ހައްޖަށް ދިޔުމަށް ޕެންޝަން ފަންޑުން ނެގޭ ފައިސާގެ އަދަދު 80 އިންސައްތައަށް ބޮޑު ކުރުމަށް ޕެންޝަނާބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ކޮމިޓީއަށް ފޮނުވަން ފާސްކޮށްފިއެވެ.
ޕެންޝަނާބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފޮނުވީ އިޖުތިމާއީ ކޮމިޓީއަށެވެ.
ސަރުކާރުގެ ފަރާތުން، ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލްގައި ބުނެފައިވަނީ 38 ވަނަ މާއްދާ އިސްލާހުކޮށް ހައްޖުވާން ފައިސާ ދޫކުރާ މިންވަރުގެ 80 އިންސައްތައަށް އިތުރު ކުރުމަށެވެ.
މިއިސްލާހު ފާސް ކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 67 މެންބަރުންގެ އިއްތިފާގުންނެވެ. އަދި ވޯޓު ސިސްޓަމަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން، މެންބަރުން ވޯޓު ދެއްވާފައިވަނީ ކޮޅަށްތެދުވެވަޑައިގެން ނެގި ރޯލްކޯލް ވޯޓަކުންނެވެ.
މިއިސްލާހާ ބެހޭ ގޮތުން ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އީސަ ވިދާޅުވީ ދިވެހިރާއްޖޭއަކީ މުސްލިމް ގައުމެއް ކަމަށާއި، ހައްޖުގެ އަޅުކަމަކީ ފަރުޟު ކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ފަރުޟެއް ކަމަށެވެ.
މެމްބަރު އީސަ ވިދާޅުވީ ހައްޖުގެ އަޅުކަމަކީ ބޮޑު ހަރަދެއް ހިނގާ ކަމެއް ކަމަށާއި، ވަޒީފާ އަދާކުރާ ގިނަ މީހުންނަކީ ދިރިއުޅުމުގެ ކަންކަން ހުރި ގޮތުން ހައްޖައް ދިއުމަށް މާލީ ގޮތުން ދަތިތަކެއް ކުރިމަތިވެފައިވާ މީހުން ކަމަށާއި، މިއީ މުހިންމު އިސްލާހެއް ކަމަށެވެ.
މަގުސަދަކީ ޕެންޝަންއާ ބެހޭ ގާނޫނުގެ ދަށުން އެޖަމާކުރެވޭ ފައިސާ ވީހާ ވެސް ބޮޑު އަދަދެއް ޕެންޝަން ސްކީމަށް އޭގެ އަސަރު ނުކުރާ މިންވަރަށް ބަލައިގެން ދޫކުރެވޭ އެންމެ ބޮޑު އަދަދެއް އަޅުކަމަށް ދާން ބޭނުންވާ މީހުންނަށް ހަމަޖައްސައިދިނުން.މެމްބަރު އީސަ ވިދާޅުވި
ހައްޖަށް ދިއުމަށް ޕެންޝަން ފަންޑުގެ ފައިސާ ބޭނުން ކުރެވޭ ގޮތް ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.
ޤާނޫނަށް ގެނައި އިސްލާހްގައި ބުނެފައިވާ ގޮތުން ޕެންޝަން ފަންޑުން ބޭނުންކުރެވޭނީ އެ އަހަރަކު ހައްޖަށް ދާން ދައްކަން ޖެހޭ ރަސްމީ އަގުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ އަދަދުގެ 50 އިންސައްތައެވެ. އަދި އެ ފުރުސަތު އޮންނާނީ ހަމައެކަނި އަލަށް ހައްޖަށްދާ ފަރާތްތަކަށެވެ.