އީސްޓަރ ސަންޑޭގެ ހަމަލާއިން ރައްކާތެރިވާން އެކަށީގެންވާ ފިޔަވަޅު އެޅުމުގައި އިހުމާލުވެފައިވާ ކަމަށް ބުނެ ލަންކާގެ ފުލުހުންގެ ވެރިޔާއާއި އޭރުގެ ޑިފެންސް ސެކެޓްރީ ހައްޔަރުކޮށްފިއެވެ.
އެޕްރިލް 21 ވަނަ ދުވަހު ދިން ހަމަލާގައި 250 މީހަކު މަރުވެފައިވާ އިރު، މި ހަމަލާތަކުގެ އިންޒާރު ތަފާތު ތިން ފަހަރެއްގެ މަތިން އިންޑިއާގެ އިންޓެލިޖެންސުން ވަނީ ލަންކާގެ ކަމާއި ބެހޭ ފަރާތްތަކަށް ފޯރުކޮށްދީފައެވެ.
އަންގާރަ ދުވަހުގެ ވަގުތެއްގައި، ލަންކާ ފުލުހުންގެ ވެރިޔާ އިންސްޕެކްޓަރ ޖެނެރަލް ޕުޖިތް ޖަޔަސުންދްރާ އާއި ކުރީގެ ޑިފެންސް ސެކެޓްރީ ހެމަސިރީ ފަނާންޑޯ ހައްޔަރުކޮށްފައިވަނީ، އިންސާނިއްޔަތާއި ހިލާފު ޖަރިމާއެއް ހިންގުމުގެ ކުށުގައި އެ ދެ މީހުން ހައްޔަރުކޮށް ދައުވާކުރަން ޖެހޭ ކަމަށް އެ ގައުމުގެ ބަންޑާރަ ނައިބު ދައްޕުލާ ޑެ ލިވޭރާ ވިދާޅުވިތާ 24 ގަޑިއިރު ވެސް ނުވަނީހެވެ.
ދެ ބޭފުޅުން ވެސް ހައްޔަރުކުރެވިފައިވަނީ ލަންކާގެ ދެ ހޮސްޕިޓަލެއްގައި ފަރުވާހޯދަމުން ދަނިކޮށް ކަމަށް ލަންކާގެ ފުލުހުންގެ ތަރުޖަމާން ރުވާން ގުނަސޭކަރަ ވިދާޅުވިއެވެ. ގުނަސޭކަރަ ވިދާޅުވީ އެމީހުން ހައްޔަރު ކުރީ ބަންޑާރަ ނައިބުގެ އިރުޝާދާ އެއް ގޮތަށް ކަމަށެވެ.
ލަންކާގެ އެކްޓިންގ ޕޮލިސް ކޮމިޝަނަރަށް ފޮނުއްވެވި ސިޓީއެއްގައި ޑެ ލިވޭރާ ވަނީ އެ ދެ ބޭފުޅުން ވެސް ހައްޔަރުކޮށްގެން މެޖިސްޓްރޭޓެއް ކުރިމައްޗަށް ގެންނަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. ބައިނަލްއަގްވާމީ ގާނޫނުތަކަށް ބަލާއިރު އެ ދެ ބޭފުޅުންގެ އަމަލުތައް ހުންނެވީ "އިންސާނިއްޔަތާއި ހިލާފު ޖަރިމާ" އެއްގެ ދަށަށް ފެތޭ ގޮތަށް ކަމަށް ވެސް ޑެ ލިވޭރާގެ ސިޓީގައި ބަޔާކޮށްފައިވެއެވެ. ދެ ބޭފުޅުންގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ދައުވާ އުފުލަން ޖެހިދާނެ ކަމަށް ވެސް ޑެ ލިވޭރާ ވަނީ ވިދާޅުވެފައެވެ.
އެ ދެ ބޭފުޅުންގެ އިތުރުން، ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގައި އިހުމާލުވީ ކަމަށް ބުނެ އިތުރު ނުވަ ފުލުސް އޮފިސަރެއްގެ މައްޗަށް ދައުވާކުރަން ވަނީ ނިންމާފައެވެ.
ހަމަލާއާއި ގުޅިގެން ލަންކާ ޕާލިމަންޓުން ހިންގި ތަހުގީގުގައި ޖަޔަސުންދްރާ އާއި ފަނާންޑޯއާ ދެ ބޭފުޅުން ވެސް ވަނީ، ގައުމީ ސަލާމަތަށް ނުރައްކާތެރި ކަންކަމުގައި އަމަލުކުރަން ކަނޑައަޅާފައިވާ ސެކިއުރިޓީ ޕްރޮޓޮކޯލްއާ އެއްގޮތަށް އެ ގައުމުގެ ރައީސް މައިތިރިޕާލަ ސިރިސޭނާ އަމަލު ނުކުރައްވާ ކަމަށް ތުހުމަތުކޮށް ހެކިބަސް ދެއްވާފައެވެ. ދެ ބޭފުޅުން ވެސް ވަނީ އެ ބޭފުޅުންނަށް ކުރެވޭ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.
ލަންކާގެ ކަމާއިބެހޭ ފަރާތްތަކުން ވަނީ، ނެޝަނަލް ތައުހީދު ޖަމާއަތް (އެންޓީޖޭ) އިން ލަންކާގައި ހަމަލާދޭން އުޅޭ ކަމަށް ތަފާތު ތިން ފަހަރެއްގެ މަތިން އިންޑިއާގެ އިންޓެލިޖެންސުން މައުލޫމާތު ދީފައިވާ ކަމަށް އިއުތިރާފުވެފައެވެ.