ވަޅިން ބިރު ދައްކާ ބިދޭސީ ފިރިހެނެއްގެ އަތުން ފޭރެން މަސައްކަތް ކޮށްފިއެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ޝަހީދު އަލީ ހިނގުމާއި ފުލޫނިޔާ މަގާ ގުޅޭ ކަންމަތީގައި އިރު އޮއްސި 7:00 ހާއިރު މާރާމާރިއެއް ހިންގައިގެން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ފުލުހުން ބުނީ ބައިސްކަލެއްގައި ދިޔަ ބިދޭސީއަކަށް 27 އަހަރުގެ ދިވެހި ފިރިހެނަކު ވަޅިން ބިރު ދައްކާ ފޭރެން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި އެމީހާ ފޭރެން އުޅުމުން އެތަނުގައި ތިބި ބަޔަކު އެ ދިވެހި މީހާއާ މާރާމާރީ ހިންގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ފޭރެން އުޅުނު މީހާއަށް އަނިޔާ ވެގެން ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށާއި، ނަމަވެސް ބޮޑު އަނިޔާއެއް ނުލިބޭ ކަމަށެވެ. އަދި ބިދޭސީ މީހާގެ ހާލު ރަނގަޅު ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި ހާދިސާ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.