އެކްސްޓްރެޑިޝަންގެ ދަށުން އިނގިރޭސި ވިލާތުގައި މިހާރުވެސް ހައްޔަރުކުރެވިފައި ހުރި ވިކިލީކްސްގެ ކޯ ފައުންޑަރ ޖޫލިއަން އަސާންޖްގެ މައްޗަށް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން އިތުރު 17 މައްސަލައެއް ހުށަހަޅައިފިއެވެ.
އަސާންޖްގެ މައްްޗަށް ފަހުން ތުހުމަތު ކުރެވުނު ކަންކަމުގެ ތެރޭގައި އެމެރިކާގެ ސިއްރުތަކާ ބެހޭ ގާނޫނާއި ޚިލާފަށް އަސްކަރީ އަދި ޑިޕްލޮމެޓިކް މައުލޫމާތުތަކެއް ހޯދައި އެ މައުލޫމާތު ޝާއިއުކުރުން ހިމެނެއެވެ.
މީގެ ކުރިން މިދިޔަ މަހު އަސާންޖްގެ މައްޗަށް ވަނީ އެމެރިކާ އިންޓެލިޖެންސް އިންދާރާގެ ކުރީގެ މުވައްޒަފެއް ކަމަށްވާ ޗެލްސީ މޭނިންގްއާ ގުޅިގެން އެ ގައުމުގެ ދިފާއީ އިދާރާ، ޕެންޓަގަންގެ ނެޓްވަރކަށް ވަންނަން މަސައްކަތް ކުރި ކަމަށް ތުހުމަތުކޮށް އެ މައްސަލަ ވެސް ބަލަންފަށާފައެވެ.
އަސާންޖް ވަނީ އިނގިރޭސިވިލާތުގައި ހުންނަ އިކުއެޑޯގެ އެމްބަސީން 2012 ވަަނަ އަހަރުން ފެށިގެން ހިމާޔަތް ހޯދުމަށް ފަހު ހަތް އަހަރު އެތަނުގެ ތެރޭ ހުރެ އެކްސްޓްރަޑިޝަން އަށް ފިލާފައެވެ.
ނަމަވެސް އުމުރުން 47 އަހަރުގެ އަސާންޖް މިދިޔަ މަހު ވަނީ އެތަނުން ނެރެލާފައެވެ. އޭގެ ފަހުން އޭނާގެ މައްޗަށް ވަނީ ކަފާލާތުގެ އުސޫލުތަކާ ޚިލާފުވި ކަމަށް ނިންމައި 50 ހަފްތާއަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ.
އަސާންޖް މިވަގުތު ހުރީ ލަންޑަންގެ ބެލްމާޝް ޖަލުގައެވެ.
ޖަލުބަންދުގައި ހުއްޓައި ސްވިޑެންގެ ޕްރޮސިކިއުޓަރުންވަނީ އަސާންޖްގެ މައްޗަށް 2010 ވަނަ އަހަރު ކުރި ރޭޕްގެ ތުހުމަތުގެ ތަހުގީގު އަލުން ފެށުމަށް ނިންމާފައެވެ.
އެކްސްޓްރެޑިޝަންގެ ދަށުން އިނގިރޭސި ވިލާތުން އެމެރިކާއާ އަސާންޖް ހަވާލު ކޮށްދިނުމަށް އެމެރިކާ އިން ވެސް އެދެއެވެ. އެމެރިކާއިން އޭނާ ބޭނުންވެގެން އުޅެނީ 2010 ވަނަ އަހަރު އަސްކަރީ އަދި ޑިޕްލޮމެޓިކް މައުލޫމާތުތަކެއް އާއްމު ކުރުމުގައި އޭނާ އަދާކޮށްފައިވާ ކަމަށް ބެލެވޭ ދައުރާއި ގުޅިގެންނެވެ.