމަލު ކުރާ މިންވަރު ދެނެގަތުން ކަމަށާއި ދުންފަތުން ލިބޭ ގެއްލުން އޮޅުން ފިލުވައިދިނުމުގެ އިތުރުން ގަވާއިދަށް އަމަލުކުރަން ފެށިފަހުން ދުންފަތުގެ އިސްތިމާލް ކުރާ މިންވަރު ދެނެ ގަތުން ކަމަށް ހަސަން ވިދާޅުވިއެވެ.
މި އޮޕަރޭޝަންތައް ބުރާސްފަތި ދުވަހު މާލޭގައި ފަށާފައިވާއިރު އަތޮޅު ތެރެއަށްވެސް އެ އޮޕަރޭޝަން ފުޅާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް ހަސަން ވިދާޅުވިއެވެ.