Advertisement
ކ. މާލެ
|
27 ފެބްރުއަރީ 2017 | ހޯމަ 02:12
ކްރިމިނަލް ކޯޓް ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ - ހަނގުރާމައިގައި ބައިވެރިވެގެން ޓެރަރިޒަަމްގެ ދައުވާ އުފުލިމީހާ ވަނީ އެ ދައުވާއަށް އިންކާރުކޮށްފަ
ކްރިމިނަލް ކޯޓް ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ - ހަނގުރާމައިގައި ބައިވެރިވެގެން ޓެރަރިޒަަމްގެ ދައުވާ އުފުލިމީހާ ވަނީ އެ ދައުވާއަށް އިންކާރުކޮށްފަ
މުހައްމަދު ޝަރުހާން
ޓެރަރިޒަމް
ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި
ޝަރީއަތުގައި މުހައްމަދު ވަނީ ދައުވާއަށް އިންކާރުކޮށްފަ
ޝަރީއަތް ސިއްރުކޮށްފައިވަނީ ދައުލަތުން އެދިގެން
މުހައްމަދުގެ މައްޗަށް ކޮށްފައިވަނީ ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ

ރާއްޖެ އިން ބޭރަށް ގޮސް، ޓެރަރިސްޓް ޖަމާއަތެއްގެ އިސް މަގާމެއްގައި އަހަރުތަކެއް ވަންދެން އުޅުމަށް ފަހު އެނބުރި ރާއްޖެ އައި ދިވެއްސަކު ކަމަށް ބުނެ ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ، ރ. ކަނދޮޅުދޫ، ފީރޯޒުގޭ، މުހައްމަދު އަބްދުއްރަހްމާންގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި އެވެ.

 

އާއިލާއާއެކު ޕާކިސްތާނުގައި އުޅުމަށް ފަހު މިދިޔަ އަހަރުގެ ޖޫން މަހު އެނބުރި ރާއްޖެ އައިތަނުން ހައްޔަރުކުރި މުހައްމަދު އަބްދުއްރަހްމާންގެ މައްޗަށް ކޮށްފައިވަނީ، ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ. އޭނާގެ މައްޗަށް ދައުވާ ކޮށްފައިވަނީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު އެވެ.

 

އެ ދައުވާއާއި ގުޅިގެން މީގެކުރިންވެސް ޝަރީއަތުގެ މަޖިލީހެއް ބާއްވާފައިވާއިރު، އާދިއްތަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ސަރީއަތް ކުރިއަށްގެންގޮސްފައިވަނީ ސިއްރުކޮށްގެންނެވެ. ޝަރީއަތް ސިއްރުކޮށްފައިވަނީ ދައުލަތުން އެދިގެންނެވެ. ސިއްރުކޮށްގެން ކުރިއަށްގެންދިޔަ އެ ޝަރީއަތުގައި މުހައްމަދު އަބްދުއްރަހުމާން ވަނީ ޓެރަރިޒަމްގެ ދައުވާއަށް އިންކާރުކޮށްފަ އެވެ. އޭނާ ދައުވާއަށް އިންކާރުކޮށްފައިވަނީ އޭނާގެ ވަކީލްގެ ހާޒިރުގަ އެވެ.

 

މީގެކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުވާ އިއްވަމުން ސީނިއާ ޕަބްލިކް ޕްރޮސެކިއުޓާ އާދަމް މުހައްމަދު ވިދާޅުވީ ތައުލީމު ހާސިލްކުރުމަށް ކަމަށް ބުނެ މުހައްމަދު ރާއްޖެ ދޫކޮށް ޕާކިސްތާނަށް ދިޔައީ 2007 ވަނަ އަހަރު ކަމަށެވެ. އަދި 2009 ވަނަ އަހަރުގެ ޕާކިސްތާނުގެ ވަޒަރިސްތާނުގެ އަވަށެއް ކަމަށްވާ ވާނާ އަށް ގޮސް އެ ސަރަހައްދުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތަކާ ގުޅިގެން އޭނާ ހަނގުރާމަ ކޮށްފައިވާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

 

މުހައްމަދުގެ މައްޗަށް ދައުވާ ކޮށްފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 16 ވަނަ މާއްދާގެ 'ހ' އާއި ހަވާލާދީ އެ މާއްދާގެ އެއް ވަނަ ނަމްބަރުގެ 'ނ' ގެ ދަށުންނެވެ.

 

ގާނޫނުގެ އެ މާއްދާގައި ބުނެފައިވަނީ، ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަކީ، އެހެން ގޮތަކަށް ސާބިތުނުވާހާ ހިނދަކު، ދިވެހި ސަރުކާރުން ހުއްދަދޭ ހާލަތްތަކުގައި މެނުވީ ކުށެއް ކަމަށެވެ. އަދި އެފަދަ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 17 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށް ވެސް އެ ގާނޫނުގައި ބުނެފައިވެ އެވެ.

 

މުހައްމަދު އަބްދުއްރަހްމާން އަކީ ހ. ހަންޑްރެޑް ފްލާވާ ހުސެއިން ރަޒީން(ރަބަރޭ) މަރާލި މައްސަލައާ ގުޅިގެން ދައުލަތުން ދައުވާ އުފުލާފައިވާ އިބްރާހިމް އަބްދުއްރަހްމާންގެ ބޭބެ އެވެ.

 

ސަލްޓަން ޕާކުގައި 2007 ވަނަ އަހަރު ދިން ބޮމުގެ ހަމަލާ އަށް ފަހު، އެކަމާ ގުޅުންހުރި ގިނަ އަދަދެއްގެ ދިވެހިން ޕާކިސްތާނަށް ގޮސް ފިލިއިރު، އެގައުމާއި އަފްޣާނިސްތާނުގައި ހިނގާ ހަނގުރާމައިގައި ދިވެހިން ބައިވެރިވަމުން ގޮސްފައިވާ ކަމަށް ބޭރުގެ ޖާސޫސީ އިދާރާތަކުން އެއިރު ބުނެފައިވެ އެވެ.

 

ސީރިއާގައި ހަނގުރާމަ ފެށުމާއެކު، މިހާރު ދިވެހިން ޖިހާދަށް ކަމަށް ބުނެ ދަނީ އެ ގައުމަށެވެ. އެގޮތުން 100 އަށް ވުރެ ގިނަ ދިވެހިން ސީރިއާ ހަނގުރާމައިގައި ބައިވެރިވަމުންދާ ކަމަށް ޖާސޫސީ އިދާރާތަކުން ބުނާއިރު، ދިވެހި ސަރުކާރުން އެކަން ދޮގުކުރެ އެވެ. ސަރުކާރުން ލަފާކުރާ ގޮތުގައި ހަނގުރާމާގައި ބައިވެރިވާ ދިވެހިންގެ އަދަދު 50 އަށް ވުރެ މަދުވާނެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް