ޝަރުޢީ ދާއިރާ އިޞްލާޙު ކުރުމަށް ކޮންސަލްޓަންޓެއްގެ ގޮތުގައި އައްޔަންކުރެއްވި ދެކުނު އެފްރިކާގެ ރިޓަޔަރޑް ޖަސްޓިސް ޔޮހާން ކްރީގްލަރއާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ނެރުނު ބަޔާނަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ރައްދުދެއްވައިފި އެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ރިފްއަތު ވިދާޅުވީ ބޭރުގެ ތަޖުރިބާކާރަށް ހުތުރުވާ ގޮތަށް ސުޕްރީމް ކޯޓުން ބަޔާނެއް ނެރުމުން ހިތާމަކުރައްވާ ކަމަށެވެ. އަދި ރާއްޖޭގެ ޖުޑީޝަރީގައި ގިނަ މައްސަލަތަކެއް ހުރިކަމާއި، ޖުޑީޝަރީ އިސްލާހްކުރުމަކީ މިހާރުން މިހާރަށް ކުރަންޖެހިފައިވާ ކަމެއް ކަމަށް، އދ. ހިމެނޭ ގޮތަށް، ޖަމިއްޔާ ޖަމާއަތްތަކުން ބުނަމުންގެންދާކަން ރިފްއަތު ފާހަގަކުރެއްވި އެވެ.
ރިފްއަތު ވިދާޅުވީ ޖުޑީޝަރީއާ މެދު ހުރިހާ ފަރާތެއްގެ އިތުބާރު ގެއްލިފައިވާ ދަނޑިވަޅެއްގައި އެފަދައިން ބަޔާނެއް ނެރުމުން ގެއްލިފައިވާ އިތުބާރު އިޔާދަނުވާނެ ކަމަށެވެ. އަދި އެފަދައިިން ބަޔާނެއް ނެރުމުން ރައްޔިތުންކުރާ އިތުބާރު ވެސް އިތުރަށް ގެއްލިގެންދާ ކަމަށް ރިފްއަތު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގައި މި ވަގުތު ތިއްބެވި ތިން ފަނޑިޔާރުން ހިމެނިވަޑައިގަންނަވާ ގޮތަށް 1 ފެބުރުއަރީ 2018 ގައި ނެރުއްވި އަމުރުގައިިވާ ބައެއް ކަން ކަމަށް އިޝާރަތްކުރައްވާ ރިފްއަތު ވިދާޅުވީ އެ އަމުރުގައި ވެސް ޖުޑީޝަރީގެ ހާލަތު އެ ފަނޑިޔާރުން ފާހަގަކުރައްވާފައިވާ ކަމަށެވެ. އެގޮތުން ފަނޑިޔާރު ގެޔަށް ކޮރަޕްޝަނާއި ނުފޫޒް ވަދެފައިވާ މިންވަރު އެ އަމުރުގައި ފަނޑިޔާރުން ފާހަގަކުރައްވާފައި ވާކަން ރިފްއަތު ފާހަގަކުރެއްވި އެވެ.
ރިފްއަތު ވިދަޅުވީ ޖުޑީޝަރީ އިސްލާހްކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ ވައުދުތަކުގެ ތެރޭގައި ވެސް ހިމެނޭ އަދި އެޖެންޑާ 19 ގައި ވެސް ހިމެނޭ އެންމެ މުހިންމު އެއް ކަންތައް ކަމަށެވެ. އަދި ފަނޑިޔާރުގެ އިސްލާހްކުރަން މާ ބޮޑަށް ވެސް ލަސްވެފައިވާ ކަމަށް ރިިފްއަތު ވިދާޅުވި އެވެ.
ރިފްްއަތު ވިދާޅުވީ ހެޔޮނިޔަތުގައި ކަންކަންކޮށް، އިސްލާހްކުރުމަށް އެކަށީގެންވާ ވަގުތު ކޯޓުތަކަށް ލިބިފައިިވާ ކަމަށެވެ. އަދި ހެޔޮނިޔަތުގައި ހުށަހަޅާ ހުރިހާ ހިޔާލަކާއި، ކުރާ ހުރިހާ މަސައްކަތެއް ވެސް ބަލައިގަންނާނެ ކަމަށާއި، އަދި އެފަދަ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ވެސް ދޭނެ ކަމަށް ރިފްއަތު ވިދާޅުވި އެވެ.
ޝަރުޢީ ދާއިރާ އިޞްލާޙު ކުރުމަށް ކޮންސަލްޓަންޓެއްގެ ގޮތުގައި އައްޔަންކުރެއްވި ސައުތު އެފްރިކާގެ ރިޓަޔަރޑް ޖަސްޓިސް ޔޮހާން ކްރީގްލަރއާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ވަނީ ބޮޑެތިތުހުމަތުތަކެއްކޮށްފައެވެ. ޖަސްޓިސް ޔޮހާން ކްރީގްލަރއަކީ ޔޫއެންޑީޕީގެ އެހީއާ އެކު ރާއްޖޭގެ ޝަރޫއީ ދާއިރާގެ ހާލަތު ދިރާސާކުރުމަށް ވަޑައިގެންނެވި ބޭފުޅެކެވެ. އެ ބޭފުޅާ މިހާތަނަށް ގިނަ ބޭފުޅުންތަކަކާއި ބައްދަލުކޮށްފައިވާއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ބައްދަލުކުރައްވާފައި ވަނީ ބުދަ ދުވަހުގެ ރެއެވެ.