ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް އޮޑިޓްކުރުމުގެ މަސައްކަތް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފަށައިފިއެވެ.
މިގޮތުން ދިވެހިރާއްޖޭގެ ދެ ޔުނިވަރސިޓީ ކަމަށްވާ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ އިންސްޓިޓިއުޝަނަލް އޮޑިޓްގެ މަސައްކަތް ފެބްރުއަރީ މަހުގެ ތެރޭގައި ފަށާފައި ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވަނީ ބުނެފައެވެ.
މި އޮޑިޓްގައި ޔުނިވަރސިޓީތަކުން ޢަމަލީ ގޮތުން ބައިވެރިވާނެ ކޮމިޓީ އެކުލަވާލައި އިންސްޓިޓިއުޝަނަލް އޮޑިޓާ ބެހޭ ގޮތުން ކޮމިޓީތަކަށް ބާއްވާ އޮރިއެންޓޭޝަން މިހާރު ނިމިފައިވާ ކަމަށާއި ހޮވާލާފައިވާ ބައެއް ކޮލެޖްތަކުގައި ވެސް އިންސްޓިޓިއުޝަނަލް އޮޑިޓް މި އަހަރުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އިންސްޓިޓިއުޝަނަލް އޮޑިޓަކީ މަތީ ތައުލީމު ދޭ މަރުކަޒުތަކާއި އެ މަރުކަޒުތަކުން ހިންގާ ޕްރޮގްރާމްތަކުގެ ފެންވަރު ހިފެހެއްޓުމުގެ ގޮތުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަސައްކަތެއް ކަމަށެވެ.
މިއީ ދިވެހިރާއްޖޭގައި މަތީތަޢުލީމާއި ތަމްރީން ދޭ މަރުކަޒުތައް އިތުރަށް ތަރައްޤީކޮށް ފެންވަރު ރަނގަޅު ޕްރޮގްރާމްތަކެއް ހިންގުމަށް ލިބޭ ފުރުސަތަކަށް ވެގެންދާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.