މިވަގުތައް ކުރަން ޖެހިފައި އޮތް އެންމެ މުހިއްމު ކަމަކީ މަސައްކަތްތެރިންނަށް ދެވޭނެ އެންެމެ ކުޑަ އުޖޫރަ ކަނޑައެޅުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ބުދަ ދުވަހު ފާހަގަ ކުރާ ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހާއި ގުޅިގެން ނެރުއްވި ޚިތާބުގައެވެ.
ދިރިއުޅުމުގެ ޒިންމާތައް އަމިއްލައަށް އުފުލުމުގެ މުހިންމުކަން ޒުވާނުން ގަބޫލުކޮށް، ކޮންމެވެސް މަސައްކަތަކުން އާމްދަނީ ހޯދަން ތެދުވުމަށް އަޒުމް ކަނޑައަޅަންޖެހޭ ކަމަށެވެ. ބިދޭސީން ކުރަމުންދާ މަަސައްކަތްތަކާ ދިވެހިން ހަވާލުވުމަކީ އިގްތިސާދަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށާއި އެކަމަށްޓަކައި ކުރަންޖެހޭ އެންމެ މުހިންމު އެއް ކަމަކީ ދެވޭނެ އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުން ކަމަށް ވެސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، މިހާރުން މިހާރަށް ކުރަންޖެހިފައިވާ އެންމެ މުހިންމު އެއްކަމަކީ ވަޒީފާ އަދާކުރާ މީހުންނަށް އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ކަނޑައެޅުން ކަމަށެވެ. ގާނޫނީ އޮނިގަނޑުގެ ތެރެއިން އެކަން ހައްލު ކުރުމަށްޓަކައި ކަމާ ގުޅުންހުރި ފަރާތްތަކާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.
ދިރިއުޅުމަށްޓަކައި މަސައްކަތް ކުރުމަކީ އިންސާނަކަށް ވީތީ ކޮންމެ މީހެއްގެ ވެސް ވާޖިބެއް ކަމަށާއި، ހަލާލު ގޮތުގައި ކުރެވޭ އެއްވެސް މަސައްކަތަކީ ހުތުރު ކަމެއް ނޫން ކަމަށާއި އެކަމަކު ވަކި ކަހަލަ ވަޒީފާއެއް ނުލިބޭތީ ކަމަށް ބުނެ އެއްވެސް މަސައްކަތެއް ނުކުރާ ޒުވާނުން އެބަ ތިބި ކަމަށް ރައީސްގެ ޚިތާބުގައި ވިދާޅުވިއެވެ. އެހެންވުމުން، ތަފާތު މަސައްކަތްތައް ކުރުމަށް ކޮންމެ އަހަރަކު އެތައް ހާސް ބިދޭސީންނެއް ރާއްޖެ ގެންނަމުންދާކަން އެ ޚިތާބުގައި ރައީސް ފާހަގަ ކުރައްވާފައިވެ އެވެ.
ރައީސް ވިދާޅުވީ މަސައްކަތްތެރިންގެ އެތައް ހައްގުތަކެއް ނިގުޅައިގެންފައިވާ ކަމަށް ގަބޫލު ކުރަން ޖެހޭ ކަމަށާއި މުވައްޒަފުންގެ މެދުގައި ތަފާތު ކުރުމާއި ގާނޫނާ ޚިލާފަށް އިންޒާރު ދިނުމާއި ވަޒީފާއިން ވަކި ކުރުން ފަދަ ކަންކަން ސަރުކާރު ތެރޭގައި ނޫނަސް މިހާރު ވެސް ހިނގަމުންދާ ކަމަށެވެ. އަދި އެކަށީގެންނުވާ ތަންތަނުގައި ބިދޭސީން ބެއިތިއްބުމާއި އެ މީހުންނަށް މުސާރަ ނުދިނުން ފަދަ ކަންކަން ހުއްޓުވަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ. އަރާމު ކުރުމަށް އެކަށީގެންވާ ވަގުތު ނުދީ މަސައްކަތް ކުރުވުމާއި މަކަރާއި ހީލަތުން އޮޅުވާލައިގެން އެ މީހުން ލައްވައި މަސައްކަތް ކުރުވުމަކީ ވެސް މިހާރުން މިހާރަށް ހުއްޓުވަން ޖެހިފައިވާ ކަންކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.
މަސައްކަތްތެރިންނަކީ އިގްތިސާދެއް ކުރިއަރައި، ގައުމުގެ އާމްދަނީ އިތުރުކޮށް، ގައުމުގެ ތަރައްގީގެ މުހިންމު ދައުރެއް އަދާކުރާ ބައެއް ކަން ފާހަގަކޮށް، ރައީސްގެ ޚިތާބުގައިވަނީ އެ މީހުން ގައުމަށްޓަކައި ކުރަމުންދާ ޚިދުމަތުގެ އަގު ވަޒަންކޮށް، ސާބަސް ދޭންޖެހޭ ކަމަށެވެ.