ކިމް ޖޮން-އުންއާ ސަލާންކޮށްލަން ދެ ކޮރެއާގެ ސަރަހައްދީ ރޮނގަށް ދިޔަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޑީމިލިޓަރައިޒްޑް ޒޯން (ޑީއެމްޒީ) ހުރަސްކޮށް އުތުރު ކޮރެއާއަށް ވަދެވަޑައިގަންނަވައިފިއެވެ.
ޖީ-20 ސަމިޓު ނިންމަވާލެއްވުމަށް ފަހު، ދެކުނު ކޮރެއާގެ ރައީސް ކިމް-ޖައި މޫންއާ ބައްދަލުކުރައްވަން އެ ގައުމަށް ވަޑައިގެންނެވި ޓްރަމްޕް، ކިމްއާ ބައްދަލުކުރައްވަން ބޭނުންފުޅެ ވެލައްވާ ކަމަށް ވިދާޅުވުމުން ގިނަ ބަޔަކަށް ލިބުނީ ހައިރާން ކަމެކެވެ. އަދި މިއީ ކުރިން ރޭވިފައި އޮތް ކަމެއް ނޫން ކަމަށް ވައިޓް ހައުސްގެ ފަރާތުން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.
ޑީއެމްޒީ ހުރަސްކުރެއްވުމަށް ފަހު ޓްރަމްޕް ވަނީ، ރައީސްކަމުގެ މަގާމުގައި ހުއްޓާ އުތުރުކޮރެއާގެ ފަސްގަނޑުގައި ފައި ބީއްސާލި ފުރަތަމަ އެމެރިކާގެ ރައީސްއަށް ވެވަޑައިގެންފައެވެ. ކިމްއާ ސަލާން ކުރެއްވުމަށް ފަހު ޓްރަމްޕް ދެ ކޮރެއާގެ ސަރަހައްދީ ރޮނގު ހުރަސްކުރެއްވުމަށް ފަހު، ދެ ބޭފުޅުން ވަޑައިގެންނެވީ މަޝްވަރާކުރައްވަން އުތުރުކޮރެއާ ފަޅީގައި ހުރި ޖަލްސާކުރާ ކޮޓަރިކޮޅަކަށެވެ.
ސީއެންއެންއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޓްރަމްޕް ވަނީ ވައިޓް ހައުސްއަށް ޒިޔާރަތްކުރެއްވުމަށް އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންއަށް ދައުވަތު އަރުވާފައެވެ. ދެ ފަރާތުގެ ބައްދަލުވުމަށް ފަހު ޓްރަމްޕް ވިދާޅުވީ ނޯތް ކޮރެއާއަށް ހުރަސްކުރެއްވީ ކިމް އަރިހުން ހުއްދަ ހޯއްދެވުމަށް ފަހުގައި ކަމަށެވެ. ހުއްދަ ދެއްވުން އެއީ ފަހުރެއް ކަމަށް ކިމް ވިދާޅުވީ ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ. ދެ ބޭފުޅުން ދެން ބައްދަލުކުރައްވާނެ ތާރީހެއް ފަހުގެ ތާރީހެއްގައި އިއުލާން ކުރާނެ ކަމަށް ވައިޓް ހައުސްގެ މީޑިއާ ކޮރެސްޕޮންޑެންޓް ވިދާޅުވެފައިވެއެވެ.
ޓްރަމްޕް އާއި ކިމް އެންމެ ފަހުން ވިއެޓްނާމްގައި ބޭއްވި ސަމިޓު ނާކާމިޔާބު ވުމާއި ގުޅިގެން، ދެ ގައުމަށް އެއްބަސްވުމަކަށް އާދެވިދާނެ ކަމާއި މެދު އޮތީ ޝައްކު އުފެދިފައެވެ. އެ ސަމިޓު ފެއިލްވެގެން ދިޔައީ ނިއުކްލިއަރ ހަކަތަ އާއި ހަތިޔާރު އުފެއްދުން ހުއްޓާލުމުގެ ކުރިން، ހުރިހާ ދަތިކުރުމުގެ ފިޔަވަޅެއް އުވާލަން އުތުރު ކޮރެއާއިން ޑިމާންޑް ކުރުމުންނެވެ. އެމެރިކާއިން ވަނީ މިކަމާ ދެކޮޅު ހަދާފައެވެ.