Advertisement
ކ. މާލެ
|
28 ޖޫން 2019 | ހުކުރު 10:34
ދިވެހި ހައްޖުވެރިންތަކެއް އިހުރާމް ބަދެގެން
ދިވެހި ހައްޖުވެރިންތަކެއް އިހުރާމް ބަދެގެން
އަވަސް
ހައްޖަށް މީހުން ގެންދިއުން
ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ އަނެއްކާވެސް މިނާ ގުރޫޕަށް ދީފި
ހައްޖަށް މީހުން ގެންދިއުމުގެ މަސައްކަތް ނުކުރުމަށް މީގެ ކުރިން މިނާ ގުރޫޕަށް އަންގާފައިވޭ
ހުއްދަ ދިނީ އޭސީސީ އާ ބަންޑާރަނައިބާ މަޝްވަރާ ކުރުމަށް ފަހު
ކުރިއަށް އޮތްތަނުގައި ހައްޖަށް މީހުން ގެންދިޔުމުގެ ކަންތައްތައް ހަރުދަނާ ކުރާނަން

މިނާ ހައްޖު އެންޑް އުމްރާ ގްރޫޕު މެދުވެރިކޮށް ހައްޖަށް ދިޔުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް ހައްޖަށް ދެވޭނެ މަގު ފަހިކޮށްދީފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުރާސްފަތި ދުވަހުގެ ރޭ ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ މިއަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމަށް އަމިއްލަ ކުންފުނިތަކަށް ހުއްދަ ދިނުމުގައި މައްސަލަތަކެއް ހުރިކަމަށް ތުހުމަތުކޮށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށައެޅި މައްސަލަ އަކާއި ގުޅިގެން އެ ކޮމިޝަނުން އެ މައްސަލަ ބަލަމުންދާކަމުގައި އިސްލާމިކް މިނިސްޓްރީއަށް އަންގާފައި ވާ ކަމަށެވެ. އަދި އެ އެންގުމާއި ގުޅިގެން އި މިނިސްޓްރީން ވަކި ގޮތެއް އަންގަންދެން ހައްޖަށް މީހުން ގެންދިއުމަށް ދީފައިވާ ހުއްދައިގެ ދަށުން އެއްވެސް މަސައްކަތެއް ނުކުރުމަށް މިނާ ހައްޖު ގުރޫޕަށް މީގެ ކުރިން އަންގާފައިވާނެ ކަމަށް މިނިސްޓްރީގެ ނޫސްބަޔާނުގައި ބުނެފައި ވެއެވެ.

Advertisement

ނަމަވެސް މިނާ ހައްޖު ގުރޫޕަށް ދީފައިވާ ހުއްދަ ބާތިލުކޮށް އެހެން ކުންފުންޏަކަށް ހުއްދަ ދިނުމަކީ ދައުލަތަށް ގެއްލުން ވާނެ ކަމެއް ކަމަށާއި، އެހެން ކުންފުންޏަކަށް ހުއްދަ ދިން ނަމަވެސް، ހުއްދަ ދޭ ކުންފުންޏަށް ވަގުތަށް ތައްޔާރު ނުވެވިދާނެ ކަމުގެ ބިރު އޮތް ކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ. އަދި މިނާއަށް ފައިސާ ދައްކާފައިވާ ފަރާތްތައް އެހެން ކުންފުންޏެއް މެދުވެރިކޮށް ދިޔުމަށް ފުރުސަތު ދިނުމަކީ އެ މީހުންގެ ހައްގުތައް ގެއްލިދާނެ ކަމެއް ކަމުގައި ފެންނަ ކަމަށް ބުނެފައި ވެއެވެ.

ހައްޖަށް މީހުން ގެންދިއުމުގެ މަސައްކަތްތައް ކުރުމުގެ ހުއްދަ އަލުން މިނާ ގްރޫޕަށް ދިނީ އެންޓި ކޮރަޕްޝަން ކޮމިޝަނާއި ބަންޑާރަނައިބާއި މަޝްވަރާ ކުރުމަށް ފަހު ވަގުތާއި ހާލަތަށް ރިޢާޔަތްކޮށް ދައުލަތާއި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތް ކަމަށް ފެންނާތީ ކަމަށް އެ މިނިސްޓްރީީން ބުނެފައިވާއިރު ކުރިއަށް އޮތްތަނުގައި ހައްޖަށް ދިޔުމުގެ ކަންތައްތައް އިތުރަށް ހަރުދަނާ ކުރާނެ ކަމަށާއި ދިމާވި ދަތިތަކަށް މައާފަށް އެދޭ ކަމަށް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

Advertisement

Advertisement
- ކޮމެންޓް