ކ. މާލެ
|
29 މެއި 2019 | ބުދަ 23:39
ގަވައިދާ ޙިލާފަށް އެތެރެކޮށްފައިވާ ޕްލާސްޓިކް ކޮންޓެއިނަރެއް މިނިސްޓަރ ޔޯ ބައްލަވާލައްވަނީ
ގަވައިދާ ޙިލާފަށް އެތެރެކޮށްފައިވާ ޕްލާސްޓިކް ކޮންޓެއިނަރެއް މިނިސްޓަރ ޔޯ ބައްލަވާލައްވަނީ
ޓްވިޓަރ
މެލޭޝިއާގެ ޕްލާސްޓިކް ކުނީގެ މައްސަލަ
މެލޭޝިއާއިން 3000 ޓަނުގެ ޕްލާސްޓިކް ކުނި އަނބުރާ ފޮނުވާލަނީ
ކުނި އަނބުރާ ފޮނުވާލަނީ ކޮންޓެއިނަރުތަކުގެ ޕޯޓް އޮފް އޮރިޖިންއަށް

ގަވައިދާ ޙިލާފަށް މެލޭޝިއާއަށް އެތެރެކޮށްފައި ހުރި 3000 ޓަނުގެ ޕްލާސްޓިކް ކުނި ހުރި ކޮންޓެއިނަރުތައް، އެތަކެތީގެ ޕޯޓް އޮފް އޮރިޖިންއަށް އަނބުރާ ފޮނުވާލަން ފަށައިފިއެވެ.

އަންގާރަ ދުވަހު ބޭއްވި ނޫސް ކޮންފަރެންސެއްގައި އެ ގައުމުގެ އެނަރޖީ، ސައިންސް، ޓެކްނޮލޮޖީ، އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް (މެސްޓެކް) މިނިސްޓަރ ޔޯ ބީ ޔިން ވިދާޅުވީ، 10 ކޮންޓެއިނަރު ވަގުތުން ވަގުތަށް ފޮނުވާލާނެ ކަމަށެވެ. ސެލްންގޯގައި ހުންނަ ޕޯޓް ކްލޭންގގައި ހުންނަވާ އެކަމަނީ ވިދާޅުވީ އެ ބަނދަރުގައި އެކަނިވެސް 450 ޓަނުގެ ޕްލާސްޓިކް ކުނި އެބަހުރި ކަމަށެވެ. މީގެ ކުރިން 5 ކޮންޓެއިނަރު ސްޕެއިންއަށް ފޮނުވާލާފައިވާ ކަމަށް ވެސް ޔޯ ވިދާޅުވިއެވެ.

ވަގަށް އެތެރެކޮށްފައިވާ 50 ކޮންޓެއިނަރެއްގައި އިތުރު އިންސްޕެކްޝަންތައް ކުރިޔަށް ގެންދޭނެ ކަމަށް މެސްޓެކްއިން ބުނެފައިވެއެވެ. އިންސްޕެކްޝަންތަކަށް ފަހު ޖުމްލަ 3000 ޓަނުގެ ތަޢައްޔަރު ވެފައިވާ ކުނި ހުރި 60 ކޮންޓެއިނަރު އަނބުރާ އެތަކެތި އައި ގައުމަކަށް ފޮނުވާލާނެ ކަމަށް ޔޯ ވިދާޅުވިއެވެ.

މި ކޮންޓެއިނަރުތައް އައިސްފައި ހުރި ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް، އެމެރިކާ، ޖަޕާން، ޗައިނާ، ސްޕެއިން، ކެނެޑާ، އޮސްޓްރޭލިއާ، ނެދަރލެންޑްސް، ޖަރުމަންވިލާތް، ސައުދީ އަރަބިއާ، ސިންގަޕޫރު، ބަންގްލަދޭޝް، ނޯވޭ އަދި ފަރަންސޭސްވިލާތް ހިމެނެއެވެ.

ޕްލާސްޓިކް ކުނި ހޯދަން ކުރިޔަށް ގެންދިޔަ އޮޕަރޭޝަނަކީ، އެ ގައުމުގެ ޑިޕާޓްމަންޓް އޮފް އެންވަޔަރަމަންޓާއި، ރޯޔަލް މެލޭޝިއަން ކަސްޓަމްސް، ދަ ރޯޔަލް މެލޭޝިއަން ޕޮލިސް، ޕޯޓް ކްލޭންގ އޮތޯރިޓީ، ނެޝަނަލް ސޮލިޑް ވޭސްޓް މެނޭޖްމަންޓް ޑިޕާޓްމަންޓް އަދި ވެސްޓްޕޯޓްސް މެލޭޝިއާއިން ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެކެވެ. މިހާތަނަށް މެސްޓެކާ ގުޅިގެން 123 ކޮންޓެއިނަރެއް ދިހަ އިންސްޕެކްޝަނެއްގެ ތެރޭގައި ބަލާފާސްކުރެވިފައިވާ ކަމަށް އެންވަޔަރަމަންޓް ޑިޕާޓްމަންޓުން ބުނެފައިވެއެވެ.

މި ތަހުގީގުތަކުން ފާހަގަވި އެއް މައްސަލައިގައި، އިނގިރޭސިވިލާތުގެ ރީސައިކަލް ކުރާ ކުންފުންޏަކުން އެކަނިވެސް 50000 ޓަނުގެ ކުނި ހުރި 1000 ކޮންޓެއިނަރު އެކްސްޕޯޓް ކޮށްފައިވެއެވެ. މި ކުންފުނީގެ އިތުރުންވެސް އެހެން ގައުމުތަކުގެ ކުންފުނިތަކެއް ވެސް ފާހަގަކުރެވިފައިވާ ކަމަށް ޔޯ ވިދާޅުވިއެވެ. މި ކުންފުނިތަކުގެ ލިސްޓެއް ތައްޔާރުކުރުމަށް ފަހު، އެ ކުންފުނިތައް ނިސްބަތްވާ ގައުމުތަކުގެ އިދާރާތަކަށް އެ ކުންފުނިތަކާ ދޭތެރޭ ފިޔަވަޅު އެޅުމަށް އެދޭނެ ކަމަށް ވެސް ޔޯ ވިދާޅުވިއެވެ.

މެލޭޝިއާގެ ޕްލާސްޓިކް ކުނި އަޅާފައިވާ ގޮނޑެއް

ޕްލާސްޓިކް ކުނި މެލޭޝިއާއަށް އެތެރެކޮށްފިއްޔާ، އެ ކޮންޓެއިނަރުތައް އެއްވެސް "ރަހުމެއް" ނެތި އެ އައި ގައުމަކަށް ފޮނުވާލާނެ ކަމަށް ޔޯ ވިދާޅުވިއެވެ.

މީގެ އިތުރުން އެ ކަމަނާ ވަނީ، މި ކަމުގައި އެހީތެރިވާ މެލޭޝިއާ މީހުންނަކީ "ގައްދާރުންގެ" ގޮތުގައި ސިފަކުރައްވާފައެވެ. ޔޯ ވިދާޅުވީ އެ މީހުންގެ އަމަލުތަކުގެ ސަބަބުން މެލޭޝިއާގެ ދެމެހެއްޓެނިވި ކުރިމަގަށް އަސަރުކުރާ ކަމަށެވެ. ކުނި އަނބުރާ އޭގެ އޮރިޖިން ގައުމަށް ފޮނުވަން ދާ ހުރިހާ ހަރަދެއް ދައްކާނީ ވެސް އެ މީހުން ކަމަށް ޔޯ ވިދާޅުވިއެވެ. އެކަމަނީ ވިދާޅުވީ އެ މީހުންގެ ސަބަބުން އޭގެ އެންމެ ނޭދެވޭ އަސަރުތައް ތަހައްމަލް ކުރަން ޖެހެނީ މެލޭޝިއާގެ އާންމުން ކަމަށެވެ.

މެލޭޝިއާގައި ކުނި އެންދުމުގެ ސަބަބުން އެ ގައުމުގެ ވައި ތަޢައްޔަރު ވުމުގެ މައްސަލަ ވަނީ ބޮޑުވެފައެވެ. އެގޮތުން ހާމަ ތަންތަނުގައި ޕްލާސްޓިކް އެންދުމުގެ ސަބަބުން ސިއްހީ މައްސަލަތައް އިތުރުވެ، ކޯރުތައް ނުސާފުވެ، ގަވައިދާ ޙިލާފު ގޮނޑުތައް އިތުރުވުން ފަދަ އެތައް ނުރައްކާތެރި ތިމާވެށީގެ މައްސަލަތަކެއް ފެންމަތިވެފައިވެއެވެ. ޔޯ ވިދާޅުވީ މެލޭޝިއާ ފަދަ ކުރިއަރަމުން އަންނަ ގައުމެއްގެ ރައްޔިތުންނަށް ވެސް ސާފުވައި، ސާފު ބޯފެން އަދި ދެމެހެއްޓެނިވި ވަސީލަތްތަކާއި ސާފު ތިމާވެއްޓެއް އޮތުމުގެ ހައްގު، ތަރައްގީ ވެފައިވާ ގައުމުތަކަށް ލިބޭ ފަދައިން ލިބެން ޖެހޭ ކަމަށެވެ.

މެލޭޝިއާގައި ގަވައިދާ ޙިލާފަށް ހިންގާ ޕްލާސްޓިކް ކުނި ރިސައިކްލިން ސެންޓަރުތަކާ ދެކޮޅަށް އަޑުއުފުލާ ފަރާތްތަކުން ވަނީ ސަރުކާރުން ފެށި މި މަސަައްކަތައް މަރުހަބާ ކިޔާފައެވެ.

- ކޮމެންޓް