ޖަޕާނުގެ ވެރިރަށް ޓޯކިޔޯގެ ދެކުނުން އޮންނަ ސިޓީއެއްގައި ސްކޫލް ބަސް އަންނަންދެން މަޑުކޮށްލައިގެން ތިބި ދަރިވަރުންތަކަކަށް ވަޅިން ހަމަލާދީފިއެވެ.
ކަވަސާކީގައި ދިން މި ހަަމަލާގައި މަދުވެގެން 18 މީހުން ވަނީ ޒަޚަމްކޮށްލާފައެވެ.
އޭގެ ތެރެއިން ދެ މީހަކު މަރުވެފަައިވާއިރު އެއް ކުއްޖަކީ އެލިމެންޓްރީ ސްކޫލް އެއްގައި ކިޔަވާ އަންހެން ދަރިވަރަކަށް ވާއިރު ދެވަނަ މީހަކީ 39 އަހަރުގެ ފިރެހެނެކެވެ.
ހަމަލާދިން ކަމަށް ބެލެވޭ އުމުރުން 50 ގެ އަހަރުތައް ގުނަމުންދާ ފިރެހެން މީހާ ވެސް ވަނީ އޭނާގެ އަމިއްލަ ކަރަށް ވަޅިހަރާފައެވެ. އޭގެ ފަހުން އޭނާ ހައްޔަރު ކުރިއިރު އެ ޒަޚަމްތަކުގައި އޭނާ ވަނީ މަރުވެފައެވެ.
މި ހަމަލާ ދިން ސަބަބެއް އަދި އެނގިފައެއް ނުވެއެވެ.
ކިޔޯޑޯ ވެބްސައިޓްގައި ބުނެފައިވާ ގޮތުން ޒަޚަމްވި މީހުންގެ ތެރޭގައި އަންހެން 16 ދަރިވަރަކު ހިމެނެއެވެ.
އެންއެޗްކޭ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހާދިސާ ހިނގި ސަރަހައްދަށް ދިޔަ ފުލުހުން ވަނީ އެ ސަރަހައްދުން ދެ ވަޅިއެއް ހޯދާފައެވެ.
ސްކޫލް ބަހުގެ ޑްރައިވަރު އެންއެޗްކޭގައި ބުނެފައިވާ ގޮތުގައި ކެރިޓަސް ޕްރައިވެޓް ސްކޫލަށް ދިއުމަށް ބަހަށް އެރުމަށް ކިއޫގައި ތިބި ކުދިންނާ ދިމާލަށް ހަމަލާދިން މީހާ އައި މަންޒަރު ފެނުނެވެ.
ޓޯކިޔޯގައި ހުރި ބީބީސީގެ ރިޕޯޓަރ ބުނެފައިވާ ގޮތުގައި ހަމަލާދިން މީހާ ބަހަށް އަރާ އޭގައި ތިބި މީހުންނަށް ވެސް ހަމަލާ ދީފައި ވެއެވެ.