ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން މޯލްޑިވްސް ޕޮލިސް ސާރވިސް އާއި ބައްދަލު ކޮށްފިއެވެ.
އެޗްރާރުސީއެމްއިން ބުނީ އެކޮމިޝަނުން ދަނީ ރިލްވާން ގެއްލިފައިވާ މައްސަލައިގައި ފުލުހުން ކުރިއަށް ގެންދާ ތަހުގީގު މޮނިޓަރކޮށް ތަހުގީގު އަވަސް ކުރުމަށް ބާރުއަޅަމުން ކަމަށެވެ.
އެގޮތުން މައްސަލައިގެ ތަހުގީގު ކުރިއަށް ގޮސްފައިވާ ހިސާބުގެ އަޕްޑޭޓް ގަވާއިދުން ލިޔުމުން ހޯދުމާއި އެފަރާތާއި އެކު ބައްދަލުވުންތައް ބާއްވަމުން ކަމަށް ބުންޏެވެ.
އަދި މި މައްސަލައިގައި ކުރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ ޝަރީއަތުގެ މަޖިލިސްތަކުގެ އަޑުއެހުމަށް އެ ކޮމިޝަނުން ކޯޓަށް ހާޒިރުވެފައިވާ ކަމަށް އެޗްއާރުސީއެމްއިން މައުލޫމާތު ދެއެވެ.
މީގެއިތުރުން މި މައްސަލައިގައި ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމާއި ފުލުހުންގެ ތަހުގީގާއި ގުޅޭ ގޮތުން އެ ކޮމިޝަނަށް ފާހަގަ ކުރެވޭ ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއިއެކު ބައްދަލުވުންތައް ބޭއްވިފައިވާ ކަމަށް އެކޮމިޝަނުން މައުލޫމާތު ދެއެވެ.
ރިލްވާން ގެއްލިފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުއެވެ.