ރޯދަ މަހުގެ ފުރަތަމަ ދުވަހު ވައްކަމުގެ 8 މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ހޯމަ ދުވަހުގެރޭ ދަންވަރުގެ ވަގުތުން ފެށިގެން އެދުވަހުގެ ހަވީރުގެ ވަގުތާއި ހަމައަށް މާލެ ސީޓީން އެކަނި ވައްކަމުގެ 8 މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރޭގައި އޮފީހަކުން ވަގައްނެގި 3 ލައްކަ އަށްވުރެ ގިނަ ރުފިޔާގެ ބޮޑު ވައްކަމުގެ މައްސަލައެއް ހިމެނޭ ކަމަށެވެ.
އޭގެއިތުރުން ހުޅުމާލޭގައި ބޮޑު އެކްސިޑެންޓެއް ހިނގައި ފަތުރުވެރިޔަކު މަރުވެފައިވާއިރު ހޯމަ ދުވަހު ރޯދަ ވީއްލި ވަގުތު ފޭރެން އުޅުނު މީހެއް ހިފަހައްޓާ މާރާމާރީ ހިންގައިގެން ފުލުހުނަށް މައްސަލަ ހުށައަޅާފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ. އަދި ފޭރުމުގެ މައްސަލައެއް ހިނގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ނުވާއިރު އެހެން އަހަރުތަކާއި ޚިލާފަށް ދުވާލު ގަޑީގައި ކައިގެން އެއްވެސް މައްސަލައެއް ރިޕޯޓްކޮށްފައި ނުވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ބާޒާރުމަތި އަމާންކޮށް ދިޔަނަމަވެސް ގިނަ ބަޔަކު ހަވީރުގެ ވަގުތު މާލެވަށާ ފިނިބުރު ޖަހަން ނުކުތުމުގެ ސަބަބުން ޓްރެފިކްގެ ކަންކަން ދިޔައީ ވަރަށް ބާރުބޮޑުކޮށް ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް ބުރިޖްމަތީގެ ޓްރެފިކް ބާރުބޮޑުކަން ފާހަގަ ކުރެވިފައި ނުވާކަމަށްވެސް ފުލުހުން ބުނެއެވެ.