Advertisement
ކ. މާލެ
|
1 ޖުލައި 2019 | ހޯމަ 22:51
ރައީސް ޔާމީންގެ ވެރިކަމުގައި މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަބްދުﷲ މައުމޫން (މާނު)
ރައީސް ޔާމީންގެ ވެރިކަމުގައި މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަބްދުﷲ މައުމޫން (މާނު)
ސޯޝަލް މީޑިއާ
މޯލްޑިވް ގޭސް
މޯލްޑިވް ގޭހުގެ ކުރީގެ އެމްޑީ މާނު ޤައުމުން ބޭރަށް ފުރީ، ޕާސްޕޯޓް ހިފަހައްޓަން އަމުރަކަށް އެދިފައިވަނިކޮށް!
ކޯޓު އަމުރު ނެރެދެވެން ނެތްކަމަށް ކޯޓުން އެންގީ އެކަމަށް އެދި ހުށައެޅިތާ ތިން ހަފްތާ ފަހުން
ޖެހިގެން އައި ހަފްތާގައި ރާއްޖެއިން ބޭރަށް މާނު ވަނީ ފުރާފައި
ފާތިމަތު އިބްރާހިމްގެ މައިންބަފައިންގެ ނަމުގައި ހުޅުވި މިސްކިތަށް މޯލްޑިވް ގޭހުން 2.5 މިލިއަން ރުފިޔާ ޚަރަދު ކުރި

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަބްދުﷲ މައުމޫން (މާނު) ރާއްޖެއިން ބޭރަށް ފުރުވުމަށް ކޯޓުން އެހީތެރިވި ކަމުގެ ތުހުމަތު އެންޓި ކޮރަޕްޝަން ކަމިޝަން (އޭސީސީ) އިން ކޮށްފިއެވެ.

Advertisement

މަޖިލީހުގައި ހޯމަ ދުވަހު ބޭއްވި ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީ (އެސްއޯއީ) އަށް އޭސީސީ ހާޒިރުކޮށް މެމްބަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އޭސީސީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ އެ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ތަހުގީގަށް ހުރަސް އެޅިދާނެތީ މޯލްޑިވް ގޭހުގެ އެމްޑީއަކު ރާއްޖެއިން ބޭރަށް ނުފުރޭގޮތަށް، ޕާސްޕޯޓް ހިފޭޓުމަށް ކޯޓު އަމުރަކަށް އެ ކަމިޝަނުން އެދުނު ކަމަށެވެ. ނަމަވެސް އެ ކޮމިޝަނުން އެދުނު ކޯޓު އަމުރު ނެރެދެވެން ނެތްކަމަށް ކޯޓުން އެންގީ އެކަމަށް އެދި ހުށައެޅިތާ ތިން ހަފްތާ ފަހުން ކަމަށާއި އޭގެ ޖެހިގެން އައި ހަފްތާގައި ރާއްޖެއިން ބޭރަށް މާނު ފުރާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަޅުގަނޑުމެން މިހާރު ބަލަމުންދާ މައްސަލައެއްގައި ކުންފުންޏެއްގެ އެމްޑީއެއްގެ މައްސަލައަކީ އެމްޑީ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފިކަމުގައި ވާނަމަ އެމައްސަލަ ތަހުގީގު ކުރުމަށް ހުރަސް އެޅިދާނެތީ ރާއްޖެއިން ބޭރަށް ފުރައިގެން ދިއުން މަނާ ކުރުމުގެ އަމުރަކަށް ކޯޓުގައި އެދިފައިވަނިކޮށް އެ އަމުރު އަޅުގަނޑުމެންނަށް ނުލިބި ތިން ހަފްތާ ވުމަށްފަހު އެ އަމުރު ދެވެން ނެތްކަމަށް ކޯޓުން އަންގާފައި ވަނިކޮށް ޖެހިގެން އައި ހަފްތާގައި އެބޭފުޅާ ރާއްޖެއިން ބޭރަށް ފުރާ ވަޑައިގެންނެވި ފަހުން މިހާތަނަށް ރާއްޖެއަށް ވަޑައިގެންފައެއް ނެތް.
އޭސީސީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު

މުއައްވިޒު ވިދާޅުވީ މާނު ފުރުމުން އެކަން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ގެ ސަމާލުކަމަށްވެސް ގެނެސްފައިވާ ކަމަށެވެ. އަދި މާނު ފުރުމުން އެ ކޮމިޝަނުން ތަހުގީގު ކުރަމުން ދިޔަ މޯލްޑިވް ގޭހުގެ ކަރަޕްޝަންގެ ތަހުގީގަށް އެޅިގެން ދިޔަ ބޮޑު ހުރަހެއް ކަމަށް ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި މާނު ރާއްޖެއިން ބޭރަށް ފުރުވާލާފައި އޭސީސީއިން އެތަހުގީގު ކުރަން ފެށި ތަނާހެން މިއަހަރުގެ ތެރޭގައެވެ.

މާނު އަކީ ކުރީގެ ރައީސް ޔާމީން ގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ ގާތް ބޭފުޅެކެވެ. މަސްޖިދުލް ވާލިދައިންގެ ނަމުގައި މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 20 ވަނަ ދުވަހު އެކަމަނާގެ މައިންބަފައިންގެ ހަދާނުގައި ހުޅުމާލޭ ރެހެންދި ސްކޫލް ކައިރީގައި އަޅާފައިވާ އެ މިސްކިތަށް މޯލްޑިވް ގޭސްގެ ނަމުގައި 2.5 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާކަން ވަނީ ހާމަ ވެފައެވެ. އޭރު އެކުންފުނީގެ އެމްޑީއަކަށް ހުންނެވީ މާނުއެވެ.

ފާތުމަގެ މައިންބަފައިންގެ ހަނދާނުގައި އިމާރަތްކުރި މަސްޖިދުލް ވާލިދައިން މިސްކިތް ހުޅުއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ފާތިމަތު އިބްރާހިމްގެ މައިންބަފައިންގެ ނަމުގައި އަޅާފައިވާ އެ މިސްކިތަށް ބޭނުންވާ ސާމާނު ގަނެސްފައިވަނީ ގދ. ތިނަދޫގައި އެ ކުންފުނިން ހިންގި ގޭސް ޕްލާންޓަށް ބޭނުންވާ ސާމާނުގެ ނަމުގައެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އަނބިކަނބަލުންގެ ނަމުގައި ހުޅުމާލޭގައި ބޭއްވި ހިތާނީ ކޭމްޕަށް ވެސް މޯލްޑިވް ގޭހުގެ ނަމުގައި ޚަރަދުކުރި ކަމަށް ތުހުމަތުތައް ވަނީ ކުރެވިފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ހިތާނީ ކޭމްޕަށް މޯލްޑިވް ގޭހުން ފައިސާ ހޭދަ ކޮށްފައި ވަނީ އެންސްޕާގެ ނަމުގައެވެ. ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ކެމްޕޭނުގައި މޯލްޑިވް ގޭހުން ބޮޑު ހޭދައެއް ކުރި ކަމުގެ ތުހުމަތު ވެސް ދަނީ ކުރަމުންނެވެ.

މޯލްޑިވް ގޭހުގެ މިހާރުގެ އެމްޑީ ޝަޒައިލް ސިޔާމް ރާއްޖެ.އެމްވީއަށް ވިދާޅުވެފައިވަނީ އެ ކުންފުނިން ސީއެސްއާރުގެ ނަމުގައި ގިނަ ފަރާތްތަކަށް ފައިސާ ބޭރުވެފައި އެބަހުރި ކަމަށެވެ. އަދި އެ ކުންފުނީގެ އަމަލީ މަސައްކަތްތަކުގައި އުޅުއްވީ މާނު ކަމަށް މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް