Advertisement
ކ. މާލެ
|
25 ޖޫން 2019 | އަންގާރަ 13:45
މާފުށީ ޖަލު
މާފުށީ ޖަލު
ޓްވިޓަރ
މާފުށީ ޖަލުގެ ހަމަނުޖެހުން
ބާރުގެ ބޭނުންކުރީ ޖަލު އޮފިސަރުންނަށް ތަކުރާރުކޮށް ނުކިޔަމަންތެރިވެ ގޯނާ ކުރުމުން: ކަރެކްޝަންސް
ބާރުގެ ބޭނުންކުރީ ޖަލުގެ އާންމު މަސްލަހަތު ރައްކާތެރި ކުރުމަށް ކަމަށް ބުނި
ބޭނުން ކޮށްފައިވަނީ ޤާނޫނީ އިމުގެ ތެރެއިން ކަމަށް ބުނެފައިވޭ
މި އޮޕަރޭޝަން ހިނގާ ދިޔަ ގޮތް ވީޑިއޯ ކުރެވިފައިވޭ

ހޯމަ ދުވަހުގެ ރޭ މާފުށީ ޖަލުގައި ހިނގާ ދިޔަ ހަމަނުޖެހުންތަކުގައި ބާރުގެ ބޭނުންކޮށް ޕެޕަރ ސްޕްރޭ ޖެހީ ޖަލު އޮފިސަރުންނަށް ތަކުރާރުކޮށް ނުކިޔަމަންތެރިވެ ގޯނާ ކުރުމުން ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސަސް އިން ބުނެފިއެވެ.

ރޭ މާފުށީ ޖަލުގައި ހަމަނުޖެހުންތަކެއް ހިނގައި, ގައިދީން ތިބި ގޮޅިތަކަކަށް ކަރުނަ ގޭސް ޖަހާފައިވާ ކަމަށް މީޑިއާތަކުގައި ރިޕޯރޓް ކޮށްފައިވާއިރު، އެކަމާ ގުޅޭ ގޮތުން ކަރެކްޝަންސް އިން ނެރުނު ބަޔާނެއްގައި ބުނީ، ޤައިދީންނާއި ބަންދުގައި ތިބި މީހުން ޖަލު އޮފިސަރުންނަށް ތަކުރާރުކޮށް ގޯނާ ކޮށް، ޖަލު އޮފިސަރުންގެ އަމުރަށް ނުކިޔަމަންތެރިވެ ޖަލުގެ ޤަވާއިދުތަކަށް ބޯނުލަނބައި އުޅުމުގެ ސަބަބުން ތަކުރާރުކޮށް ނަސޭހަތްތެރިވެ އިންޒާރު ދީފައިވާ ކަމަށާއި، ބާރުގެ ބޭނުންކުރީ ޖަލުގެ އާންމު މަސްލަހަތު ރައްކާތެރި ކުރުމަށް ކަމަށެވެ.

Advertisement

އެގޮތުން ބާރުގެ ބޭނުން ކޮށްފައި ވަނީ ޤާނޫނީ އިމުގެ ތެރެއިން ކަމަށާއި، އޮޕަރޭޝަން ހިންގަން ފެށުުމުން ގިނަ ޤައިދީން ގޮޅިތަކަށް ވަދެފައިވާ ނަމަވެސް އަމުރަށް ނުކިޔަމަންތެރިވެ އިންކާރު ކުރި ޤައިދީން ގޮޅިތަކަށް ވެއްދުމަށް ޕެޕަރ ސްޕްރޭ ބޭނުންކުރަން ޖެހުނު ކަމަށް ކަރެކްޝަންސްގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި މި އޮޕަރޭޝަން ހިނގާ ދިޔަ ގޮތް ވީޑިއޯ ކުރެވިފައިވާނެ ކަމަށާއި، ހުރިހާ ޤައިދީން ވެސް އާންމު ހާލަތުގައި ތިބެންޖެހޭ ގޮޅިތަކަށް ވައްދާފައިވާ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

މާފުށީ ޖަލުގެ ޤައިދީން ބަނޑުހައިހޫނު ކަމުގެ ހަޅުތާލު ކުރަމުންދާ ކަމަށް ބައެއް މީޑިއާ ތަކުގައި ރިޕޯރޓް ކޮށްފައިވާއިރު، ބަނޑުހައި ހޫނުކަމުގެ ހަޅުތާލު އަދިވެސް ކުރިއަށްދާކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން ކަރެކްޝަންސްގެ ބަހެއް ލިބިފައެއް ނުވެއެވެ.

Advertisement

Advertisement
- ކޮމެންޓް