ކ. މާލެ
|
1 މެއި 2019 | ބުދަ 17:51
އަޔަކްސްއަށް ލަނޑު ކާމިޔާބުކޮށް ދިނުމަށް ފަހު އުފާފާޅުކުރަނީ
އަޔަކްސްއަށް ލަނޑު ކާމިޔާބުކޮށް ދިނުމަށް ފަހު އުފާފާޅުކުރަނީ
ގެޓީ އިމޭޖަސް
ޔޫއެފާ ޗެމްޕިއަންސް ލީގު
ޗެމްޕިއަންސް ލީގް: ޓޯޓެންހަމް ބަލިކޮށް އަޔަކްސް ފައިނަލާ ގާތަށް
މެޗުން އަޔަކްސް މޮޅުވީ 1-0 ގެ ނަތީޖާއަކުން

ޔޫއެފާ ޗެމްޕިއިންސް ލީގުގައި އިނގިރޭސި ކްލަބެއް ކަމުގައިވާ ޓޮޓެންހަމް އެ ޓީމުގެ އަމިއްލަ ދަނޑުގައި ބަލިކުރުމަށް ފަހު ހޮލެންޑަށް ނިސްބަތްވާ އަޔަކްސް ފައިނަލާ ގާތަށް ޖެހިލައިފިއެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗުގައި އަޔަކްސް މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. ޓޮޓެންހަމް ހޮޓްސްޕަރ ދަނޑުގައި ކުޅުނު މެޗުގައި ފުރަތަމަ ހާފު ފެށުނީއްސުރެން ރަނގަޅަށް ކުޅެމުން އައިސްފައިވަނީ، ރަށުން ބޭރުގައި ކުޅުނު އަޔަކްސްއިންނެވެ. އެގޮތުން އެ ޓީމުގެ މޮޅު ޕާސިންގ އާއި މޫވްމަންޓް ގޭމް ފެނިފައި ޓޮޓެންހަމްގެ ކުޅުންތެރިން ތިބީ ގޮތް ހުސްވެފައެވެ.

އަޔަކްސްގެ މޮޅު ކުޅުމުގެ ނަތީޖާއަކަށްވީ، މެޗުގެ ފަނަރަވަނަ މިނެޓުގައި ލަނޑެއް ޖަހާ މެޗުގެ ލީޑު އަޔަކްސްއިން ނެގީއެވެ. އަޔަކްސްގެ ލަނޑު ކާމިޔާބު ކޮށްދިނީ ވެން ޑެ ބީކްއެވެ. ވެން ޑެ ބީކް ލަނޑުޖަހަން މަގުފަހިކޮށްދިނީ ހާކިމް ޒިޔެކްގެ މޮޅު ޕާހެކެވެ. ޑަޗް އެރިޑެވިސީ ލީގުގެ އެއްވަނައިގައި އޮތް އަޔަކްސްއިން މި މެޗު ނިމެން ކައިރިވެފައި ވަނިކޮށް ދެވަނަ ލަނޑު ކާމިޔާބު ނުކުރީ ހަމަ ކިރިޔާއެވެ. ޑޭވިޑް ނެރެސް ފޮނުވާލި ބޯޅަ އައީ ހުރަސް ދަނޑީގައި ޖެހިފައި ބޭރަށެވެ.

މި އަހަރުގެ ޗެމްޕިއަންސް ލީގުގައި ޔޫރަޕުގެ ފުޓުބޯޅައިގެ ދެ ބާރު ކަމުގައިވާ ރިއާލް މެޑްރިޑާއި ޔުވެންޓަސް ކަޓުވާލާފައިވާ އަޔަކްސްއަށް މި ނަތީޖާއާ އެކު ފައިނަލަށް ދިޔުމުގެ ފުރުސަތު ބޮޑެވެފައިވާ އިރު، މި މެޗުގެ ދެވަނަ ލެގު ކުޅޭނީ އަޔަކްސް ދަނޑުގައެވެ.

މި މެޗުގައި ޓޮޓެންހަމުން ވެސް އަޔަކްސްއިން ލަނޑުޖެހުމާ އެކު ކުޅުން ރަނގަޅު ކޮށްފައިވާ އިރު، އެ ޓީމު ފެނުނީ ހިލޭ ޖެހުންތަކުގައި އަޔަކްސްގެ ޒުވާން ޓީމަށް އުނދަގޫތަކެއް ކުރިމަތިކުރުވަމުން ގެންދިޔަ މަންޒަރެވެ. ނަމަވެސް އެ ޓީމުން ފޮނުވާލި ގިނަ ހަމަލާތައް ދިޔައީ ގޯލު ކައިރިން ބޭރަށެވެ. އަނިޔާގައި ހުރި ހެރީ ކޭންއާއި ސަސްޕެންޝަނުގައި ހުރި ސޮން ހޮންގ މިންއާ ނުލާ ކުޅުނު ޓޮޓެންހަމުން ދެވަނަ ލެގުގައި ކުރަން ޖެހިފައިވާ މަސައްކަތް އިތުރުވެފައިވާ އިރު، މި މެޗުގައި އެ ޓީމުގެ ވަޓޮންހެން ވަނީ ބޮލަށް ލިބުނު އަނިޔާއަކާއި ގުޅިގެން މެޗުގެ މެދުތެރެއިން ބާލުވާފައެވެ.

ޓޮޓެންހަމްއަށް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލެއްގައި އަލަށް ކުޅެމުން އަންނަ އިރު، މިއީ 1996ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ފަހުން އަޔަކްސް ވެސް ސެމީ ފައިނަލެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. މެ ދެ ޓީމުން ދެވަނަ ލެގު ކުޅެން ހަމަޖެހިފައިވަނީ އަންނަ ހަފުތާގެ ބުދަ ދުވަހުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް