ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި، އާ ޕެސެންޖާ ޓާމިނަލް އެޅުމަށް ސައުދީގެ ބިންލާދިން ގުރޫޕާއެކު (އެސްބީޖީ) މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވެފައިވާ އެއްބަސްވުން ހުއްޓިފައި އޮތުމަށް ފަހު އަލުން ކުރިއަށް ގެންދިއުމަށް ސޮއި ކޮށްފިއެވެ.
ދެ ކުންފުނީގެ މެދުގައި، އެމްއޯޔޫގައި ސޮއި ކުރެވިފައިވަނީ މިކަމަށްޓަކާ މިއަދު ވެލާނާ އެއާޕޯޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެގޮތުން، އެމްއޭސީއެލްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ މޫސާ ސޯލިހު އެވެ. އަދި ސައުދީ ބިންލާދިން ގްރޫޕުގެ ފަރާތުން ސޮއި ކުރެއްވީ، އެ ގްރޫޕްގެ ޗީފް އޮޕަރޭޝަންސް އޮފިސަރު ޕައޯލޯ ބީޖީއެވެ.
މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އާއި އެމްއޭސީއެލްގެ ޗެއާމަން މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އުމަރު މަނިކު (އެމްޔޫމަނިކް) އެވެ. އަދި އެމްއޭސީއެލް އާއި އެސްބީޖީގެ އިސް އޮފިޝަލުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވަޑައިގަތެވެ.
މި ރަސްމިއްޔާތުގައި އެސްބީޖީގެ ޗީފް އޮޕަރޭޝަން އޮފިސަރު ޕައޯލޯ ބިގީ ވިދާޅުވީ ޓާމިނަލްގެ މަސައްކަތް އަލުން ފެށިގެން ދިއުމަކީ ބޮޑު ކާމިޔާބީއެއް ކަމަށާ، މި ކާމިޔާބީއާ ހަމައަށް އާދެވުނީ ދިވެހި ސަރުކާރާއި ފައިނޭންސް ކުރާ ސައޫދީ ފަންޑު ފޯ ޑިވްލޮޕްމަންޓުގެ ބުރަ މަސައްކަތުން ކަމަށެވެ.
އަލަށް އަޅާ މި ޓާމިނަލް އަޅަނީ 78،000 އަކަމީޓަރުގެ ސަރަހައްދެއްގައެވެ. އެގޮތުން، އާ ޓާމިނަލްގެ މަސައްކަތް ނިމުމުން މިހާރުގެ ޓާމިނަލް ބޭނުންކުރަން ހަމަޖެހިފައިވަނީ އެތެރޭގެ އުދުހުންތަކުގައި ހިދުމަތް ދޭން ޑޮމެސްޓިކް ޓާމިނަލްއެއްގެ ގޮތުގައެވެ.
ސައޫދީ އާއި އަބޫދާބީ އަދި ކުވެއިތު ފަންޑުން އުފައްދާފައިވާ ކޮންސޯޓިއަމަކުން ހަރަދުކޮށްގެން ހަދާ، މި ޓާމިނަލްގެ މަަސައްކަތް ބިން ލާދިން ގްރޫޕާ ހަވާލު ކޮށްފައިވަނީ (5.3 ބިލިއަން ރުފިޔާ) އަށް، 2016 ވަނަ އަހަރުއެވެ.
ދެ އަހަރު ދުވަސް ވަންދެން ހުއްޓިފައި އޮތް މި މަޝްރޫއު އަލުން ފެށިގެންދާއިރު، މި ޓާމިނަލް ނިމިގެންދާއިރު އެތަނުން ބޮޑަށް ފެނިގެންދާނީ ދިވެހި ވަންތަ ކުލަތައް ކަމަށް ވެސް އެމްއޭސީއެލް އިން ބުނެއެވެ.