ށ. ޅައިމަގު ''ކުރިމަގު 1'' ބޯޓުން ގެއްލުނު ބިދޭސީ މީހާގެ މައްސާލާގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
މި ހަތަރު މީހުންގެ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އެބޯޓުގައި މަސައްކަތްކުރާ ބިދޭސީންތަކެކެވެ. ފުރަތަމަ ހައްޔަރުކުރީ ދެ މީހުންނެވެ. އޭގެ ފަހުން އިތުރު ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
ގެއްލުނު އުމުރުން 40 އަހަރުގެ ބަންގްލަދޭޝް ލުތުފަރު ހޯދަމުން ދަނިކޮށް ޅައިމަގު އިރުމަތީ ފަރާތު ބަނދަރު ބޭރު ތޮށި އުރަފަތް ކައިރިން އިންސާނެއްގެ ހަށިގަނޑުގެ ބައިތައް ވަނީ ފެނިފައެވެ. އޭނާގެ ހަށިގަނޑުގެ ބައިތައް ކަމަށް ބެލެވޭ އިރު ފެނިފައި ވަނީ މޫދު އަޑިންނެވެ.
"ކުރިމަގު 1" ބޯޓުގެ ކައްޕިއާ ހަވާލާދީ ބައެއް މީޑިއާތަކަށް ބުނެފައި ވަނީ ލުތުފަރު ނަމަކަށް ކިޔާ ބިދޭސީ މީހާ ގެއްލުނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ. އޭނާ ގެއްލުނުކަން އެނގުނީ ބޯޓު މާލެ ފުރަން ބެލި އިރު އޭނާ ނުފެނުމުންނެވެ.
އެ ބޯޓުގައި މަސައްކަތްކުރާ ބައެއް ބިދޭސީން ކުރިން ބުނެފައި ވަނީ ލުތުފަރު ގެއްލުނު ރޭ އެ ބޯޓުގައި މަސައްކަތްކުރާ ބަޔަކާއި އޭނާއާ ދެމެދު ވަރަށް ބޮޑަށް ޒުވާބުކުރި ކަމަށެވެ.
މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.