Advertisement
ކ. މާލެ
|
1 ޖުލައި 2019 | ހޯމަ 19:02
މޯލްޑިއަން ފްލައިޓެއް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި
މޯލްޑިއަން ފްލައިޓެއް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި
ޓްވިޓަރ
އައިލެންޑް އޭވިއޭޝަން
މަޖިލިސް ކޮމިޓީ: އައިލެންޑް އޭވިއޭޝަންގެ ބައެއް ވެރިންގެ މުސާރަ ބޮޑުކުރި!
ބައެއް މުވައްޒިފުންގެ މުސާރަ ބޮޑުކުރީ ފިނޭންސުން ހުއްދަ ލިބިގެން

އައިލެންޑް އޭވިއޭޝަންގެ އިސްވެރިންގެ ޒިންމާތައް ބޮޑުވުމާއި ގުޅިގެން މުސާރަ ވެސް ބޮޑުކުރި ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ދިވެހިރާއްޖޭގެ ގައުމީ އެއާލައިން ހިންގާ ކުންފުނިން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒެސް ކޮމިޓީއަށް އެ ކުންފުނީ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ރިޒުވީ ސޮއިކުރައްވާ ފޮނުވި ސިޓީގައި ބުނެފައި ވަނީ ޑިޕާޓްމެންޓްތަކުގެ އިސްވެރިންގެ މުސާރަ އަށް ބަދަލުތަކެއް ގެނެވިފައިވާ ކަމަށެވެ. އެ ބަދަލުތައް މިނިސްޓްރީ އޮފް ފިނޭންސް އާއި ހިއްސާކޮށްފައިވީ ނަމަވެސް މިނިސްޓްރީން ޖަވާބެއް އަދި ނުދޭ ކަމަށް ސިޓީގައި ބުނެފައިވެ އެވެ.

ކުންފުނީ މެނޭޖިން ޑިރެކްޓަރާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މުސާރަ ބޮޑު ނުކުރާ ކަމަށް ސިޓީގައިވެ އެވެ. ޑިޕާޓްމެންޓްތަކުގެ ވެރިންގެ މުސާރަ މުރާޖާކުރަން ޖެހުނީ ސިޓީގައި ބުނެފައިވާ ގޮތުން އެ ކުންފުންޏަކީ ވައިގެ ދަތުރުފަތުރާއި ގުޅޭ އެކިއެކި ޚިދުމަތްތައް ދޭ ކުންފުންޏަކަށްވުމުން، ކުންފުނީގެ އިސް ދައުރެއް އަދާކުރާ ފަރާތްތަކުގެ ޒިންމާތައް ބޮޑުވުމުގެ ސަބަބުން އެ ފަރާތްތަކަށް ލިބެންޖެހޭ މުސާރައަކީ މައްސޫލިއްޔަތާއި އެއްވަރުގެ މުސާރައަކަށް ވާންޖެހޭ ކަމަށް ގަބޫލުކުރާތީ އެވެ.

Advertisement

މަޖިލީހުގެ ކޮމެޓީން ވަނީ އެ މައްސަލާގައި ފިނޭންސް މިނިސްޓްރީ އާއި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑާ (ޕީސީބީ) ދެމެދު ކުރެވިފައިވާ މުއާމަލާތްތަކުގެ މައުލޫމާތުވެސް ހޯދައިފަ އެވެ. އައިލެންޑް އޭވިއޭޝަންގެ އިސްވެރިންގެ މުސާރައިގެ މައްސަލައިގައި ފިނޭންސް މިނިސްޓްރީން ޕީސީބީއަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ އެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުންނާއި، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރާއި، ޑެޕިއުޓީ މެނެޖިންގ ޑިރެކްޓަރުގެ މުސާރަ ފިޔަވައި، ކުންފުނީގެ ޓެކްނިކަލް މުއައްޒަފުންގެ މުސާރަތަކަށް ގެނެސްފައިވާ ބަދަލުތަކަށް ހުއްދަ ދީފައިވާ ކަމަށެވެ.

މި ދެ ސިޓީގައިވާ ބައެއް މައުލޫމާތުތަކުގައި ފުށުއަރާ ކަންތައްތަކެއް ހުރުމުން ކޮމިޓީއިން ނިންމީ އެ ކަންތައްތައް އިތުރަށް އޮޅުންފިލުވައި މުސާރަތަކުގެ އޮނިގަނޑަށް ބަދަލު ގެނެވުނީ ފިނޭންސް މިނިސްޓްރީއާއި، ޕީސީބީ އާއި އައިލެންޑް އެވިއޭޝަންގެ އުސޫލުތަކާއި އެއްގޮތައްތޯ ބަލާ، ކުރީގެ އޮނިގަނޑާއި މިހާރުގެ އޮނިގަނޑުތައް ހޯދާ، ހާޒިރު ކުރަން ޖެހޭ ނަމަ ހާޒިރު ކުރުމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް