އިންޑިއަން އޯސަން އައިލޭންޑް ގޭމްސް އަކީ ކޮންމެ ހަތަރު އަހަރަކުން އެއްފަހަރު އިންޑިއާ ކަނޑުގެ ގައުމުތަކު މެދުގައި ބޭއްވޭ އެންމެ ބޮޑު މުބާރާތެވެ. މި މުބާރާތަކީ އިންޓަރ ނޭޝަނަލް އޮލިމްޕިކް ކޮމެޓީން 1979 ވަނަ އަހަރު ބާއްވަން ފެށި މުބާރާތެކެވެ. މި މުބާރާތުގައި އިންޑިއާ ކަނޑުގެ ގައުމުތަކުން ދެހާހައް ވުރެ ގިނަ އެތުލީޓުން ވާދަ ކުރެއެވެ. މި މުބާރާތުގައި ދިވެހިރާއްޖެ، ރިޔޫނިއަން، ޝީޝެލްސްގެ އިތުރުން މޮރިޝަސް އަންނަނީ ފެށުނީއްސުރެ ވާދަކުރަމުންނެވެ. އެގޮތުން މި ހަތަރު ގައުމު ވަނީ މި މުބާރާތުގައި ނުވަ ފަހަރު ވާދަކޮށްފައެވެ.
އިންޑިއަން އޯޝަންޝް އައިލޭނޑް ގޭމްސްގައި އެންމެ ކާމިޔާބު ޓީމަކީ ރިޔޫނިއަންއެވެ. އެގޮތުން ރިޔޫނިއަންއިން ވަނީ 584 ރަން މެޑައްޔާ، 534 ރިހި މެޑެލް އަދި 461 ލޯމެޑަލް ހޯދާފައެވެ. މި މުބާރާތުގައި އެންމެ ފަހުން ބައިވާންފެށި މެޔޯޓްއިން ވަނީ ބައިވެރިވި ހަތަރު އަހަރުން 2 ރަން މެޑައްޔާއި، 8 ރިހި މެޑަލްގެ އިތުރުން 9 ލޯ މެޑަލް ހޯދާފައެވެ.
އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައި ދިވެހިރާއްޖެ
ދިވެހިރާއްޖެއިން އަންނަނީ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައު ފެށުނީއްސުރެ ބައިވެރިވަމުންނެވެ. އެގޮތުން މި މުބާރާތް ބޭއްވުނު ނުވަ އަހަރު ރާއްޖެއިން ވަނީ މުބާރާތުގައި ބައިވެރިވެފައެވެ. ރާއްޖެއިން މިހާތަނައް 1 ރަން މެޑަލް ހޯދައިފައި ވާއިރު 7 ރިހި މެޑަލް ކާމިޔާބު ކޮއްފައިވެއެވެ. އަދި 14 ލޯ މެޑަލް ރާއްޖޭގެ އެތްލީޓުން ވަނީ ކާމިޔާބު ކޮށްފައެވެ.
ރާއްޖެ އިން ހޯދި ހަމައެކަނި ރަން މެޑަލް ހޯދައިދީފައި ވަނީ ދުވުންތެރިޔާ ހަސަން ސާއިދެވެ. އޭނާ މި މެޑަލް ކާމިޔާބުކުރީ 100 މީޓަރު ދުވުން ކާމިޔާބު ކޮށްގެންނެވެ. މިއީ ރާއްޖޭގެ އެތްލީޓަކު މަލްޓި ސްޕޯޓްސް ގޭމްސް އަކުން ރަން މެޑަލް ހޯދި ފުރަތަމަ ފަހަރެވެ.
އައިއޯއައިޖީ ގައި ދިވެހިރާއްޖޭގެ އަމާޒް
އެތްލެޓިކްސް
100 މީޓަރު ދުވުމުން އެންމެ ފަހުން ބޭއްވުނު އިންޑިއަން އޯސަން އައިލޭންޑް ގޭމްސްގައި ރަންމެޑަލް ހޯދި ސާއިދާއެކު އެތްލެޓިކްސް އިން 16 ކުޅުންތެރިންގެ ސްކޮޑެއް ވަނީ އިއުލާން ކޮށްފައެވެ. އައިއޯއައިޖީ އަށް ދާ ރާއްޖޭގެ އެތްލެޓިކްސް ޓީމުގެ އަމާޒަކީ ފަސް މެޑަލް ހޯދުންކަމަށް އެތްލެޓިކްސް އެސޯސިއޭޝަނުން ބުނެއެވެ. އަދި މި ފަސް މެޑަލް ހޯދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެތްލެޓިކްސް އެސޯސިއޭޝަނުން ބުނެއެވެ. އެތްލެޓިކްސް ޓީމުގައި ހިމެނެނީ އަންހެން 6 ކުޅުންތެރިންނާއި ފިރިހެން 10 ކުޅުންތެރިންނެވެ.
ބެޑްމިންޓަން
ދެކުނު ކޮރެޔާއަށް ލަންޑަން އޮލިމްޕިކްސް ގައި އިރުޝާދުދިން ކޯޗް ސުން ހަން ކުކްގެ ބެލުމުގެ ދަށުން ތަމްރީންވަމުން އަންނަ ގައުމީ ބެޑްމިންޓަން ޓީމު އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް އަށް ދާއިރު ޓީމުގެ އަމާޒަކީ ރަން މެޑަލްއެއް ހޯދުމެވެ. ކޯޗް ސުން ހަން ކުކް އާއެކު ޓީމުގެ ކުޅުންތެރިން ރަން މެޑަލް އެށް ހޯދުމަށް ކުރާ އުންމީދު ވަނީ ބޮޑުވެފައެވެ. ބެޑްމިންޓަން ޓީމުގައި ހިމެނެނީ ފިރިހެން 6 ކުޅުންތެރިންނާއި އަންހެން 6 ކުޅުންތެރިންނެވެ.
ވޮލީ ބޯޅަ
ގައުމީ އަންހެން އަދި ފިރިހެން ވޮލީ ޓީމުގެ އިތުރުން ބީޗް ވޮލީ އިން އަންނަނީ އިންޑިއަން އޯޝަން އައިލޭނޑް ގޭމްސްއަށް ދުރާލާ ތައްޔާރު ވަމުންނެވެ. އެގޮތުން ދެ ޓީމު ވެސް އަންނަނީ ކޮންމެ ދުވަހަކު ދެއިރު ފަރިތަކުރުންތައް ކުރިޔަށް ގެންދަމުންނެވެ. ގައުމީ ވޮލީ ޓީމު އައިއޯއައިޖީ އަށް ދާއިރު ޓީމުގެ އަމާޒަކީ މެޑަލް އެއް ހޯދުމެވެ. އެގޮތުން ވޮލީ އަންހެން އަދި ފިރިހެން ކޮންމެ ޓީމެއްގައި 12 ކުޅުންތެރިން ހިމެނެއެވެ. އަދި ބީޗް ވޮލީ ޓީމުގައި ފިރިހެން 4 ކުޅުންތެރިން ހިމެނެއެވެ.
ފުޓުބޯޅަ
އެންމެފަހުގެ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައި ފުޓުބޯޅައިން ބައިވެރިވީ އަންހެން ޓީމެވެ. ނަމަވެސް މި އަހަރުގެ އައިއޯއައިސީގައި ފުޓުބޯޅައިން ވާދަކުރަނީ ފިރިހެން ޓީމެވެ. އެގޮތުން ގައުމީ ފިރިހެން ފުޓުބޯޅަ ޓީމާއިއެކު، 20 ކުޅުންތެރިން އައިއޯއައިސީގައި ވާދަކުރަން ފުރާނެއެވެ. ފުޓުބޯޅައިގެ މި އަހަރުގެ އަމާޒަކީ މެޑަލް އެށް ހޯދުމެވެ.
ޓޭބަލް ޓެނިސް
ޓޭބަލް ޓެނިސް ޓީމު އައިއޯއައިޖީގައި ވާދަކުރާއިރު ޓީމުގެ އެންމެ އުންމީދީ ކުޅުންތެރިޔަކީ ދީމާއެވެ. ދީމާ ވަނީ ސަރަހައްދީ ލެވަލްގެ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. ޓޭބަލް ޓެނިސް ޓީމުގައި މިފަހަރު ހިމެނެނީ 4 އަންހެން ކުޅުންތެރިންނާއި 4 ފިރިހެން ކުޅުންތެރިންނެވެ. ޓޭބަލް ޓެނިސް ޓީމުގެ މިއަހަރުގެ އަމާޒަކީ ރަން މެޑަލް އެށް ހޯދުމެވެ.
ބާސްކެޓްބޯޅަ
އައިއޯއައިޖީ ގައި މިފަހަރު 12 ކުޅުންތެރިން ހިމެނޭ ބާސްކެޓް ފިރިހެން ޓީމު ވާދަކުރާނެއެވެ. ބާސްކެޓް ޓީމުގެ އަމާޒަކީ މުބާރާތުގައި ރަނގަޅު ހިސާބަކަށް ދަތުރު ކުރުމެވެ.
ސެއިލިންގ
ދިވެހިރާއްޖެއިން ވާދަ ކުރާ ސެއިލިންގް ޓީމުގައި މިފަހަރު ފިރިހެން 7 އެތްލީޓުންނާއި އަންހެން 2 އެތްލީޓުން ހިމެނެއެވެ. ސެއިލިންގް ޓީމުގެ އަމާޒަކީ މުބާރާތުގައި ރަނގަޅު ވާދައެއް ކުރުމެވެ.
ޔޫތު ކޭމްޕް
އައިއޯއައިޖީ ގެ ޔޫތު ކޭމްޕަކީ 14-17 އަހަރު ގެ ކުދިން ބައިވެރިވާ އިވެންޓެކެވެ. މި އިވެންޓްގައި ރާއްޖޭގެ ކުދިންވެސް ބައިވެރި ވާނެއެވެ. އެގޮތުން އަންހެން ހަތަރު ކުޅުންތެރިންނާއި ފިރިހެން 4 ކުޅުންތެރިން ބައިވެރިވާނެއެވެ. މިއީ ރާއްޖޭގެ ޒުވާން ކުޅުންތެރިންނައް ތަޖުރިބާ ހޯދުމަށް ލިބޭނެ ރަނުގެ ފުރުސަތެކެވެ.
ސްވިމިންގް
އައިއޯއަޖީގައި ވާދަ ކުރާ ދިވެހިރާއްޖޭގެ ފެތުންތެރިންގެ ޓީމު އަދި ކަށަވަރެއް ނުވެއެވެ. ނަމަވެސް ސްވިމިންގް ޓީމުގެ އަމާޒަކަށް ވާނީ މެޑަލްއެށް ހޯދުމެވެ.
ދިވެހިރާއްޖެއިން އައިއޯއައިޖީ ގައި މި އަހަރު ބޮޑެތި ކާމިޔާބީތަކެށް ހޯދާނެކަމަށް ބެލިވިފައިވާއިރު ގިނަ ކުޅިވަރުތަކުން ވަނީ ދުރާލާ ފަރިތަކުންތައް ބާއްވަން ފަށައިފައެވެ. މިއީ އައިއޯއައިޖީގައި ރާއްޖެއަށް އުއްމީދީ އަހަރެކެވެ.