ކ. މާލެ
|
27 ޖޫން 2019 | ބުރާސްފަތި 18:41
މަޖިލީހުގެ ރައީސް، ނޫސްވެރިންނާއި ސަލާމްކުރައްވަނި
މަޖިލީހުގެ ރައީސް، ނޫސްވެރިންނާއި ސަލާމްކުރައްވަނި
ރައްޔިތުންގެ މަޖިލިސް 2019
މަޖިލިސް ކަވަރު ކުރާ ނޫސްވެރިންނާއި މަޖިލިސްގެ ރައީސް ބައްދަލުކުރައްވައިފި
މަޖިލިސް ކަވަރ ކުރުމުގައި ނޫސްވެރިންނަށް ދިމާވާ ގޮންޖެހުންތައް ވަނީ އޮޅުން ފިލުއްވާފައި
އާ އިމާރާތުގައި ނޫސްވެރިންނަށް ޚާއްސަ ކުރެވިފައިވާ ޕްރެސް ރޫމްއެއް ހުންނާނެ ކަމަށް ވިދާޅުވި
ަމަޖިލިސްގެ ޚަބަރުތައް ކަވަރު ކުރުމުގައި ބޭނުންކުރެވިދާނެ އުޅުތައް ނޫސްވެރިންނާއި ހިއްސާ ކުރެއްވި

ރައްޔިތުންގެ މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދު، މަޖިލިސްގެ ޚަބަރުތައް ކަވަރު ކުރަމުން އަންނަ ނޫސްވެރިންނާއި ބައްދަލުކުރައްވައިފިއެވެ.

"ކޮފީ ވިތް މީޑިޔާ" ގެ ނަމުގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުން އޮތީ ރައްޔިތުންގެ މަޖިލިސް ކުރާ އިދާރާގައެވެ. މި ބައްދަލުކުރެއްވުމުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، އަމީން އާންމު ފާތިމަތު ނިއުޝާއާއި ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާގެ އިތުރުން މަޖިލީހުގެ އިދާރާގެ ބައެއް އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، އަމީން އާންމު ފާތިމަތު ނިއުޝާއާއި ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ، ގެ އިތުރުން މަޖިލީހުގެ އިދާރާގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވި

މި ބައްދަލުކުރެއްވުމުގައި މަޖިލިސްގެ ޚަބަރުތައް ކަވަރުކުރަމުން އަންނަ ނޫސްވެރިންނާއި، އޮންލައިން އަދި ޓީވީ ސްޓޭޝަންތަކުން ވަނީ ބައިވެރިވެފައެވެ.

މަޖިލީހުގެ ރައީސް ވަނީ މަޖިލިސް ޚަބަރުތައް ކަވަރު ކުރުމުގައި ނޫސްވެރިންނަށާއި، ސްޓޭޝަންތަކަށް ދިމާވަމުން އަންނަ ގޮންޖެހުންތަކާއި، ދަތިތައް އޮޅުން ފިލުއްވާފައެވެ. އެގޮތުން ނޫސްވެރިން ވަނީ މާޒީގައި މަޖިލިސް ޚަބަރުތައް ގެނެސްދިނުމުގައި ނޫސްވެރިންނަށް ދިމާވި ދަތިތައް މަޖިލީހުގެ ރައީސް އާއި ހިއްސާ ކުރައްވާފައެވެ. އަދި މަޖިލީހުގެ ޚަބަރުތައް ގެނެސްދިނުމުގައި ނޫސްވެރިންނަށާއި، ޓީވީ ސްޓޭޝަންތަކަށް ބޭނުންކުރެވިދާނެ އުކުޅުތައް މި ބައްދަލުކުރެއްވުމުގައި މަޖިލީހުގެ ރައީސް ވަނީ ބުނެދެއްވާފައެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ، ނޫސްވެރިންނާއި ވީހާވެސް ގާތުން ގުޅިގެން މަސައްކަތް ކުރައްވަން ކަމަށެވެ. ނޫސްތަކުގައި ލިޔެފައި ހުންނަ މަޖިލިސް ޚަބަރުތައް ކިއުއްވާ ކަމަށާއި، ޚަބަރުތައް ކަވަރކޮށްފައި ހުންނަނީ ވަރަށް ރަނގަޅަށް ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ބައްދަލުކުރެއްވުމުގައި ބައިވެރިވެ ވަޑައިގެންނެވި ބައެއް ނޫސްވެރިން

މަޖިލީހުގެ އާ އިމާރާތް ރަސްމީކޮށް ހުޅުވުމާއެކު، އެ އިމާރާތުގައި ނޫސްވެރިންނަށް ޚާއްސަ ކުރެވިފައިވާ ޕްރެސް ރޫމްއެއް ހުންނާނެ ކަމަށް ބައްދަލުކުރެއްވުމުގައި ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. ޕްރެސް ރޫމްގައި މެމްބަރުންނާ އިންޓަވިއުކޮށް، ޚަބަރު އެޑިޓްކޮށް ޚަބަރުތައް ގެނެސްދިނުމުގެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ނޫސްވެރިންނާއި ވީހާވެސް ގާތުން މަސައްކަތް ކުރުމުގެ ގޮތުން މި ފަދަ ސިލްސިލާ ބައްދަލުވުންތައް ބާއްވަމުން ގެންދާނެ ކަމަށް މަޖިލީހުން ވަނީ ބުނެފައެވެ.

- ކޮމެންޓް